ޓަލިސްކާގެ ހެޓްރިކާއެކު އަލް ނަސްރު އިން އިންޓަ މިއާމީ ލަދުގަންނަވާލައިފި
ހަސަން ޝަމްއޫން
2/2/2024, 12:31:15 AM
އިންޓަ މިއާމީ ކޮޅަށް ލަނޑުޖެހުމަށް ފަހު ޓަލިސްކާ އުފާފާޅުކުރަނީ
ސައުދީ އަރަބިއާގައި މިހާރު ކުރިއަށްދާ ރިޔާދު ސީޒަން ކަޕްގައި ބުރާސްފަތި ދުވަހުގެ ރޭ އިންޓަ މިއާމީ އާއި އަލް ނަސްރު ވާދަކުރި މެޗު ފަސޭހަކަމާއި 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އަލް ނަސްރު އިން ކާމިޔާބުކޮށްފި އެވެ.
މުބާރާތުގެ ފުރަތަަމަ މެޗުގައި 4-3 ގެ ނަތީޖާއަކުން އަލް ހިލާލް އަތުން އިންޓަ މިއާމީ ބަލިވި އިރު، އެމެޗުގައި އަލް ހިލާލްގެ މުހިންމު 7 ކުޅުންތެރިއަކު ނުކުޅެއެވެ. އަދި އަލް ނަސްރާއި ދެކޮޅަށް ކުޅުނު މިމެޗުގެ ފުރަތަަމަ ހާފުގައި އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ ފުރަތަަމަ އެގާރައިގައި ހިމަނާފައި ނުވާއިރު، މިމެޗުގައި އަލް ނަސްރުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސަޑިއޯ މާނޭގެ އިތުރުން މިޑްފީލްޑަރު ސެކޯ ފޮފާނާ ބައިވެރިވެފައެއް ނުވެއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި އަލް ނަސްރުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު މެޗުގެ ފުރަތަަމަ 12 މިނެޓުގައި އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކްރޮއޭޝިޔާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި، ޕޯޗުގަލްގެ މިޑްފީލްޑަރު އޮޓާވިއޯ ކާމިޔާބުކުރި އިރު، ދެވަނަ ލަނޑު 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް އެންޑަސަން ޓަލިސްކާ އެވެ.
އޭގެ ދެމިނެޓު ފަހުން އަލް ނަސްރުގެ ފާހު ތެރެއިިން ލިބުނު ހިލޭ ޖެހުމެއްގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސްޕެނިޝް ޑިފެންޑަރު އެމެރިކް ލަޕޯޓް އެވެ. މިގެ އިތުރުން ވެސް މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މެޗުގެ ދެވަަނަ ހާފުގައި އަލް ނަސްރުން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ ޓަލިސްކާ އެވެ. އަދި އެޓީމުގެ ފަސްވަނަ ލަނޑު 68 ވަނަ މިނެޓުގައި ޒުވާން ފޯވާޑް މުހައްމަދު މަރަން ކާމިޔާބުކޮށްދިއިރު، 73 ވަނަ މިނެޓުގައި ޓަލިސްކާ ވަނީ އެޓީމުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދީ މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މެޗުގެ ފަހު 8 މިނެޓްގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެން ނުކުތްއިރު، ދެވަނަ ހާފުގައި ނަތީޖާގެ ފަރަގު ކުޑަކުރުމަށް އިންޓަ މިއާމީގެ ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒްގެ އިތުރުން ކޮލަންބިޔާގެ ފޯވާޑް ލިއޮނާޑޯ ކެމްޕާނާ އަށް ވަނީ ވަރަށް ހުސް ދެ ފުރުސަތު ލިބި ބޭނުން ނުކުރެވިފައެވެ.
މިމުބާރާތުގެ ފަހު މެޗުގައި މިމަހުގެ 8 ވަނަ ދުވަހުގެ ހަވީރު 16:00 އަލް ނަސްރުން ނުކުންނާނީ އަލް ހިލާލް އާއި ދެކޮޅަށެވެ.