ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މިއަދު 1 ޖަހާއިރު
އަލްފާ އަލީ
1/29/2024, 6:30:49 AM
ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު އަސްލަމް ---
ވަޒީރުންނަށް ރުހުން ދިނުމަށް ބާއްވާ ދެވަނަ ޖަލްސާ މިއަދު މެންދުރު 1 ޖަހާއިރު ފެށުމަށް ހަމަޖެހިއްޖެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ފުރަތަމަ ނިންމާފައި ވަނީ މިއަދު ހެނދުނު 11:00 ގައެވެ. ނަމަވެސް މިހާރު ޖަލްސާ ކުރިއަށް ގެންދަން ނިންމާފައި ވަނީ މެންދުރު 1:00 ގައެވެ.
މަޖިލިހުގެ އިދާރާ އިން ޖަލްސާގެ އެޖެންޑާ އިއުލާންކޮށްފައިވާ އިރު، އެޖެންޑާގައި ހަމައެކަނި އޮތީ ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ހުށަހެޅި ރިޕޯޓާ މެދުގައި ގޮތެއް ނިންމުމެވެ.
މި މައްސަލައިގައި ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް އިއްޔެވެސް ބާއްވާފައިވެއެވެ. އިއްޔެ ހެނދުނު 9:00ގައި ފެށި މި ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭގޮތުން ހުށަހަޅާފައިވާ ކޮމެޓީ ރިޕޯޓަށް ވަނީ ބަހުސްކޮށްފައެވެ.
އިދިކޮޅު އެމްޑީޕީއާއި، ޑިމޮކްރެޓްސް އިން ވަނީ 4 ވަޒީރަކަށް ރުހުން ނުދިނުމަށް ނިންމާފައެވެ. މި މައްސަލާއިގައި ވޯޓަށް އެހުމަށް އިއްޔެ 1:30 އަށް ތާވަލުކުރިނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލިސް ކުރިއަށް ގެންދިޔުމަށް ހުރަސް އަޅާފައެވެ.
މި މައްސަލާގައި މަޖިލިސް ތަޅުމުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ބައެއް މެމްބަރުންނަށް އަނިޔާލިބި ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެއެވެ. އޭގެ ފަހުން ރޭގެ ވަގުތެއްގައިވެސް މި ޖަލްސާ ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރި ނަމަވެސް މަޖިލިސް ކުރިއަށް ގެންދިޔުމަށް ހުރަސް އެޅުމުގެ ސަބަބުން މި ޖަލްސާވެސް ބޭއްވިފައެއް ނުވެއެވެ.