
--
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭނަށް ތައްޔާރުވުމުގެ ގޮތުން ވެރިކަން ހިންގާ ޕާޓީ ޕީއެންސީގެ ފަރާތުން އަތޮޅުތެރެއަށް ފުރައިފިއެވެ.

ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން އިއްޔެ އާއި މިއަދު ވަނީ ބައެއް އަތޮޅުތަކަށް ފުރާފައި އެވެ. އެގޮތުން މިހާތަނަށް ނ އަތޮޅާއި އއ އަތޮޅާއި ހދ އަތޮޅުގެ އިތުރުން ލ އަތޮޅަށް ޕީއެންސީގެ ޓީމުތައް ވަނީ ފުރާފައި އެވެ.
މި ދަތުރުތަކާއި ގުޅިގެން ވެރިކަން ކުރާ ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ރަށްރަށް ކުރައްވާ ދަތުރުތަކުގައި އެ ރަށްރަށުގައި ތިބި ޕާޓީގެ ސްޓިއަރިންގ ކޮމިޓީތަކާއި މެމްބަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި މި ބައްދަލުވުންތަކުގައި ރަށްރަށުގެ ޕާޓީގެ ހަރަކާތްތައް އިންތިޒާމް ކުރުމާއި، ޕާޓީގެ އާންމު މެންބަރުންގެ ބައިވެރިވުން އިތުރުކުރުމުގެ އިތުރުން، މެންބަރުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާނެ ކަމަށް ވެސް އެ ޕާޓީން ވިދާޅުވިއެވެ.
ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މާޗު މަހަށެވެ.
މި އިންތިހާބަށް ޕީއެންސީން ކެމްޕެއިންތައް ފެށުމަށްޓަކައި ތައްޔާރުވަމުންދާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 80 އިންސައްތަ ގޮނޑި ސަރުކާރުން ކާމިޔާބު ކުރާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ ވިދާޅުވެފައެވެ.