
ރަށުން ބޭރުގައި ފިއޮރެންޓީނާ އަތުން މޮޅުވެ އިންޓަ މިލާން އެއްވަނައަށް
# އިންޓަ މިލާން# ބޭރު ދުނިޔޭގެ ކުޅިވަރު# ފިއޮރެންޓީނާ # އިޓާލިއަން ސެރިއޭފިއޮރެންޓީނާ އާއި ދެކޮޅަށް ކުޅުނު އިންޓަ މިލާންގެ ފުރަތަަމަ އެގާރަ
އިޓާލިއަން ސެރިއޭގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ފިއޮރެންޓީނާ އަތުން މޮޅުވެ އިންޓަ މިލާނުން ލީގު ތާވަލްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ފުރަތަަމަ ހާފުގެ 14 ވަނަ މިނެޓުގައި އިންޓަ މިލާނުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ.
މިއީ އެޓީމުގެ އަލްބޭނިއާ މިޑްފީލްޑަރު ކްރިސްޓްޖަން އަސްލާނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މާޓިނޭޒް ލީގުގައި ކުޅުނު 19 މެޗުގައި ކާމިޔާބުކުރި 19 ވަނަ ލަނޑެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ފިއޮރެންޓީނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އާޖެންޓީނާގެ ފޯވާޑް ނިކޮލަސް ގޮންޒާލޭޒް ކުރިއަށް ފޮނުވާލި ޕެނަލްޓީ އިންޓަ މިލާންގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 21 މެޗުން އިންޓަ މިލާނަށް 54 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ޔުވެންޓަސް އަށް 22 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ފިއޮރެންޓީނާ އިން ލީގުގައި ކުޅުނު 21 މެޗުން ލިބުނު 34 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފަސްވަނައިގައެވެ.