








GMG_0105
ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑްސް) އިން ނަޑެއްލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމްކޮށްފި އެވެ.
ގުލޯބަލް އެންވާރަމަންޓް ފަންޑު (ޖެފް) ގެ އެހީގައި ޔޫ.އެން.ޑީ.ޕީ އާއި ގުޅިގެން ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑްސް) އިން ކުރިއަށް ގެންދިޔަ "ގްރީން އެނާރޖީ" މަޝްރޫޢު މެދުވެރިކޮށް ގދ. ނަޑެއްލާ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ތެޔޮ އަންދައިގެން ބޭނުންކުރުން ހުއްޓާލުމުގެ މަޤްސަދުގައި ކުރެވުނު މަސައްކަތުން އެ މަރުކަޒުގައި ބޭނުންކުރާ ހަކަތަ އިޔާދަކުރަނިވި ހަކަތައަށް މިހާރު ވަނީ ބަދަލުކުރެވިފައެވެ.
މި މަޝްރޫޢު ނިންމާ ހިދުމަތް ފެށުމަށް ނިޑްސް އިން ވަނީ މިއަދު ނަޑެއްލާ ސްކޫލުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އާއި ޔޫއެންޑީޕީ މޯލްޑިވްސް ގެ ރެސިޑެންޓ ރެޕްރެސެންްޓޭޓިވް އެންރީކޯ ގަވޭގލިއާ ބައިވެރިވެވަޑައިގެންނެވި އެވެ.
ނިޑްސް އިން ވިދާޅުވީ، ގްރީން އެނާރޖީ ޕްރޮޖެކްޓްގެ ދަށުން ނަޑެއްލާ ކައުންސިލާއި، ފެނަކަ ނަޑެއްލާ ބުރާންޗް, ނަޑެއްލާ ސްކޫލް, އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އެހެނިހެން ފަރާތްތައް ގުޅިގެން ކުރި މަސައްކަތުން ނަޑެއްލާ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި 12 ކިލޯވޯޓުގެ ސޯލާ ޕެނަލް ސިސްޓަމެއް ހަރުކުރެވި ބޭނުންކުރުމަށްވަނީ ތައްޔާރުކޮށްފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ތެޔޮ އަންދައިގެން އުފައްދާ ހަކަތައިގެ މިންވަރު ދަށްކުރުމާއި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުން ކަމަށް ނިޑްސްއިން ވިދާޅުވި އެވެ.
އިއާދަކުރުވަނިވި ހަކަތައަށް ޢާއްމުންނާއި މުއައްސަސާތައް ހޭލުންތެރި ކުރުވުމަށް ނިޑްސްއިން ވަނީ ހާއްސަ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.
ނިޑްސް އިން ވިދާޅުވީ، އިއާދަކުރުވަނިވި ހަކަތައިގެ ނިޒާމެއް ޤާއިމްކުރުމަށް އެނާރޖީ އޮޑިޓްއެއް ހެދުމަށްފަހު ސޯލާ ޕެނަލް ސިސްޓަމްއެއް ކުނި މެނޭޖުކުރާ ސެންޓަރުގައި ހަރުކޮށް މިހާރު ޓެސްޓުކޮށްފައިވާކަމަށެވެ. މި ނިޒާމު ބޭނުންކުރަން ފެށުމުން ކުނި ނައްތާލުމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީޒްތަކާއި އެހެނިހެން ކަރަންޓުގެ ވަޞީލަތްތަތައް އިއާދަ ކުރުވަނިވި ހަކަތައިގެ ދަށަށް ބަދަލުވެ ތެލަށްކުރަންޖެހޭ ޙަރަދު ކުޑަވެގެންދާނެ ކަމަށް ނިޑްސް އިން ވިދާޅުވި އެވެ. އެގޮތުން އަހަރެއްގެ މައްޗަށް 2.37 ޓަނުގެ ކާބަން ޖައްވަށްދޫކުރުން މަދުކުރެވި, ތެލަށްކުރެވޭ ޙަރަދުން 65,6541 ރުފިޔާ ސަލާމްކުރެވޭއިރު 13,500 ކިލޯވޯޓުގެ އިޔާދަކުރަނިވި ހަކަތަ އުފެއްދޭނެކަމަށް އެނާރޖީ އޮޑިޓުން ދައްކާ ކަމަށްވެސް ނިޑްސްއިން ވަނީ މައުލޫމާތުދެއްވާފައެވެ.
އޭގެ އިތުރުން ހަކަތަ އުފެއްދުމަށް ތެޔޮ އެންދުމުގެ ސަބަބުން ޖައްވު ނުސާފުވުމާއި ރައްޔިތުންގެ ސިއްޙަތަށް ނޭދެވޭ އަސަރުތައް ކުރުން ކުޑަކުރެވި ދެމެހެއްޓެނިވިގޮތެއްގައި ކުނި މެނޭޖުކުރުމަށް މަގުފަހިވެފައިވާ ކަމަށްވެސް ނިޑްސްއިން ވަނީ ވިދާޅުވެފައެވެ.
"ގްރީން އެނާރޖީ" ނަމުގައި ކުރިއަށް ގެންދިޔަ މި މަޝްރޫޢުއަކީ ގދ.ނަޑެއްލާއަށް އަމާޒުކޮށްގެން ނިޑްސްގެ ފަރާތުން 02 އަހަރުގެ މުއްދަތަކަށް ރަށުގެ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި އާންމު ރައްޔިތުންނާއި ގުޅިގެން ހިންގުނު މަޝްރޫޢުއެކެވެ.
މި ބަދަލުތަކާއި އެކީ ކަރަންޓަށް ފާއިތުވި އަހަރުތަކުގައި ރަށުން ކުރަމުންދިޔަ ބޮޑެތި ޚަރަދުތައް ދަށްކޮށް، އިޖްތިމާޢީ އަދި އިޤްތިސާދީ ލުއިތައް ރަށަށް ލިބި، އެސް.ޑީ.ޖީސް ގެ 13 ވަނަ ލަނޑުދަނޑިއަށް ވާސިލުވާން މި މަޝްރޫޢުގެ ސަބަބުން އުއްމީދުލިބިގެންދާނެ ކަމަށް ނިޑްސްއިން ވިދާޅުވެއެވެ.








