ކެމަރޫން ކަޓުވާލުމަށްފަހު ނައިޖީރިއާ ކުއާޓާ ފައިނަލަށް
ހަސަން ޝަމްއޫން
1/27/2024, 11:47:20 PM
ނައިޖީރިއާގެ ފޯވާޑް ވިކްޓަރ އޯސިމެން
އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި 2-0 ގެ ނަތީޖާއަކުން ކެމަރޫން ބަލިކޮށް ނައިޖީރިއާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ނައިޖީރިއާ އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ކެމަރޫން ދެވަނަ ބުރުގެ ޖާގައެއް ހޯދީ ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައި ކުޅެ ކެމަރޫނުން މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރީ ނައިޖީރިއާ އިންނެވެ. އެގޮތުން މެޗުގެ 9 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ނައިޖީރިއާ އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓްލާންޓާގެ ފޯވާޑް އެޑިމޯލާ ލުކްމޭން އެވެ. މިއީ އެޓީމުގެ މިއީ އެޓީމުގެ ނަޕޯލީ ފޯވާޑް ވިކްޓަރ އޯސިމެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނައިޖީރިއާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ނައިޖީރިއާ އިން މިމެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ލުކްމޭން އެވެ. މިއީ އެޓީމުގެ ފުލަމް ޑިފެންޑަރު ކެލްވިން ބަސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނައިޖީރިއާ ކުރީގައި އޮވެގެންނެވެ. އަދި މުބާރަތުގެ ކުއާޓާ ފައިނަލުގައި ފެބުރުއަރީ މަހުގެ ދެވަނަ ދުވަހު އެޓީމުން ނުކުންނާނީ އެންގޯލާ އާއި ދެކޮޅަށެވެ.