މިދިޔަ އަހަރު ނިމުނު އިރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ރިކޯޑު އަދަދަކަށް ފައިދާ ވެއްޖެ އެވެ.
އެމްޓީސީސީން އާއްމުކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރަކީ އެމްޓީސީސީ ގެ ތާރީހުގައި މިހާތަނަށް މާލީ ގޮތުން އަހަރެއްގެ ތެރޭގައި ހޯދި އެންމެ ބޮޑު ފައިދާއެއް ހޯދި އަހަރެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ސާފު ފައިދާގެ ގޮތުގައި 172.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. 2019 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 52.8 މިލިއަން ރުފިޔާ އެވެ. އެހެން ކަމުން 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 119.8 މިލިއަން ރުފިޔާގެ ކުރިއެރުމެށް 2020 ވަނަ އަހަރު އެމްޓީސީސީ އަށް ވަނީ ލިބިފައިއެވެ.
މިއަދު އެމްޓީސީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިދިޔަ އަހަރަކީ މިހާތަނަށް އެ ކުންފުނީގެ މާލީ ގޮތުން ނަތީޖާ އެންމެ ރަނގަޅު އަހަރު ކަމަށާއި ކޮވިޑް-19ގެ ސަބަބުން ލޮކްޑައުން އިއުލާން ކުރި އިރު ވެސް އެއްވެސް މަހަކު އެ ކުންފުންޏަށް ގެއްލުން ނުވާ ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވިގޮތުގައި އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މެރިން ކޮންސްޓްރަކްޝަންގެ ދާއިރާއިންނެވެ. އެހެންކަމުން އެ ދާއިރާ ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މިދިޔަ އަހަރީ އެމްޓީސީސީއިން އެންމެ ގިނަ ޕްރޮޖެކްޓު އެއްއަހަރު ތެރޭގައި ނިންމި އަހަރެވެ. އެގޮތުން މުޅި އަހަރަށް ބަލާލާއިރު، ޖުމުލަ 34 އުމްރާނީ ތަރައްގީ މަޝްރޫއެއްގެ މަސައްކަތް މިދިޔަ އަހަރު ނިންމާފައިވެ އެވެ.