logoEN
ޕީއެންސީ 2
ކޮރަޕްޝަން ހުއްޓުވުމަށް މުޅި މުޖްތަމަޢާއި ވަކިވަކި ފަރުދުން ގުޅިގެން މަސައްކަތްކުރަންޖެހޭ - ރައީސް

ކޮރަޕްޝަން ހުއްޓުވުމަށް މުޅި މުޖްތަމަޢާއި ވަކިވަކި ފަރުދުން ގުޅިގެން މަސައްކަތްކުރަންޖެހޭ - ރައީސް

އަލްފާ އަލީ

logo

12/9/2022, 6:46:50 PM

266359_39162967-5_

ކޮރަޕްޝަންގެ ޢަމަލުތަކަކީ، ހަމައެކަނި ވަކި މުއައްސަސާއަކުން ނުވަތަ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ސިޔާސަތަކުން ހުއްޓުވޭނެ ކަމެއް ނޫންކަމަށާއި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، މުޅި މުޖްތަމަޢާއި ވަކިވަކި ކޮންމެ ފަރުދެއްމެ، ކޮރަޕްޝަންގެ ޢަމަލުތަކާ ދެކޮޅަށް ތެދުވެ ގުޅިގެން މަސައްކަތްކުރަންޖެހޭކަމުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިޠާބުގައެވެ.

ޝަރީ 2024

މި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގައި ކޮރަޕްޝަން ފެތުރިފައިވާ މިންވަރު ހާމަކުރައްވައި، ޤައުމެއްގައި ނުވަތަ މުޖްތަމަޢެއްގައި ކޮރަޕްޝަންގެ ޢަމަލުތައް ފެތުރިއްޖެ ނަމަ، އެކަމުގެ ގެއްލުން ނުފޯރާ އެންމެ ދާއިރާއެއްވެސް ނޯންނަކަމަށާއި، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އެތައް ގެއްލުމެއް ތަޙައްމަލުކުރަން ޖެހޭކަމުގައި ވިދާޅުވެފައެވެ. އަދި ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުން ލަސްވާ ވަރަކަށް، އެކަމުގެ ސަބަބުން ޤައުމީ ތަރައްޤީއަށާއި ރައްޔިތުންގެ ފުދުންތެރިކަމަށާއި، މުޖްތަމަޢުގެ ހަމަޖެހުމަށް ލިބޭ ގެއްލުން ވަކިން ބޮޑަށް އިތުރުވެގެންދާކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ކޮރަޕްޝަން ހުއްޓުވުމުގައި އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ، އެފަދަ މައްސަލަތައް ރިޕޯޓްކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ކަނޑައެޅިފައި އޮތުމާއި، ދައުލަތުގެ މާލީ އަދި އިދާރީ ހިންގުންތެރިކަމުގެ ހާމަކަމާއި ފާޅުކަން މިހާރަށް ވުރެ އިތުރުކުރުން ކަމުގައި ވަނީ ހާމަކުރައްވާފައެވެ. ހަމައެފަދައިން، ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަޙުޤީޤު ކުރުމުގެ ފުރިހަމަ މިނިވަންކަމާއި އިޚްތިޔާރު، އެކަމާ ގުޅުން ހުރި މުއައްސަސާތަކަށް ދިނުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން ވެސް ރައިސުލްޖުމްހޫރިއްޔާ ވަނީ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ ޢަމަލެއް ހިންގުމަށް ވެސް އެމަނިކުފާނު ރުހިވަޑައިނުގަންނަވާ ކަމަށާ، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ އެންމެހައި ކަންކަން، ޤާނޫނީ އިމުގެ ތެރެއިން، ފުރިހަމަ ނަޒާހަތްތެރިކަމާ އެކުގައި ކުރުމަށާއި، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އެފަދަ މުޢާމަލާތްތައް ހިންގުމަށް އަބަދުވެސް އިރުޝާދު ދެމުންގެންދަވާކަން ފާހަގަކުރައްވައިފައެވެ. ހަމައެފަދައިން ދައުލަތުގެ އެއްވެސް އިދާރާއެއްގައި، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ފަދަ އެއްވެސް ޢަމަލެއް ހިނގާނަމަ، އެކަމެއް ވީއެންމެ އަވަހަކަށް ރިޕޯޓްކުރުމަކީ ދިވެހި ރައްޔިތުންގެ ފަރާތުން ނުހަނު ބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ޙާޞިލުކުރެވޭނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންކަމަށާއި، ކޮންމެ މީހަކީ، އެމީހެއްގެ އަމިއްލަ ނަފްސުން ފެށިގެން، ޢާއިލާއާއި މުޖްތަމަޢުގައި ވެސް، ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހަކަށް ވެއްޖެނަމަ، ކޮރަޕްޝަންގެ ވަބާއިން މުޖްތަމަޢު ސަލާމަތްކުރުމަކީ އުނދަގޫ ކަމެއް ނޫންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ