
Gemanafushi
މުސްލިމުންނަށް ނަޞްރު ލިބިފައިވަނީ އިސްލާމް ދީނަށް ނަޞްރު ދީގެން ކަމަށާއި، އެހެން ކަމުން އެމީހަކު ކުރާ ކަންކަމުން ނަޞްރު ލިބޭނީ މާތްﷲ ގެ ދީނަށް ނަޞްރު ދީގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި ނަޞްރާއި ކާމިޔާބީއަކީ މާތްﷲ އަށް ތެދުވެރި، އިޚްލާސްތެރި މުއުމިނުންތަކުންނަށް އެކަލާނގެ ދެއްވާ ނިޢުމަތެއް ކަމަށެވެ. އަދި އިސްލާމީ ތާރީޚުގައި ހިނގާފައި ހުރި ހާދިސާތަކަށް އަލިއަޅުވާލަމުން، ޚުތުބާގައި ބުނެފައިވަނީ މުސްލިމުންނަށް ނަޞްރު ނުލިބި ނާކާމިޔާބު ވެފައިވަނީ ދުނިޔޭގެ ވަގުތީ އުފާތަކުގައި މަސްއޫލުވެ އިންސާނާގެ މަސްއޫލިއްޔަތު އަދާ ނުކުރުމުގެ ސަބަބުން ކަމަށެވެ. އަދި އެއީ އިސްލާމް ދީނާ ދުރުވާ ކަންކަން ކަމުގައި ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ ﷲއަށް އަޅުކަން ޚާލީސް ކުރުމާއި ދުނިޔެ އާރާސްތުކޮށް ތަރައްގީ ކުރުމަށް ކަމަށްވާއިރު އެކަންކަމާ ދުރުވެގަތުމަކީ އިސްލާމްދީނާ ދުރުވުން ކަމުގައި މިއަދުގެ ޚުތުބާގައިވެއެވެ. މީގެ އިތުރުން ޖާހިލިއްޔަ ޒަމާނުގައި އާއި އިސްލާމް ދީން ފެތުރެެއްވުމަށް ކުރެވުނު މަސައްކަތްތަކާއި ހިނގައިދިޔަ ހަނގުރާމަތަކުގައި ކަން ހިނގައިދިޔަ ގޮތްވެސް ޚުތުބާގައި ކިޔައިދީފައިވެއެވެ. އެގޮތުން އުޙުދު ހަނގުރާމައިގެ ވާހަކަ ވަރަށް ތަފްސީލުކޮށް ގެނެސްދީފައެވެއެވެ.
ޚުތުބާގައި އިތުރަށް ބުނެފައިވަނީ ކާމިޔާބީއާއި ނަޞްރު ލިބިގަންނަން ގިނަ ހަރުފަތްތަކެއް ހުރަސް ކުރަން ޖެހޭނެ ކަމަށެވެ. އަދި ކާމީޔާބީއަށް ވާސިލްވުމަށް ހަރުދަނާ އުސޫލެއްގެ މަތީގައި ސާބިތުވެ ތިބެން ޖެހޭ ކަމާއި މުސްލިމުންނަށް ބަލާއިރު އެއީ އީމާންކަމާއި ދީނުގެ އަޤީދާކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އިޖްތިމާއީ ގުޅުމުގެ މުހިއްމު ކަމާއި ދީނީ އެއްބައިވަންތަކަމުގެ މުހިއްމުކަމާއި އެގުޅުންތައް ބަދަހިކޮށް ހަރުދަނާކުރުމަށް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
އިންސާނުންގެ އެންމެ މަތިވެރި އަދި ބާރުގަދަ ހަތިޔާރަކީ ﷲއަށް ދުޢާ ދެންނެވުން ކަމާއި މިއަދު އެ ހަތިޔާރުގެ މަތިން އިންސާނުން ހަނދާން ނައްތާލާފައިވާ ކަމަށްވެސް ޚުތުބާގައި ވެއެވެ. ނަމަވެސް މުޝްރިކުންގެ މައްޗަށް މުސްލިމުން ނަޞްރު ހޯދާފައިވަނީ ދުޢާއިން ކަމަށާއި، ﷲއަށް ގިނަ ގިނައި ދުޢާކޮށް ޒިކުރު ކުރާ ނަމަ ނަޞްރު މިންވަރުކުރައްވާނެ ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
މާތް اللهއަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުން!

ސިޚުރަކީ ކާފިރުވާފަދަ ބޮޑު ފާފައެއް، އެ ފާފައާ ދުރުހެލިވޭ: ޚުތުބާ

ޤައުމު ބިނާކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ވާޖިބެއް - ޚުޠުބާ
