
ވެކްސިން|Vaccine
ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ހަތަރުވަނަ ޑޯޒް ފުރިހަމަކުރީ 689 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިހާތަނަށް 398،949 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އަދި 384،648 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެއެވެ. މީގެ އިތުރުން ކޮވިޑުން ރައްކާތެރުވުމަށް ރާއްޖޭގައި ދެމުން ގެންދާ ތިންވަނަ ޑޯޒް (ބޫސްޓާ ޑޯޒް) ޖަހާފައިވަނީ 165،066 މީހުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެނެވެ. މިވަގުތު ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ ފަރާތްތަކަކީ 65 އަހަރު ވެފައިވާ މީހުންނާއި 18 އަހަރާއި 64 އަހަރާއި ދެމެދުގެ ފަރާތްތަކުގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ.
އެ ޑޯޒް ޖަހާނީ އޭގެ ތެރެއިން ކޮވިޑްގެ ފުރަތަމަ ބޫސްޓާ (3 ވަނަ ޑޯޒް) ޖެހިފަހުން 4 މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް އެ ޑޯޒް ޖަހާފައިވަނީ 689 މީހުންނެވެ.
ހަތަރުވަނަ ޑޯޒް މާލެ ސަރަހައްދުގައި ޖެހުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. އަތޮޅުތެރޭގައި ވެކްސިންޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން އާއްމު ކުރާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ގުޅުންހުރި

އަހަރުގެ މިހާތަނަށް 352 ޑެންގޫ ކޭސް: އެންމެ ގިނައިން ކޭސްތައް ރިޕޯޓުކުރީ މާލެ ސަރަހައްދުގެ އިތުރުން ރ އަދި އއ އަތޮޅުން!

ނޭވާލާ ނިޒާމު ބަލިކަށިކުރުވާ ވައިރަހެއް ރާއްޖޭގެ ކުޑަކުދިންގެ މެދުގައި އިތުރުވަނީ

ރާއްޖެއިން އެމްޕޮކްސްގެ ކޭސްތަކެއް ފެނިފައިވާ ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް!
