ރަށުން ބޭރުގައި ވުލްވްސް އަތުން މޮޅުވެ ޔުނައިޓެޑުން 7 ވަނައަށް ކުރިއަށް ޖެހިލައިފި
ހަސަން ޝަމްއޫން
2/2/2024, 12:14:27 AM
ވުލްވްސް ކޮޅަށް ލަނޑުޖެހުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ
އިގިރޭސި ޕްރެމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 4-3 ގެ ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގެ 7 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ޔުނައިޓެޑުން ދެ ލަނޑުގެ ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަަމަ ލަނޑު މެޗު ފެށިގެން ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. މިއީ އެޓީމުގެ ޑެންމާކް ފޯވާޑް ރަސްމުސް ހޮއިލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޔުނައިޓެޑްގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ޑިފެންޑަރު ލޫކް ޝޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ފޯވާޑް ހޮއިލަންޑް އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ވުލްވްސް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފަހުހާފުގެ 71 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ޕަބްލޯ ސަރާބިއާ އެވެ.
ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން ޔުނައިޓެޑުގެ މިޑްފީލްޑަރު ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މިޑްފީލްޑަރު މެކް ޓޮމިނޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް އެޓީމަށް ދެލަނޑުގެ ލީޑެއް ހޯދައިދީފައެވެ.
މިމެޗުގައި ވުލްވްސް އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 85 ވަނަ މިނެޓުގައި ޑިފެންޑަރު މެކްސް ކިލްމަން ކާމިޔާބުކުރިއިރު، އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފޯވާޑް ޕެޑްރޯ ނެޓޯ އެވެ. ނަމަވެސް އޭގެ ދެމިނެޓު ފަހުން އިތުރު ވަގުތުގެ 7 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު ކޮބީ މައިނޫ އެވެ. މިއީ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު އެޓީމަށް އެންމެ ފަހުން ކުޅުނު ދެމެޗުގައި ކަމިޔާބުކުރި ދެވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 22 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 35 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 7 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ވުލްވްސް އިން ލީގުގައި ކުޅުނު 22 މެޗުން ލިބުނު 29 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 11 ވަނައިގައެވެ.