logoEN
cocacola
ރަށުން ބޭރުގައި ގެޓަފޭ އަތުން މޮޅުވެ ރެއާލް މެޑްރިޑް އަލުން އެއްވަނައަށް

ރަށުން ބޭރުގައި ގެޓަފޭ އަތުން މޮޅުވެ ރެއާލް މެޑްރިޑް އަލުން އެއްވަނައަށް

ހަސަން ޝަމްއޫން

logo

2/2/2024, 12:03:59 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ލަލީގާ# ގެޓަފޭ # ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑް ކުޅުންތެރިން ގެޓަފޭ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ސްޕެނިޝް ލަލީގާގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި ގެޓަފޭ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓުކުރި އިރު، މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 9 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް ހޯސެލޫ އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލްގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، 12 ވަނަ މިނެޓުގައި ގެޓަފޭގެ ޕެނަލްޓީ އޭރިއާ ތެެރެއިން ވިނީޝިއަސް ޖޫނިއަރ ފޮނުވާލި ހަމަލާ ގެޓަފޭގެ ކީޕަރު ޑޭވިޑް ސޮރިއާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ނަމަވެސް އޭގެ ދެމިނެޓު ފަހުން ރެއާލް މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ހޯސެލޫ އެވެ. މިއީ އެޓީމުގެ ލޫކަސް ވަސްކޭޒް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ރެއާލް މެޑްރިޑުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ ގެޓަފޭ އިންނެވެ. އެގޮތުން ދެވަނަ ހާފުގެ ފުރަތަަމަ 10 މިނެޓު ތެރޭގައި އެޓީމުގެ އިގިރޭސި ފޯވާޑް މޭސަން ގްރީންވުޑްގެ ފަރާތުން ނުރައްކާތެރި ދެ ހަމަލާއެއް ރެއާލްގެ ގޯލަށް ފޮނުވާލިއިރު، އޭގެތެރެއިން އެއް ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ރެއާލް މެޑްރިޑުން އެޓީމުގެ ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ހޯސެލޫ އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ގިނަ ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އޭގެ ތެރޭގައި ރެއާލްގެ ވިނީޝިއަސް އަށް ލިބުނު ހުސް ފުރުސަތުގައި ވެސް ހުރަހަކަށް ވީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގެޓަފޭގެ ކީޕަރު ޑޭވިޑް ސޮރިއާ އެވެ. އަދި މިހާފުގައި ގެޓަފޭ އިން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ފޯވާޑް މޮޔަރާލް އަށެވެ. ނަމަވެސް ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ މޮޔަރާލް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 22: މެޗުން ރެއާލް މެޑްރިޑަށް 57 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ގެޓަފޭ އިން ލީގުގައި ކުޅުނު 22 މެޗުން ލިބުނު 29 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ