އެންމެ ބޮޑު އުފަލަކީ ގދ.ތިނަދޫ ގައި އަޅަމުންދާ ފެނަކަ އިންޖީނުގޭ އާ އިމާރާތުގެ ހުރިހާ މަސައްކަތެއްގައި ސައްތައިން ސައްތަ ދިވެހިން ތިބުން ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ތިނަދޫ ގައި އިމާރާތް ކުރަމުން ދާ އިންޖީނުގޭގެ ސައިޓުގައި ހުންނަވައި "ގާފު" އޮންލައިން އަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ ތިނަދޫ އިންޖީނުގޭ އާއިމާރާތުގެ މަސައްކަތުގައި 70 ވަރަކަށް މުވައްޒަފުން ތިބި ކަމަށެވެ. އަދި 70 މުވައްޒަފުންނަކީ ފެނެކާގައި މަސައްކަތް ކުރާ ދިވެހިން ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ، ކޮންސްޓްރަކްޝަން ދާއިރާގައި ވެސް ސައްތައިން ސައްތަ ދިވެހިންނަށް އުޅެވިދާނެ ކަމަށެވެ. އަދި މަސައްކަތް ކުރާ މީހުންނަށް ބޭނުން ވާނީ ރަނގަޅު ކެއުމާއި، ނިދުމުގެ އިތުރުން ރަނގަޅު އާމްދަނީއެއް ކަމަށެވެ. އެގޮތުން ފެނަކާއިން މުވައްޒަފުންނަށް އެތަކެތި ފޯރު ކޮށްދޭ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ

.
ތިނަދޫގައި އަލަށް އިމާރާތް ކުރާ އާއިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ނަމާދު ކުރެވޭނެ ގޮތާއި، އެއްފަހަރާ 60 މީހުންނަށް ކެވޭނެ ޖާގަ ހުރި މެސް ރޫމް އެއް އެ ސަރަޙަދުގައި ވަނީ ހަދާފައެވެ.

މި އިމާރާތުގެ މަސައްކަތް ކުރަމުން ދަނީ އަންނަ އޭޕްރީލް މަހު 30 ކުރިން ނިންމުމަށެވެ. އަދި އިމާރާތުގެ ޚިދުމަތް އަންނަ ޖޫން މަހުގެ 30 ގެ ކުރިން ފެށުމަށް ފެނަކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ނިމިދިޔަ ޑިސެމްބަރ 11 ވަނަ ދުވަހު ބިންގާ އެޅުނު މި އިންޖީނުގޭޭގެެ އިމާރާތުގައި 20 މެގްވޯލްޓްގެ އިންޖީނު ބެހެއްޓި ހިދުމަތްދެވޭނެ ކަމަށް ފެނަަކައިން މައުލޫމާތު ދެއެވެ. އިންޖީނު ރޫމްގެ އިތުރުން ފަންނީ މުވައްޒިފުންނަށް ޒަމާނީ އޮފީހަކާއި މީޓިންގް ރޫމެއްވެސް މި އިމާރަތުގައި ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.