މައުރިޓޭނިއާ އަތުން ބަލިވެ އަލްޖީރިޔާ މުބާރަތުން ކަޓައިފި
ހަސަން ޝަމްއޫން
1/24/2024, 3:15:14 AM
އަލްޖީރިޔާ އަތުން މޮޅުވުމުން މައުރިޓޭނިއާ ގެ ކުޅުންތެރިން އުފާފާޅުކުރަނީ
އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ގްރޫޕް ޑީގައި އަންގާރަދުވަހުގެ 1-0 ގެ ނަތީޖާއަކުން މައުރިޓޭނިއާ އަތުން ބަލިވެ އަލްޖީރިޔާ މުބާރަތުން ކަޓައިފި އެވެ.
2019 ވަނަ އަހަރު ބޭއްވުނު އެފްރިކަން ކަޕް އޮފް ނޭޝަންސް ގެ ޗެންޕިއަން އަލްޖީރިޔާ އިން މިއަހަރުގެ މުބާރާތުގެ ފުރަތަަމަ މެޗުގައި އެންގޯލާ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު, ދެވަނަ މެޗުގައި ބުރުކީނާ ފާސޯ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމް ވަނީ އެއްވަރުވެފައެވެ.
ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އަލްޖީރިޔާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، މައުރިޓޭނިއާ އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޔަލީ ޑެލަހާއި އެވެ. މިއީ އަލްޖީރިއާގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މައުރިޓޭނިއާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އަލްޖީރިޔާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި އެޓީމުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން މައުރިޓޭނިއާ ކުރީގައި އޮވެގެންނެވެ. މިއީ މިމުބާރާތުގެ މެޗަކުން މައުރިޓޭނިއާ މޮޅުވި ފުރަތަަމަ ފަހަރެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ތިން މެޗުން މައުރިޓޭނިއާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު އެޓީމު ގުރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލީ ގުރޫޕް ޑިގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލްޖީރިޔާ އިން ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު އެޓީމު މުބާރާތް ނިންމާލީ ގުރޫޕްގެ ފުލުގައި އޮވެއެވެ.