logoEN
cocacola
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަވާނެ ގޮތަށް ސަރުކާރުގެ އިމާރާތްތަކަށް ބަދަލު ގެންނާނެ

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަވާނެ ގޮތަށް ސަރުކާރުގެ އިމާރާތްތަކަށް ބަދަލު ގެންނާނެ

އައިޝަތު އިފާޝާ

logo

1/25/2024, 6:03:03 PM

# އަހާ ފޯރަމް

އަހާ ފޯރަމްގެ ތެރެއިން

ސަރުކާރުގެ ޚިދުމަތްތައް ދޭ އިމާރާތްތަކަކީ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވަދެ ނިކުމެ އުޅޭވޭ އަދި އެ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭ ތަންތަނަށް ހެދުމަށް އިމާރާތްތަކަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ވަޒީރު މިހެން ވިދާޅުވީ، އާއްމުންގެ ޝަކުވާތަށް ގާތުން އަޑު އެހުމަށް ސަރުކާރުން އިންތިޒާމްކޮށް ފަށާފައިވާ "އަހާ" ފޯރަމްގެ ފުރަތަމަ ބައްދަލުވުމުގައެވެ.

ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި ފޯރަމްގައި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް، ސަރުކާރުގެ އިމާރާތްތަކުން ޚިދުމަތް ހޯދުމުގައި ހުރި ދަތިތަކުގެ ޝަކުވާ އާއްމުންގެ ގިނަ ބަޔަކު ވަނީ ހުށައަޅާފައެވެ.

މިކަމާއި ގުޅިގެން އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މިވަގުތު ކުރަމުންދަނީ، މިހާރު ހުރި އިމާރާތްތަކުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތްކަމަށެވެ. އަދި ގިނަ އިމާރަތްތައް ހުރިގޮތުން ބަދަލުތައް ގެންނަން ދަތިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ބަދަލުގެނެވެން ހުރި އިމާރާތްތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާކަމަށެވެ.

އެގޮތުން އިމާރާތްތަކަށް ވަނުމާއި، އަރާފޭބުމާއި، ލިފްޓާއި އަދި ފާހަނަތައް ހެދިފައި ހުރި ގޮތްތަށް ބަލަމުންދާކަމަށާއި، އެކްސެސިބިލިޓީއަށް ފަހިކޮށްދެވެންހުރި އިމާރާތްތައް ދެނެގަނެ އެ ބަދަލުތައް ވީހާވެސް އަވަހަށް ގެންނަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަލަށް ހަދާ ސަރުކާރުގެ ހުރިހާ އިމާރާތްތައް ވެގެންދާނީ ޚާއްސަ އެޙިތެރިކަމަށް ބޭނުންވާ މީހުންނަށް ހުރިހާ ޚިދުމަތްތަކެއްވެސް ފަސޭހައިން ލިބޭގޮތަށް ފަރުމާ ކުރާ އިމާރާތްތަކަށް ވާނެކަމަށެވެ.

"ސަރުކާރުގެ އިމާރާތްތައް ފަރުމާކުރާއިރު ބިލްޑިން ކޯޑަށް ބަދަލުތައް ގެންނަންވަނީ ނިންމާފައި. އެއީ ވީހާވެސް އެކްސެސިބަލް އިމާރާތެއް ގޮތުގައި ފަރުމާކުރުމަށް. މިހާރު ހުރި އިމާރާރްތަކަށް ބަދަލު ގެނައުމަށް ވަނީ މަސައްކަތްތައް ފެށިގައި. އަލަށް ހަދާ ހުރިހާ އިމާރާތްތައް ހުންނާނީ ހުރިހާ ޚިދުމަތްތައް ފަސޭހަވާގޮތަށް." ޑރ.މުއްޠަލިބް ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިސްކިތްތަކަކީވެސް ޚާއްސަ އެހިތެރިކަމަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭ އިމާރާތްތަކަށް ހެދުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށެވެ. އަދި އެ ބަދަލުތައް ވީހާވެސް އަވަހަށް ގެންނަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުން މިސްކިތަށް ވަނުމަށް ދިމާވާ ދަތިތަކަށް މާލެ ސިޓީ ކައުންސިލާ ގުޅިގެން ރޯދަމަސް ފެށުމުގެ ކުރިން ހައްލު ގެނެސްދޭނަން." ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ، ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ޚިދުމަތްތައް ލުއިފަސޭހަކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ކެބިނެޓްގައިވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާ މަސައްކަތެއްކަމަށެވެ. އަދި ސަރުކާރު އޮފީސްތަކަށް ހިދުމަތް ހޯދަން ދާ މީހުންގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން ސަރުކާރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އެކަށީގެންވާ މާޙައުލެއް ޤާއިމުކޮށްދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އޮފީސް މާޙައުލަކީ ފަސޭހައިން މަސައްކަތްކުރެވޭ ތަނަކަށް ހަދާނަން. ރައީސްވެސް ގައިޑެންސް ދެއްވީ އެގޮތަށް. ހައުސިން އަދި އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއެކު ވަނީ މަސައްކަތްތައް ފެށިފައި." އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

އޮފީސްތަކުގެ އިތުރުން ކުޅިވަރުކުޅޭ ފެސިލިޓީތަކަކީވެސް ޚާއްސަ އެހީއަށް ބޭނުންވާ މީޙުންނަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭ ތަންތަނަށް ހައްދަވައިދެއްވާނެކަމަށް ފޯރަމްގައި ބައިވެރިވި ކުޅިވަރާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ދެމުންގެންދާ ޚިދުމަތްތަކަކީ ވަކި ބަޔަކު ބާކީ ނުކޮށް، އެންމެންނަށްވެސް ހަމަހަމަ ފުރުޞަތު ލިބޭގޮތަށް ދެވޭ ހިދުމަތްތަކަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ މަސައްކަތްކަކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ