ބާންލީ އަތުން މޮޅުވެ މެންޗެސްޓާ ސިޓީ ދެވަނައަށް
ހަސަން ޝަމްއޫން
2/1/2024, 2:11:41 AM
ބާންލީ ކޮޅަށް ލަނޑުޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ
އިގިރޭސި ޕްރެމިއާ ލީގުގައި ބުދަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބާންލީ އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓުކުރި އިރު އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ. މިއީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު މެތިއަސް ނުނޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ހަ މިނެޓް ފަހުން އަލްވަރޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މިއީ އެޓީމުގެ ޕޯޗުގަލް ޑިފެންޑަރު ޖޮއާއު ކަންސެލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މީގެ އިތުރުން ވެސް މިހާފުގައި ސިޓީ އިން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ފެށިގެން ފުރަތަަމަ މިނެޓުގައި ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ރޮޑްރީ އެވެ. މިއީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ބާންލީ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ޑިފެންޑަރު އަމީން އަލް ދަޚައިލް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 21 މެޗުން މެންޗެސްޓާ ސިޓީއަށް 46 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. ތިންވަނައިގައި އޮތް އާސެނަލް އަށް ވެސް 22 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު ސިޓީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި މިމެޗުން ބަލިވި ބާންލީ އިން ލީގުގައި ކުޅުނު 22 މެޗުން ލިބުނު 12 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 19 ވަނައިގައެވެ.