އަދުރޭގެ ޝަރީޢަތް މިމަހު 31 ވަނަ ދުވަހަށް ތާވަލު ކޮށްފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިމަހުގެ 31 ވަނަ ދުވަހަށް ތާވަލު ކޮށްފި އެވެ.

ރޭ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އަބްދުއްރަހީމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން މިމަހުގެ 31 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށެވެ.

އަދުރޭގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރަން އޮތް ދުވަހު، އެ ސަރަހައްދުގައި ހަޑިހުތުރި ބަހުން ވާހަކަ ދައްކައިގެންނެވެ. އަބްދުއްރަހީމާއި ދެކޮޅަށް ދައުވާ ކޮށްފައިވަނީ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ހަޑިހުތުރު ބަހުން ވާހަކަ ދެއްކި މައްސަލައިގައި އަދުރޭގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ފުލުހުން ތަހުގީގުކުރާ މައްސަލައަކަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު އެ ތަނުގެ ބޭރުގައި ހުންނަވާ އަބްދުއްރަހީމް ހަޑިއެއްޗެހިކީ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް