logoEN
cocacola
ސައިބަރ ބުލީންގް؛ މިކަން ހަމަ "އޯކޭ" ތަ؟

ސައިބަރ ބުލީންގް؛ މިކަން ހަމަ "އޯކޭ" ތަ؟

127BAB78-EE55-49B2-8873-1910D2F96493

ދުނިޔެ ބަވަނަވެއްޖެއެވެ. ޓެކްނޮލޮޖީގެ ގޮތުން މިއަދު ދުނިޔެ ހޯދައިފައިވާ ކުރިއެރުންތަށް ވަރަށް ސާފުކޮށް ފެންނަންވެސް އެބަހުއްޓެވެ. މައިމީހާގެ ބަނޑުންވިހެއި ދަރިން ފަށައިގެން އެންމެ އުމުރުން ދުވަސްވީ މިހާގެ އަތުގައިވެސް މޯބައިލް ފޯނެއްނުވަތަ ޓެކްނޮލޮޖީގެ ކޮންމެވެސް އެއް ވިއުގައެއް އޮންނަކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. އަދި، އޭގެން ވަރަށްގިނަމީހުންނަކީ އިންޓަރނެޓް އަދި ސޯޝަލް މީޑިއާގެ ވިއުގަތަކުގައި އެބައެއްގެ ވަރަށްގިނަ ވަގުތު ހޭދަކުރާ މީހުންނެވެ. ހިތާމައަކީ، އިންޓަނެޓް އަދި ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ މީހުންނަކީ ކޮންމެވެސް ގޮތަކުން އެހެންމީހެއްގެ އަބުރުނަގާލުމާއި އެކު ކޮންމެވެސްގޮތަކުން ކޮންމެވެސް މީހެއް "ސައިބަރ ބުލީން"ގެ ޝިކާރައަކަށް ހަދާ މީހުންކަމެވެ. މިއީ "ސައިބަރ ކްރައިމްސް" ތަކުގެ ތެރެއިން އެންމެ އާންމު، އަދި އެންމެ ގިނަ މީހުން "އޯކޭ" ކަމަށްވެސް ބަލާ އެއްކަމެވެ. ސުވާލަކީ މިކަމަކީ ހަމަ އަސްލުވެސް "އޯކޭ" ކަމަކީބާވައެވެ؟

ގޮސިޔާ

ގައުމެއްގެ ޒުވާނުންނަކީ އެގައުމެއްގެ ކުރިމަގު ދައްކައިދޭ ރާސްތާއެވެ. އެގައުމެއްގެ ނަވުގެ ހުންގާނުގައި ހިފަހައްޓައިގެންތިބޭނެ ކައްޕިތާނުންވެސް މެއެވެ. ނަމަވެސް މި ދަންނަވާ ޒުވާނުންނަކީ މިއަދު، ސޯޝަލްމީޑިއާ އަދި އޭގެ ވިއުގަތަކުގައި ވަކިހިއްޕައިގެންތިބި މީހުންނެވެ. ކޮންމެކަމެއްގަވެސް ރަނގަޅާއި ނުރަނގަޅު އޮންނަފަދައިން، ކޮންމެކަމަކީވެސް ވަކި ހަދޫދެއްގެ ތެރެއިން ހިނގަންވެސް ޖެހޭނެ ކަންކަމެވެ. ސޯޝަލްމީޑިއާ ބޭނުންކުރުމަކީ އޭގެޒާތުގައި ގޯސްކަމަކަށް ނުވިޔަސް، މީހަކު އެމީހެއްގެ އަމިއްލަ އެކައުންޓެއްގެ "ބައޯ" ގައި ޖެހި އެއްޗެކާއި ހުރެ، އެކިއެކި ގޮތުން އެމީހާއަށް ގަނާކޮށް، ޖެއްސުންކޮށް މަލާމާތްކުރުމަކީ ވެގެންވާނެ ކަމެއްނޫނެވެ. މާދަމާ އެމީހަކު، ތިމާމެންކުރި ޖެންސުންތަކާއި ކުރި ގަނާތަކުގެ ޝިކާރައަކަށްވެ، އެމީހަކު އަޅުގަނޑުމެންގެ މިދުނިޔެ ދޫކޮށް ދިޔުމުން އެކަމުގެ ޒިންމާ އަޅުގަނޑުމެންނަށް ނެގޭނެތޯއެވެ؟ ކުރެވުނު ކަންތަށް ނުކުރެވުނު ނަމައޭ ފަހުން ހިތަށް އެރިޔަސް، ނަމައަކުން ރިހައެއް ނުކެއްކޭނޭއޭ ބުނާ އުސޫލުން، އެމަރަކީވެސް ބަދަލުވާނޭ ކަމެއްނޫނެވެ.

މީހާރަކަށްއައިސް އަޅުގަނޑުމެންނަށް ފެންނަނީ އެކިއެކި ޒުވާނުންގެ މެދުގައި، މީމްސް ހަދާ ޕޭޖްތަކަކީ ވަރަށްވެސް މަޝްހޫރުޕޭޖްތަކަށް ވާތަނެވެ. އާދޭހެވެ، ވާނީވެސް އެހެންތާއެވެ. އެމީމްސް ތަކަކީ މީހުންގެ މުނިފޫހިފިލުވަން ހަދާފައި ހުންނަ މަޖާ އެއްޗެއްސަށްވީމައެވެ. ނަމަވެސް، މީމްސްތަކުގެ ގޮތުގައި އެކި މީހުންގެ ފޮޓޯތަކާއި މީހުންގެ ވީޑިއޯތަށްލައި ގަނާކޮށް، އެކަންކަމަށް އާބަސްބުނެ ހެދުމަކީ ހަމަ ހަގީގަތުގައިވެސް މަޖާކަމަކީ ބާވައެވެ؟ ގަނާގެ ޝިކާރައަކަށް ވިމީހާއަށް ލިބޭނެ ދެރައާއި ހިތާމަ އަންދާޒާ ކޮށްލަންވެސް އިނގެނީ ކިތަށް ބޭފުޅުންނަށް ބާވައެވެ؟ މުޅި ފޭސްބުކް އަދި އިންސްޓަގްރާމްފަދަ ވިއުގަތަކަކީ މިފަދަ ކަންކަމަށް އާބަސްބުނާ ތަންތަންކަމުގައިވަނީނަމަ، މާދަމާ އަޅުގަނޑުމެންގެ ތެރެއިން އެހެންކުއްޖަކު އަމިއްލައަށްވިޔަސް އަދި އެނޫންވެސް އެހެންގޮތަކަށްވިޔަސް މަރުވީމަ އެމީހެއް ނުވަތަ އެކުއްޖެއްގެ އާއިލާއަށްވާނެ ދެރަ އިހުސާސް ކޮށްލަމާ ހިންގަވާށެވެ. މާދަމާ ތިޔައިންގެ ތެރެއިން ބޭފުޅެއްގެ އާއިލާމިހަކަށް މިފަދަކަމެއް ދިމާވެ، މުޖްތަމައު އެމީހަކަށް ގަނާކޮށް އަދި ގަނާކުރާމީހުންނަށް އާބަސްކިޔާ އެއްބާރުލުންދޭނަމަ، ތިބޭފުޅުންނަށް ވާނެގޮތް ތިޔަބޭފުޅުން އިހްސާސްކޮށްލަށްވާށެވެ.

ކަން މިހެންހުރިކަމުގައިވީނަމަވެސް، އަޅުގަނޑުމެން އެންމެ އެފާވާއެއްކަމަކީ މިފަދަކަންކަމާ ދެކޮޅަށްވެސް އަޑުއުފުލާ މީހުން ތިބޭކަމެވެ. "ސައިބަރ ބުލީންގް" އަކީ ގޯސްކަމެއްކަން އެނގިތިބެ މިކަމާ ދެކޮޅަށް އަޑުއުފުލާ އެފަދަކަންކަން ހަރުކަށިކޮށް ކުށްވެރިކުރާމީހުންވެސް ތިބޭކަމެވެ. އަދި އެފަދަ ގަނާތަކުގެ ޝިކާރައަކަށްވާ މީހުންނަށް އެހީވެދީ، އެމީހުންގެ އިހުސާސްތަށް ދަންނަމީހުންވެސް ތިބޭކަމެވެ. މިފަދަ ކަންކަން ގޯސްކަމުގައި ދަންނަ މީހުން ތިބޭކަމެވެ. ނަފްސާނީ ދުޅަހެޔޮ ކަމަކީ ޖިސްމާނީ ދުޅަހެޔޮ ކަމާއި އެއްވަރަށްވެސް މުހިއްމު އެއްޗެއްކަން އިހްސާސްވާ މީހުން ތިބޭކަމެވެ. އިޖްތިމާއީ ވިއުގަތަކަސް، ކޮންމެ އެހެންކަމަކަސް، މިފަދަ މަދު ނަމަވެސް މީހުންނަކީ މިއަދު ދުނިޔެ ހެޔޮ ފާލަށް ބަދަލުވުމުގެވެސް އެންމެ މުހިއްމު ހިއްސާއެއް ކުރާމީހުން ކަމާއި މެދު ޝައްކެއްނެތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ