ގއ. އަތޮޅު ހޮސްޕިޓަލާއި އެ އަތޮޅު ހުރިހާ ސިއްޙީ މަރުކަޒުތަކުގެ ފްރޮންޓްލައިން މުވައްޒަފުންނަށް ދިނުމަށް ބޭނުންވާ ކޮވިޑް ވެކްސިން ލިބިފައިވާ ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ވެކްސިން ދޭން ފަށަން ހަމަޖައްސާފައި އޮތް ނަމަވެސް މިއަދު ހެނދުނު ލިބެން ޖެހޭ ވެކްސިން ޝިޕްމަންޓު ޑިލޭ ވުމާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލުގައި ވެކްސިން ދިނުން ވަނީ މާދަމާއަށް ބަދަލުކޮށްފައެވެ. މިހާރު އެ ވެކްސިން ލިބި، މާދަމާ ވެކްސިން ދޭން ފަށާނެ ކަމުގެ ޔަގީންކަން އެ ހޮސްޕިޓަލުން ވަނީ ދީފައެވެ.
ރާއްޖޭގައި މިހާރު ދެމުން އަންނަނީ އޮކްސްފޯޑް ޔުނިވަސިޓީން އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިން ދޭން ޖެހެނީ 2 ޑޯޒަށެވެ. އެގޮތުން ފުރަތަމަ ޑޯޒް ޖެހުމުގެ ހަތަރު ހަފްތާ ފަހުން ދެވަނަ ޑޯޒެއް ޖަހަން ޖެހެއެވެ.
ގއ. އަތޮޅުގައި ސިއްޙީ ޚިދުމަތްތެރިންގެ ގޮތުގައި 294 މުވައްޒަފަކު ހަރަކާތްތެރިވެއެވެ. އެހެން ކަމުން އެ އަތޮޅަށް ގެންނާނެ ކަމަށް ބެލެވެނީ 588 ވެކްސިން ޑޯޒެވެ. ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަޙުމަދު ވިދާޅުވި ގޮތުގައި އަތޮޅުގެ ރަށްރަށަށް ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސީ އެމްބިއުލާންސްގައި އެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ވެކްސިން ޖަހާނީ ފުރަތަމަ ސިއްޙީ ދާއިރާގެ ޚިދުމަތްތެރިންނާއި ފްރޮންޓްލައިން މުވައްޒަފުންނަށެވެ. އެގޮތުން މާލެއާއި ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީގައި ވޭތުވެދިޔަ 2 ދުވަހު ވަނީ ވެކްސިން ދޭން ފަށާފައެވެ. އަދި މިއަދުން ފެށިގެން އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ. އަދި މާދަމާއިން ފެށިގެން އަތޮޅުތަކުގެ ސިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ވެކްސިން ދޭން ފަށާނެ އެވެ.