އިންޑިއާއިން ކޮވިޑް-19 އާ ދެކޮޅަށް މިހާތަނަށް އުފެއްދީ ދެ ވެކްސިން ކަމަށްވިޔަސް މުސްތަގްބަލްގައި ކޮވިޑްއާ ދެކޮޅަށް އިތުރު ވެކްސިންތައް އިންޑިއާއިން އުފައްދައި ހެޔޮ އަގުގައި އެތަކެތި ދުނިޔޭގެ ބާޒާރަށް ނެރޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ސްވިޓްޒަލޭންޑްގެ ޑާވޮސްގައި ކުރިޔަށްދާ ބައިނަލްއަގްޥާމީ އިގްތިސާދީ ފޯރަމްގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގެން ތަގްރީރު ކުރައްވަމުން މޯދީ ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ވެކްސިންތައް އުފައްދައި އެވެކްސިންތައް ދުނިޔޭގެ ގައުމުތަކަށް ފޯރުކޮށްދިނުމުގައި އިންޑިއާގެ ދައުރު ބޮޑުކަމާއި އެއީ އިންޑިއާގެ ބައިނަލްއަގްވާމީ ޒިންމާ ކަމަށް ސިފަކުރައްވައި އެޒިންމާ އަދާކުރަމުންގެންދެވޭތީ އުފާ ކުރައްވާކަމަށެވެ. އަދި މާދުރުނޫން މުސްތަގްބަލެއްގައި އިތުރު ވެކްސިންތައް އިންޑިއާއިން އުފައްދައި ހެޔޮ އަގުގައި އެތަކެތި ދުނިޔޭގެ ބާޒާރަށް ނެރޭނެ ކަންވެސް މޯދީ ވަނީ މި ފޯރަމްގައި އިއުލާންކުރައްވާފައިއެވެ.
އިންޑިއާއިން ކޮވިޑް-19 އާ ދެކޮޅަށް މިހާތަނަށް އުފައްދާފައިވާ އެއްވެކްސިން އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީއާއި ސްވިޑްންގެ އަސްޓްރާޒެނިކާ ކުންފުނިން އީޖާދުކުރި ވެކްސިންއެކެވެ. އަދި ދެވަނަ ވެކްސިނަކީ އިންޑިއާގެ އަމިއްލަ އުފެއްދުމެކެވެ. އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދަނީ މިވެކްސިންގެ އިންޑިއާ ވާޝަން އެވެ. އޮކްސްފޯޑް ޔުނިވަސިޓީއާއި އަސްޓްރާޒެނީކާ ކުންފުނިން ޔޫރަޕްގައި އުފައްދަނީ އޭގެ ޔޫރަޕްގެ ވާޝަން އެވެ. "ކޮވިޝީލްޑް"ގެ ނަމުގައި އިންޑިއާއިން އުފައްދާ އިންޑިއާގެ ވާޝަން އަށް ދުނިޔޭގެ ސިއްޙަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔޫއެޗްއޯ)ގެ ހުއްދަ އަދި ލިބިފަައި ނުވި ނަމަވެސް މިވެކްސިން އިންޑިއާގައި ވަނީ ބޭނުންކުރަން ފަށާފަ އެވެ. އިންޑިއާގެ އަމިއްލަ އީޖާދު ކަމުގައިވަ "ކޮވެކްސިން" އުފައްދަނީ އިންޑިއާގައި ބޭސްއުފައްދާ ބައޮޓެކްނޮލޮޖީ ކުންފުންޏެއްކަމަށްވާ "ބާރަތު ބައޮޓެކް އިންޓަނޭޝަނަލް ލިމިޓެޑް" އާއި ސިއްހަތާބެހޭ އިންޑިއާގެ ރީސާޗް އިދާރާއެއް ކަމަށްވާ "އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް" ގުޅިގެންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ވެކްސިންގެ 60 ޕަސެންޓު އުފައްދަނީ އިންޑީއާއިންނެވެ.
އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީއާއި ސްވިޑްންގެ އަސްޓްރާޒެނިކާ ކުންފުނިން އީޖާދުކުރި "ކޮވިޝީލްޑް" އިންޑީއާއިން ރާއްޖެއަށް ހަދިޔާކޮށްފައިއެވެ. އެގޮތުން ރާއްޖެ އަށް މި ވެކްސިންގެ 100،000 ޑޯޒް ވަނީ ހަދިޔާކޮށްފައިއެވެ.