ވަޒީރުންނަށް ރުހުން ނުދޭން އުޅެނީ ޒާތީވެގެން - ނާޒިމް
އަލްފާ އަލީ
1/29/2024, 6:42:42 AM
ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް---
ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅުން މަސައްކަތް ކުރަނީ ޒާތީވެގެން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް އިއްޔެ ބާއްވާފައިވާއިރު، ކޮމެޓީ ރިޕޯޓަށް ވަނީ ބަހުސްކޮށްފައެވެ. އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސް އިން ނިންމާފައިވަނީ މި ސަރުކާރުގެ 4 ވަޒީރަކަށް ރުހުން ނުދިނުމަށެވެ. ނަމަވެސް އިއްޔެ ބާއްވަން އުޅުނު ވޯޓަށް އެހުމުގެ ސެޝަން ބާއްވަން ހުރަސް އެޅުމުގެ ސަބަބުން ވޯޓަށް އެހިފައެއް ނުވެއެވެ.
އެކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް ވިދާޅުވީ، ރައްޔިތުން އަމިއްލައަށް ގޮތް ނިންމާ ހޮވާފައިވާ ސަރުކާރުގެ އެންމެ ގާބިލް މިނިސްޓަރުންނަށް ރުހުންނުދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި ޝަރުތު ހަމަވެ ގާބިލު ބޭފުޅުންކަމުގައި ނިންމާފައިވަނިކޮށް، މަޖިލިސް ތަޅުމުން ވޯޓް ނުދީ އެބޭފުޅުން ބޭރުކޮށްލަން އުޅުމަކީ ޒާތީވެގެން ކުރާކަމެއް ކަމުގައި ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
މަޖިލީހުގެ މެޖޯރިޓީ ނަހަމަގޮތުގައި ބޭނުންކޮށްގެން ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ބަލިކަށި ކޮށްލެވޭނެކަމަށް އިދިކޮޅު މެންބަރުންނަށް ހީވި ކަމުގައިވިޔަސް އެއީ ކުށްހީއެއް ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
މި މައްސަލައިގައި ބާއްވާ ދެވަނަ ޖަލްސާ މިއަދު މެންދުރު 1:00ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ޖަލްސާގެ އެޖެންޑާގައި އޮތީވެސް ހަމައެކަނި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ގޮތެއް ނިންމުން އެކަންޏެވެ.