ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރާ މަސައްކަތަށް ހުރަސް އެޅުން - ޕީއެންސީ
އަލްފާ އަލީ
1/28/2024, 7:02:40 AM
ޕީއެންސީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ---
ވަޒީރުންނަށް ރުހުން ނުދިނުމަކީ ސަރުކާރުގެ މަސައްކަތަށް ހުރަސް އެޅުން ކަމަށް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
ސަރުކާރުގެ މައި ޕާޓީ ކޮންގްރެސް ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ، ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމުގައި އެކޯލިޝަނުން ގަބޫލުކުރާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޤާނޫނީ ގޮތުން ރައްޔިތުން އިންތިޚާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށްމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރަތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި، އިދާރާތައް ހިންގެވެމުމަށް ޤާބިލު ބޭފުޅުން ޢައްޔަން ކުރެއްވުން އެއީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށެވެ.
ދައުލަތުގެ ވުޒާރާތައް ހިންގެވުމަށް ރައީސް މުއިއްޒު އައްޔަންކޮށްފައިވާ ވަޒީރުންނަކީ ކަމަށް ގާބިލް އެވުޒާރާތައް ހިނގެވުމުގެ ތަޖުރިބާ ހުންނެވި އަދި އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދެއްވައިގެން މަަސައްކަތްކުރައްވާނެ ވަޒީރުން ކަމާމެދު ކޮންގްރެސް ކޯލިޝަނުން ޝައްކު ނުކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާ ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި، ވައުދުތައް ފުރިހަމަގޮތުގައި ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތް އެ ވަޒީރުން ކުރައްވާނެ ކަމާމެދުވެސް އެކޯލިޝަނުން ޝައްކުނުކުރައްވާ ކަމަށް ބުނެފައިވެއެވެ.
އެބަޔާނުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ވުޒާރާތަަކަށް އައްޔަންކުރައްވާފައިވާ ވަޒީރުންނަށް އެބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ދިނުމަކީ ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ ކަމެއް ކަމަށް އެ ކޯލިޝަނަށް ގަބޫލުކުރެވޭތީ އެމަނިކުފާނުގެ ކެބިނެޓަށް އައްޔަންކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުސަތު ދީ ވަޒަން ކުރުމެއްނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުން ކަމާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތަށް ފާޅޫގައި ހުރަސް އެޅުން ކަމުގައި ދެކޭ ކަމަށް އެ ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.