ތަޖިކިސްތާން އަތުން މޮޅުވެ ޖޯޑަން އަށް ތާރީޚީ ކާމިޔާބެއް
ހަސަން ޝަމްއޫން
2/2/2024, 9:41:28 PM
ޖޯޑަންގެ ކުޅުންތެރިން ތަޖިކިސްތާން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށް ފަހު އުފާފާޅުކުރަނީ
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ތަޖިކިސްތާނާއި ޖޯޑަން ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖޯޑަން އިން އެގައުމުގެ ތަާރީޚުގައި ފުރަތަަމަ ފަހަރަށް އޭޝިއާގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ތަޖިކިސްތާނުން އެގައުމުގެ ތާރީޚުގައި ފުރަތަަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް އާއި ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ޕެނަލްޓީގައި އެޓީމު ބަލިކުރުމަށްފަހު އެވެ. އަދި ޖޯޑަން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން އިރާގު ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ޖޯޑަން އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް ކައުންޓާ އެޓޭކުތަކުގައި ތަޖިކިސްތާނުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 66 ވަނަ މިނެޓުގައި ޖޯޑަން އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑަކީ ތަޖިކިސްތާންގެ ޑިފެންޑަރު ވަހްދަތު ޚަނޮނޮވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ޖޯޑަންގެ ލަނޑަށްފަހު ތަޖިކިސްތާނުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޖޯޑަން ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ސެމީފައިނަލްގައި މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ޖޯޑަން ނުކުންނާނީ މިރޭ ކުޅެވުނު ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން އޮސްޓްރޭލިއާ ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދި ސައުތު ކޮރެއާ އާއި ދެކޮޅަށެވެ.