logoEN
ޕީއެންސީ 2
ދޮންތުއްކަލާގެ ދަތުރުނާމާއިން ގދ.ގައްދޫ!

ދޮންތުއްކަލާގެ ދަތުރުނާމާއިން ގދ.ގައްދޫ!

Admin

logo

2/3/2021, 10:24:18 AM

# ތާރީޚް# ގދ.ގައްދޫ

gdh.gahdhoo

މިލިޔުމަކީ ހުވަދު އަތޮޅު ދެކުނުބުރީ ގދ. ގައްދޫ އާއި ބެހޭގޮތުން ލިޔެފައިވާ ލިޔުމެކެވެ. މިލިޔުން ޝާޢިއު ކުރެވިފައިވާ ފޮތުގެ ނަމަކީ "ދޮންތުއްކަލާގެ އައްޑޫ ދަތުރު" މިފޮތެވެ.

ޝަރީ 2024

"މިރަށުގެ ދިގުމިން މޭލެއްގެ ހަތަރުބައިކުޅަ ތިންބައިހާ ވީނަމަވެސް ރަށް ވަރަށް ހަންޏެވެ. ފަޅުތެރޭ އެކީ އެކައްޗަކަށް ވިނަހެދިފައިވާ ކަމުން ވަރަށް ހަޑިއެވެ. ފައިބާންވީ ދިމާ މުޅިގޮނޑުދޮށުގައި ވެއްޔަކަށް އޮތީ އަކިރިއެވެ. މިރަށުގެ ރުއްކޮޅު ރަނގަޅެވެ. މީސްތަކުންގެ ހަށިތައް ފަލައެވެ. މިގޮތުގައި އަންހެނުން ފެންނަނީ ތަންކޮޅެއް ކުރިއަށެވެ. އަންހެނުން މަސައްކަތް ކުރާ ރަށަކެވެ. އެބައިމީހުންގެ މަސައްކަތަކީ ކޮންމެދުވަހަކު ގަމަށްގޮސް ދަނޑުގައި މަސައްކަތް ކުޅައުމެވެ. އަންހެނުން ކުރާ އަނެއް މަސައްކަތަކީ ކުނާވިއުމެވެ. ގިނަގޭގެއާއި ގުޅިގެން ނުވަތަ ކައިރީގައި ކުނާވިޔަން ތަންކޮޅެއް ހިޔާކޮށްފައި އޮވެއެވެ. އަޅުގަނޑު އެކިވައްތަރުގެ ކުނާވިޔާތަން ބެލީމެވެ. އަންހެނުން ވަރަށް ފަރިތަކޮށް ވިޔެ ހަދައެވެ. ކުނާވިޔާއިރު މައްޗަށް އޮންނަނީ ނުބައިފުށެވެ. ގިނަމީހުންގެ ކެއުމަކީ އަލަ އެވެ. ދެން ކައްޓަލަ އެވެ. އާދެ މުއްސަދިން ހަނޑުލާއި ގޮދަންފުށް ކައި އުޅެއެވެ. އަންހެނުން ފަލަވެފައި ބޮލުގެ އިސްތަށިގަނޑު އޮޅައެވެ. ގިނައިން ފެންނަ ޅަކުދިން ތިބެނީ ފޮށްމަސް ޖަހާފައެވެ. އަންހެނުންނާއި ފިރިހެނުން ނަހަމަ ގޮތުގައި ބެހި އުޅުން ގިނަ ރަށެއްކަމުގައި ފެނެއެވެ. ޅަކަންކެނޑި ފުރާވަރަށް އަރައިގެން އަންނަ ކުދިންގެ ހަށިގަނޑުންނާއި ، މޫނުން ތާޒާކަމާއި، ރޯކަން ވަރަށްވެސް ފެނެއެވެ. މިގޮތް ބޮޑުކޮށް ފެންނަނީވެސް އަންހެންކުދިންގެ ކިބައިންނެވެ. އުމުރާ ބެލުމަށް ގިނަކުދިންގެ އުޅުން ޅަވެފައި ސާދާއެވެ. ފަރިދެއްކުމަށް މާކަބޮޑު ފަރުވާލެއް ބަހައްޓާކަމަށް ނުފެނެއެވެ. އަންހެން ކުދިން ވަރަށް ބޮޑުވާންދެން އުޅެނީ ލިބާސް ނުލައެވެ. އެހާ ޅަނދޮޅުކޮށް ބޮޑުވާ، ކުދިބަޔަކު 13، 14 އަހަރުވަންދެން ލިބާސްނުލާ އުޅޭއިރު އެރަށުމީހުންނަށް ހުތުރުކަމަކަށް ނުވިނަމަވެސް އެތަން ދެކޭމީހުންގެ ހިތަށް ވަރަށްވެސް ބޮޑު އަޖައިބުކަމެއް ކަމުގައި ފެންނާނެއެވެ. މިހަނގުރާމައިގެ ތަދުކަން ހިސާބަކަށް ނުފެންނަ ރަށެއް ގައްދޫ މެނުވީ ހުވަދު އަތޮޅުގައި އޮތްކަމެއް ނޭގެއެވެ. ވިލިގިއްޔާއި މާމެންދުވާ އަޅާބެލުމަށް ގައްދޫ މުއްސަނދި ނަމަވެސް ގެދޮރު ކުދިވެފައި ގޭތެރެ ހަޑިއެވެ. ބައެއް ގޭގެ ރާނާ ޓިނު ޖަހާފައިވެއެވެ. އެކަމަކު ކިރިޔާ ފުދޭވަރަށްވެސް އުސްމިން ހުރި ގެއެއް ނުފެނެއެވެ. ގޭތެރޭގައި އަންނައުނު ބެހެއްޓުމުގައި ގަވާއިދެއް ނެތެވެ. ގޭތެރެއާއި ފެންޑާގެ އެތަންމިތަނަށް އަންހެނުންނާއި ފިރިހެނުންގެ ހެދުންބޮޑިކޮށް އަޅައިފާ ނެތް ގެއެއް މުޅިރަށުގައިވެސް ހުރިކަމެއް ނޭނގެއެވެ.

އާދޭހެވެ. އެކަށީގެންވާ ވަރަށް މަގުތައް ފުޅާވެފައި ތާހިރެވެ. އެއީ އެދުވަހު އަޅުގަނޑު ފައިބާނެކަން އެގިގެން ޚާއްސަގޮތަކަށް ތާހިރު ކުޅަކަމުގެ އަލާމާތްތައް ފެންނަން ހުއްޓެވެ.

މިރަށުގައި ހަތްސަތޭކައެއްހާ މީހުން އުޅޭނެއެވެ. ސަތޭކަ އައްޑިހަވަރަކަށް ގެ ހުންނާނެ އެވެ. ބޭރު ދަތުރުކުރާ ފަސް އޮޑިޔާއި ފައްސިއްސަކަށް މަސްދޯނި ހުރެއެވެ.

ގައްދޫ ގައި މަދަރުސާއެއް ހުރެއެވެ. ފިރިހެންކުދިންނާއި، އަންހެންކުދިން އެތާނގައި ކިޔަވައި ކަސްރަތު ކުރެއެވެ. އަޅުގަނޑަށް ދައްކާން ދެބާވަތުގެ ކުދިން ވަކިން އައިސް ކަސްރަތު ކުރިއެވެ. އެއީ ކޮޅުކޮޅަށް ހިނގުމާއި ލެނބި ގުދުވުމާއި އަތުން ގޮތްގޮތް ހެދުމެވެ. ގޮވީ ދިވެހި ބަހުންނެވެ. ފިރިހެންކުދިން މަދުވެފައި މަސައްކަތް ދެރައެވެ. އަންހެންކުދިންގެ ކަސްރަތުގައި ވިއްސަކަށް ކުދިން ބައިވެރިވިއެވެ. ކުދިންގެ އުމުރަކީ ގާތްގަނޑަކަށް ދިހަ އަހަރާއި ވިހި އަހަރާ ދެމެދެވެ. ދެތިންކުދިން ފިޔަވައި އެހެން ހުރިހައި ކުދިން ތިބީ ފޭލި އަނދެފައެވެ. ގިނަކުދިންގެ ކަރުގައި ރަނުން ހަދާފައިވާ ފައްޓަރުބައެއް އޮތެވެ. ލިބާސްލައިގެން ތިން ކުދިން ތިއްބެވެ. ގޮވާންހުރީވެސް އަންހެންކުއްޖެކެވެ. ކަސްރަތު ކުރި ކުދިންކޮޅުގެ ހަން ސާފުވެފައި ސިއްހަތު ރަނގަޅެވެ. ގިނަކުދިން ތިބީ ހެޔޮވަރަށްވުރެ ބޮޑުކޮށް މަސްޖަހާފައެވެ. ފުރާވަރަށް އަރާން ކައިރިވަމުން އަންނަ އަންހެންކުދިބަޔަކު ލިބާސްނުލާތިބެގެން ކަސްރަތުކުރާތަނަކީ ޒުވާން ފިރިހެނުން ކިހާ ބަލާހިތްވާނެ ތަނެއްތޯއެވެ. ނާކޮޅު މީހުންވެސް އިސާހިތު އެތަން ދުށުމުގެ އެދުމުގައި ބަލަން އަތުވެއްޖެ އެވެ. އެކުދިންގެ މޫނުމަތިން ޝާޒަގީ ފިސާރި ސާފްކޮށް ފެނޭއެވެ. ބުރުގާ އަޅައިގެން ތިބި ދެކުއްޖެއްނޫނީ އެއްކުއްޖެއްގެވެސް ބޮލަކު އެއްޗެއް ނެތެވެ. ކަނާތްފަރާތު އަރިމައްޗަށް އިސްތަށިގަނޑު އޮޅާލާ ހުޅިޖަހާފައޭތިބެނީ. އާދެ! އެކުދިން އެކަންޏަކު ނޫނެވެ. އަދި ގައްދޫ އެކަންޏަކުވެސް ނޫނެވެ. އަޅުގަނޑު ފޭބި ހުވަދު އަތޮޅުގެ ރަށްރަށުގެ އަންހެނުން އުޅެނީ ބޮލުގައި އެއްޗެތި ނާޅައެވެ.

ގައްދޫ މަދަރުސާގެ އަންހެންކުދިންގެ ތެރޭގައި ދެބައެއް އޮވެއެވެ. އެއީ ހުސްނުހީނާ ބަޔާއި ކަރަންކާ ބަޔެވެ. މުރުޝިދުންނަށް ތިބީ ޖަމީލާ ޝަރީފާއި އުއްމު ސަލްމާ އެވެ. މަދަރުސާގެ އަންހެން ކުދިންނަށް ހިސާބު ދަސްކޮށްދީ ތާނަ ދަސްކޮށްދީ ކަސްރަތު ކުރުވައި ހަދަނީ އަންހެންކުއްޖެކެވެ. އެއީ އަޅުގަނޑުމެންގެ ރަހުމަތްތެރި އިސްމާއީލް ކަލޭގެފާނުގެ ދަރިއެކެވެ. އަންހެންކުދިންގެ ކަސްރަތު ނުނިމިގެން އުޅެނިކޮށް ފުރަންވެގެން އައްޔެވެ. ދޭއް ޖަހާ ސާޅީސް ފަސްމިނިޓްވީއިރު ގައްދޫން ފުރައިގެން ހުވަދު އަތޮޅު ގަމަށް އައްޔެވެ."

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ