
resize
ގްރޭންޑް ތެފްޓް އޮޓޯ 6 ގެ ޓްރެއިލާ ރިލީޒް ކުރާ ތާރީހު ރޮކްސްޓާ ގޭމްސް އިން ޓުވީޓެއް މެދުވެރިކޮށް ކަށަވަރުކޮށްދީފި އެވެ.

މަޝްހޫރު މި ގޭމުގެ ފުރަތަމަ ޓްރައިލާ ނެރެން ހަމަޖެހިފައިވަނީ ޑިސެމްބަރު 5 ވާ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 07:00 ގައި އެވެ. ތާރީހު ހާމަކުރުމަށް ކުރި ޓުވީޓުގައި ގޭމުގެ އެއްވެސް އިތުރު ފުޓޭޖެއް ދައްކާނުލި ނަމަވެސް ބްރޭންޑިންގ ހަދާފައިވަނީ އިރު އޮއްސުމާއި ޕާމް ޓްރީ ސިލޫއެޓްގެ ފޮޓޯއެއްގައި އެވެ. މިއާއި އެކު ޖީޓީއޭ 6 އަކީ މިއާމީގެ ފިކްޝަނަލައިޒްޑް ވާޝަނެއްގައި ހަދާފައިވާ ގޭމެއް ކަމަށް މީގެ ކުރިން ދެކެވުނު ވާހަކަތަކަށް އިތުރު ޔަގީންކަމެއް ވަނީ ލިބިގެން ގޮސްފައި އެވެ.
2022 ވަނަ އަހަރުގެ މެދުތެރެއިން ޖީޓީއޭ 6 އާ ބެހޭ ގޮތުން ލީކުވި ބައެއް މައުލޫމާތުތަކުން ބުނާ ގޮތުގައި މި ގޭމުގައި ކުރިން ގޭމުތަކާއި ހިލާފަށް މިފަހަރު ލީޑް ދެ ފިކްޝަނަލް ކެރެކްޓަރުން ފެނިގެންދާނެ އެވެ. އެގޮތުން އެއީ ލީޑް ކްރައިމް ދެމަފިރިން ކަމަށްވާ ދެ ކެރެކްޓަރުން ކަމަށްވާ ޖޭސަން އާއި ލޫސިއާ ކަމަށް އޭރު ލީކުވި މައުލޫމާތު ތަކުން ބުނެއެވެ. ޖީޓީއޭ 6 އެއް ވެގެންދާނީ މި ގޭމްގެ ވާޝަންއަކަށް އަންހެން ލީޑް ކެރެކްޓަރަކު އަންނާނެ ފުރަތަމަ ފަހަރަށެވެެ.
އޮކްޓޯބަރު މަހުގެ ނިޔަލަށް 2013 ވަނަ އަހަރު ރިލީޒްކުރި ގްރޭންޑް ތެފްޓް އޮޓޯ ވީ ނުވަތަ ފަހެއްގެ 190 މިލިއަން ކޮޕީ މުޅި ދުނިޔޭގައި ވިއްކާފައިވާއިރު، މުޅި ކޮންސޯލްގެ ދެ ޖެނެރޭޝަނަކަށް އެޖަސްޓް ކުރުމަށް ކުދި ގްރެފިކަލް އަދި ޕާފޯމަންސް އަޕްގްރޭޑްތައް ވަނީ ގެނެސްފައި އެވެ.
ރޮކްސްޓާ އިން އިއްޔެ ބުނީ އެ ކުންފުނީގެ ރީމާސްޓާޑް ގްރޭންޑް ތެފްޓް އޮޓޯ ޓްރިލޮޖީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން ނެޓްފްލިކްސް އިން ކުޅެވޭނެ ކަމަށެވެ.
"ގްރޭންޑް ތެފްޓް އޮޓޯ 6" އެންމެ ފުރަތަމަ ރިލީޒްކުރާނީ މިހާރުގެ ޕީއެސް5 އަދި އެކްސްބޮކްސް ސީރީޒް އެސް/އެކްސް ގައި ކަމަށް ބެލެވެ އެވެ. އަދި އެއަށްފަހު ޕީސީތަކަށް ގޭމުގެ ރިލީޒްކުރާނެ ކަމަށް ބެލެވެއެވެ.
މި ގޭމް ރިލީޒްކުރާނެ ކަމަށް ބޮޑަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިއެވެ.
ޖީޓީއޭއަކީ ރާއްޖޭގެ ގިނަ ބައެއްގެ މެދުގައިވެސް މަޝްހޫރުވި ގޭމެކެވެ. އެގޮތުން ޖީޓީއޭ ސެންއެެންޑްރެސް އަދި ވައިސް ސިޓީ ފަދަ ވާޝަންތަކަކީ 2000 ގެ ކުރީ ކޮޅު ގިނަ ދިވެހިންތަކެއްގެ ޝައުގުވެރިކަން ހުއްޓުނު ގޭމްތަކެކެވެ.