ފަހަތުން އަރައި ނައިޖީރިއާ ބަލިކޮށް އައިވަރީ ކޯސްޓުން ޗެންޕިއަންކަން ހޯދައިފި
ހަސަން ޝަމްއޫން
2/12/2024, 12:33:52 AM
ނައިޖީރިއާގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީ އާއެކު އުފާފާޅުކުރަނީ
އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލު މެޗުގައި އާދިއްތަ ދުވަހުގެ ރޭ 2-1 ގެ ނަތީޖާއަކުން ނައިޖީރިއާ ބަލިކޮށް އައިވަރީ ކޯސްޓުން މުބާރަތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އައިވަރީ ކޯސްޓުން މުބާރަތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކޮންގޯ ބަލިކުރުމަށްފަހު އެވެ. އަދި ނައިޖީރިއާ އިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގައި ދެކޮނު އެފްރިކާ އާއި ވާދަކޮށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ނައިޖީރިއާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ވިލިއަމް ޓްރޫސްޓް-އެކޮންގް އެވެ. މިއީ އައިވަރީ ކޯސްޓުގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ފުރުސަތެއްގައި ބޮލުން ކުރިއަށް ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ނައިޖީރިއާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އައިވަރީ ކޯސްޓުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލް އަހްލީގެ މިޑްފީލްޑަރު ފްރޭންކް ކެސީ އެވެ. މިއީ އެޓީމު ޒުވާން ފޯވާޑް ސައިމަން އެޑިންގްރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އައިވަރީ ކޯސްޓުން މިމެޗުގައި ފުރަތަަމަ ފަހަރަށް ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް ސެބަސްޓިއަން ހޯލާރ އެވެ. މިއީ ވެސް މިމެޗުގައި މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ޒުވާން ފޯވާޑް ސައިމަން އެޑިންގްރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އައިވަރީ ކޯސްޓް ކުރީގައި އޮވެގެންނެވެ. އަދި ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އައިވަރީ ކޯސްޓުގެ ދެލަނޑު ވެސް ކާމިޔާބުކޮށްދިނުމަށް ފުރުސަތު ތަނަވަސްކޮށްދިން ސައިމަން އެޑިންގްރާ އެވެ.
މުބާރާތުގެ އެންމެ މޮޅު ގޯކުކީޕަރު މަގާމު ލިބުނީ ސައުތު އެފްރިކާގެ ކީޕަރު ރޮންވެން ވިލިއަމްސް އެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވުނީ ސައުތު އެމެރިކާ އެވެ. މުބާރާތުގެ ޓޮޕް ސްކޯރާގެ މާގާމު ހޯދީ އެކުއަޓޯރިއަލް ގިނީގެ ފޯވާޑް އެމިލިއޯ އެންސޫ އެވެ. އޭނާ ވަނީ މި މުބާރާތުގައި 5 ލަނޑު ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިއާގެ ޑިފެންޑަރު ވިލިއަމް ޓްރޫސްޓް-އެކޮންގް އެވެ.