ވެލެންސިއާ އަތުން މޮޅުވެ އެތްލެޓިކޯ މެޑްރިޑް ތިންވަނައަށް
ހަސަން ޝަމްއޫން
1/29/2024, 5:13:34 AM
ވެލެންސިއާ އާއި އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިިން
ސްޕެނިޝް ލަލީގާގައި އާދިއްތަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށް އެތްލެޓިކޯ މެޑްރިޑުން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ އެތްލެޓިކޯ މެޑްރިޑުން މެޗު ޑޮމިނޭޓުކުރި އިރު އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ސެމުއެލް ލިނޯ އެވެ.
މިއީ އެޓީމުގެ ފޯވާޑް ގްރިޒްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެލެންސިއާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، އެތްލެޓިކޯ މެޑްރިޑުން އެޓީމު ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް ފޯވާޑް މެމްފިސް ޑިޕާއީ އެވެ.
މިއީ އެޓީމުގެ އާޖެންޓީނާ ޑިފެންޑަރު މޮލީނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 21 މެޗުން އެތްލެޓިކޯ މެޑްރިޑަށް 44 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް ބާސެލޯނާ އަށް ވެސް 21 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ވެލެންސިއާ އިން ލީގުގައި ކުޅުނު 22 މެޗުން ލިބުނު 32 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 8 ވަނައިގައެވެ.