އެއްކުޅުތެރިއަކު މަދުކޮށް ކުޅެމުންދިޔަ އިރާގު ބަލިކޮށް ޖޯޑަން ކުއާޓާ ފައިނަލަށް
ހަސަން ޝަމްއޫން
1/29/2024, 9:18:56 PM
އިރާގާއި ޖޯޑަން ވާދަކުރި މެޗުގެ ތެރެއިިން
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ހޯމަދުވަހުގެ ހަވީރު އަރާގާއި ޖޯޑަން ވާދަކުރި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ދެ ލަނޑާއެކު 3-2 ގެ ނަތީޖާއަކުން އިރާގް ބަލިކޮށް ޖޯޑަން އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޖޯޑަން އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޔަޒާން އަލް ނައިމަތު އެވެ. މިއީ އިރާގުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖޯޑަން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ އިރާގުން ނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސުއަދު ނާތިކް އެވެ.
މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އަލީ ޖާސިމް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ހަ މިނެޓް ފަހުން އެޓީމުގެ އައިމަން ހުސެއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
ނަމަވެސް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރުމުގެ ތެރޭގައި ކުޅިވަރުގެ ރޫހާ ހިލާފު ވެފައިވާތީ ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު އޭނާއަށް ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.
އިރާގުން އެއްކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ޖޯޑަން އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔަޒާން އަބޫ އަލް އަރަބް އެވެ. އަދި އޭގެ ދެމިނެޓު ފަހުން އެޓީމުގެ ނިޒާރު އަލް ރަޝްދާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ޖޯޑަން ކުރީގައި އޮވެގެންނެވެ.
މުބާރަތުގެ ކުއާޓާ ފައިނަލުގައި ފެބުރުއަރީ މަހުގެ ދެވަނަ ދުވަހުގެ ހަވީރު ޖޯޑަން އިން ނުކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ. ތަޖިކިސްތާން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި ޔޫއޭއީ ބަލިކުރުމަށްފަހު އެވެ.