ގއ. އަތޮޅުގައި ކޮވިޑް ވެކްސިން ދޭން ފަށައިފި

ގއ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ދޭން ފަށައިފިއެވެ.

އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ވެކްސިން ދޭން ފަށާފައިވަނީ އިއްޔެ އެވެ. ނަމަވެސް ގއ. އަތޮޅު ހޮސްޕިޓަލަށް ވެކްސިން ލިބުން ލަސްވުމާ ގުޅިގެން ވެކްސިން ދިނުން އޮތީ މިއަދަށް ތާވަލްކޮށްފައެވެ. އެ ވެކްސިން ގއ. އަތޮޅު ހޮސްޕިޓަލަށް ލިބުނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

އެ އަތޮޅު ހޮސްޕިޓަލުގައި ވެކްސިން ދޭން ފަށާފައިވަނީ މިއަދު މެންދުރު 14:30 އިން ފެށިގެންނެވެ. "ގާފު" އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހުމަދު ވިދާޅުވީ އެ އަތޮޅުގެ ހުރިހާ ސިއްހީ ޚިދުމަތްތެރިންނާއި ފްރޮންޓްލައިން މުވައްޒަފުންނަށް ބޭނުންވާ ވަރަށް ވެކްސިން ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުގައި މިވަގުތު ކޮވިޑް ވެކްސިންގެ 640 ޑޯޒް އެބަ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ގއ. އަތޮޅުގައި ސިއްޙީ ޚިދުމަތްތެރިންގެ ގޮތުގައި 294 މުވައްޒަފަކު ހަރަކާތްތެރިވެއެވެ.

ރާއްޖޭގައި މިހާރު ދެމުން އަންނަނީ އޮކްސްފޯޑް ޔުނިވަސިޓީން އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިން ދޭން ޖެހެނީ 2 ޑޯޒަށެވެ. އެގޮތުން ފުރަތަމަ ޑޯޒް ޖެހުމުގެ ހަތަރު ހަފްތާ ފަހުން ދެވަނަ ޑޯޒެއް ޖަހަން ޖެހެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ވެކްސިން ޖަހާނީ ފުރަތަމަ ސިއްޙީ ދާއިރާގެ ޚިދުމަތްތެރިންނާއި ފްރޮންޓްލައިން މުވައްޒަފުންނަށެވެ.

 

 

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް