logoEN
ކޮކާކޯލާ
ވާހަކަ - އުފާވެރި ޗުއްޓީއެއްގެ ހިތި ނިމުން

ވާހަކަ - އުފާވެރި ޗުއްޓީއެއްގެ ހިތި ނިމުން

ގާފު އެޑިޓޯރިއަލް

logo

4/24/2022, 11:44:19 PM

# ވާހަކަ# ގާފު ކުރުވާހަކަ މުބާރާތް 2022# ކުރުވާހަކަ# ހަގީގީ ހާދިސާ

og gaafu kuru vaahaka3

އަބުޅޯ

އެޑިޓަރުގެ ނޯޓު: މި ވާހަކަ އަކީ ގާފު ކުރުވާހަކަ މުބާރާތަށް މަރިޔަމް އަންޖުމް މުޚްތާބު ހުށައަޅާފައިވާ ވާހަކަ އެކެވެ. މިއީ ހުވަދު އަތޮޅުގެ އާއިލާއަކަށް ދިމާވި ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަ އެކެވެ. މިވާހަކަ ގާފު އޮންލައިންގައި ޝާއިއުކޮށްފައި މިވަނީ މި މުބާރާތުންގެ ޖަޖިން ޕެނަލުން ވާހަކައަށް މާކްސް ދިނުމަށްފަހު، މި މުބާރާތުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ވާހަކަ އަށް ލިބޭ ވިއުސް އަށްވެސް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ ކިއުންތެރިންގެ ޚިޔާލު ހޯދުމަށެވެ. ވާހަކައަށް މާކްސް ދިނުމުގައި ބަލާނީ ވާހަކަ ޝާއިއުކުރާ ތާރީޚުން ފެށިގެން 10 ދުވަހުގެ މުއްދަތުގައި އެ ވާހަކައަކަށް ލިބޭ ވިއުސްގެ މައްޗަށެވެ.

އިރުގެރަންދޯދިތައް އުދަރެހުން ފާއްދާލީ ހިތްގައިމުކަމާއި ހިތްހަމަޖެހުން އިންސާނީ ހިތްތަކަށް ވެރިކުރުވަމުންނެވެ. ޙަޔާތުގެ ކޮންމެދުވަހަކީވެސް އެތަކެއް އުއްމީދުތަކެއް ހިތުގައި ކުރެހެމުންދާ ދުވަހެއްކަމުގައި ލައްވާފައިވަނީ ފިޠުރަތުގެ އުޞޫލު ހަމަޖެހިފައިވާ ގޮތުގެމަތިންނެވެ. މިގޮތުގައި ދުނިޔެ އެނބުރެމުން ސެނބުރެމުން ދަނީ އެއްބަޔަކަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދެމުންނެވެ. އަދި އަނެއްބަޔަކު ހިތާމަޔާއި ހިތްދަތިކަމުގެ މޮޅި ސާލުލައްވަމުންނެވެ.

ދިރާސީއަހަރުގެ ކިޔެވުންނިމި، މަދަރުސާތައް ބަންދުވެ ދަރިވަރުންނަށާއި މުދައްރިސުންނަށް ޗުއްޓީފެށިގެންދިޔައީ ތަފާތު އިޙުސާސްތަކެއް ކުރުވަމުންނެވެ. އަހަރެންނަށްވެސް ކުޑަކުޑަ އާއިލާއާއިއެކު ޗުއްޓީ ހޭދަކޮށްލަން އިންޑިޔާއަށް ކުރިދަތުރު ވެގެންދިޔައީ ވަރަށް ގިނަދުވަހު ކުރަމުންދިޔަ އިންތިޒާރެއްގެ ނިމުމެއްކަމުގައެވެ. ޗުއްޓީ ހޭދަކޮށްލަން ދިޔަނަމަވެސް އެޕްރޮގްރާމުގެ ތެރެއަށް ޑޮކްޓަރަށްދެއްކުން އިތުރުކޮށްލީ މިއީ މާގިނަގިނައިން ދެވޭހިސާބަކަށް ނުވާތީއެވެ. އިންޑިޔާއަށް ދިޔަތާ ފަނަރަދުވަސް ވޭތިވެއްޖެއެވެ. ޑޮކްޓަރަށް ދެއްކުމުގެ ބޮޑުބައެއްވެސް ނިމިއްޖެއެވެ. ހޮސްޕިޓަލުގައި ހޭދަކުރާވަގުތުފިޔަވައި އެހެންވަގުތުތައް ހޭދަކުރީ އާއިލާއާއިއެކު އުފާކުރުމުގައެވެ. ރީތިކަމަށް މީހުން ބުނާ އެކިމަންޒިލްތަކަށް ދިޔުމުގައެވެ. އެތަންތަނުގެ ރީތިކަމުން އުފާ ހޯދުމުގައެވެ. ފޮޓޯ ސެޝަންތަކުގައާއި، ޓްރިވެންޑްރަމްގެ ކާރޫބާރޫބޮޑު ވިޔަފާރި މަރުކަޒުތަކަށް ދިއުމުގައި ވަގުތުތައް ދަނީ ކިހިނެއްކަމެއްވެސް އިހުސާސްނުކުރެވެއެވެ.

އާދުވަހަކަށް ދުނިޔެ މަރުހަބާކީ އެދުވަހަށް ކުރަންހުރި ކަންތައްތައް ހިތުތެރޭގައި ރާވަމުންދަނިކޮށެވެ. ޖެހިގެންއޮތް ދުވަހަކީ ކުރު ޗުއްޓީއަކަށްފަހު ކޮއްކޮ މައިސޫރަށް ދާން ފުރަންއޮތް ދުވަހަށް ވާތީ އޭނައަށް ބާޒާރުކޮށްދިނުމަށް ދާން ނިންމީމެވެ. ނަމަވެސް އޭގެކުރީގައި ދަރިފުޅުގެ ރިޕޯޓް ޑޮކްޓަރަށް ދެއްކުމަށް ދިއުމަށް ބޭނުންވާތީ ހެނދުނު ހޭލިގޮތަށް އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ. ކުޑަގޮތަކަށް ހެދުނުގެސައި ނިންމާލުމަށްފަހު މަގުމައްޗަށް ނިކުތީ ވަރަށް އަވަހަށް ހޮސްޕިޓަލުން ނިމިގެން އާދެވޭނެކަމުގެ އުއްމީދުގައިހުރެއެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު އެދުވަހު ކުރަންހުރި ކަންތައްތައް ފިރިމީހާއި ހިއްސާކުރަމުންނެވެ. ދަރިފުޅާ ތިންމީހުން ގޮސްމަޑުކޮށްލީ ދުއްވާ އެއްޗެހިން ފުރިބާރުވެފައިވާ މަގެއްގެ އެއްފަރާތުގައިހުރި ބޮޑުގަހެއްގެ ދަށުގައެވެ. އޮޓޯއެއް ހޯދުމުގެ ބޭނުމުގައެވެ. ދުއްވާތަކެތީގެ ބަރުގޮނުގެ އަޑާއެއްވަރަށް އެތަކެތީގެ ދުވެލިވެސް ބާރުވެފައި ބިރުވެރިއެވެ. އެއްފަހަރާ ދޭތި ތިނެތި މަގު ހުރަސްނުކުރާ އެންމެސިކުންތެއްވެސް ނުދެއެވެ. ކޮންމެއުޅަނދެއް ބަރާކޮށްފައިވަނީ ކޮންމެވެސް މަންޒިލަކަށް ދަތުރުކުރަމުންދާ ފަސެންޖަރުންގެ ބޮޑުޢަދަދަކުންނެވެ. އެއްކޮޅުން އަނެއްކޮޅަށް ދުއްވަމުންދާ ބަސްތަކެވެ. މިއިން ކޮންމެބަހެއްކުރިމަތިން ހުރަސްކޮށްލާއިރު ލޯމެރިގެންދަނީ އެބަސް ތޮއްޖެހިފައިވާ ވަރުފެނިފައެވެ. އޭގެ ދުވެލީގެ ބާރުމިން އިހްސާސްކޮށްލެވުމުންނެވެ. އޭގެ އަރިއަރިމަތިން ހުރަސްކުރަމުންދާ ރިކްޝާތަކުގެ ދުވެލި ފެނިފައެވެ. ކާރުތަކުން އަޅަމުންދާ ބަރުގޮނާއެކު ކުރިއަށްދެމިލާ އިރު ހީވަނީ މަސްއައިނެއްގެ ފަހަތުން ހިބަރެއް އަންނަހެންނެވެ. ޙައިރާންވެފައި ބަލަން ހުރެވުނީ އަހަރެމެން ދިވެހިންނަށް އާ މަންޒަރަކަށްވެސް ވީމައެވެ.

ސިކުންތުތައް މިނެޓަށް ބަދަލުވެ، މިނެޓްތައް ގަޑިއަށް ބަދަލުވަމުންދެއެވެ. ކުރަން ރާވާފައިވާ ކަންތަކުގެ ގިނަކަމާއެކު ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ބޭނުންވަނީ އަވަހަށް ހޮސްޕިޓަލަށް ދިއުމަށެވެ. ކުރިމަތިން ހުރަސްކުރާ ކޮންމެ އޮޓޯއަކަށް ފިރިމީހާ އަތްނަގައެވެ. ބަލާލާއިރު ކޮންމެ އެއްޗެއްމެ ވަނީ މީހުންއަރުވާ ބަރާކޮށްފައެވެ.

undefined

"ގޭގަގެންގުޅޭ އޮޓޯއަށް ގުޅިނަމަ މިހާރު އަތުވެދާނެ" ފިރިމީހާ މިހެންބުނެލީ ގެއިން ނުކުތުމުގެކުރިންވެސް އެތައްފަހަރަކު ބުނުމުންވެސް އޭރުން ލަސްވާނެކަމަށްބުނެ މަގަށްނިކުމެ އެތާ މަޑުކުރަންޖެހުމުންނެވެ.

"ކުޑައިރުކޮޅަކުން އޮޓޯއެއް ލިބިދާނެ" އަހަންނަށް މިހެންބުނުވުނުކަން އެނގުނެވެ.

ހަމައެސިކުންތުގައި ދެން ވީގޮތެއްނޭގުނެވެ. ތިންމީހުންނަށް އެއްފަހަރާ ހަޅޭއްލަވައިގަނެވުނެވެ. މަޑުމަޑުން ލޯހުޅުވާލެވުނުއިރު އަހަންނަށް އޮވެވުނީ ބިންމަތީގައިކަން އެނގުނެވެ. އެތަނުންތެދުވަން މަސައްކަތްކުރީ އިޚްތިޔާރަކާ ނުލައެވެ. ނަމަވެސް އަހަރެންގެ ފައި އަހަރެން އެތަނުން ތެދުވުމަށް ހުރަސްއެޅިއެވެ. ވަށައިގެން ބަލާލެވުނީ ގޮތްހުސްވެފައިވާ މީހަކުފަދައިންނެވެ. ވެގެންއުޅޭގޮތެއް ވިސްނާކަށް އަހަންނަކަށް ނޭގުނެވެ. ވަށައިގެންތިބީ އިންޑިޔާ މީހުންނެވެ. ފިރިމީހާއާއި ދަރިފުޅުވީހިސާބެއް ނޭގެއެވެ. ފެންނަ ހިސާބެއްގައި ނެތެވެ. އަހަރެންގެ ފަޔަށް ކޮންމެވެސްކަމެއް ވެއްޖެކަން އެނގުނެވެ.

"އަހަރެން މިތަނުން ނަގައިދީ" އާދޭހުގެ ރާގެއްގައި އަހަރެންނަށް ބުނެލެވުނީ މިހެންނެވެ.

ލޮލުކޮޅަށް ނުފެންނަ ހާ ދިގުގަހަކާއި، ފުނޑުފުނޑުވެފައިވާ ކާރާދޭތެރޭ ތާށިވެފައިވާ އަހަރެންގެ ފައި، ކާރު ދުރުކޮށްލުމަށްފަހު ނެގިއިރު އަހަރެން އޮތީ ބަލަހައްޓައިގެންނެވެ. ނަމަވެސް ފައި އެއްކޮށް ފެންނަވަރެއް ނުވިއެވެ. މުސްކުޅިފުރައިގެ ފިރިހެނަކު އަހަރެންނަގާ އަތްދަނޑިމައްޗަށްލީ ކުޑަކުއްޖަކު ދާނުންނަގާ އުރާލާފަދަ ގޮތަކަށެވެ. ދަންނަ މީހަކު ނެތެވެ. އެއްބަނޑުތިމާގެ މީހެއްނެތެވެ. ވަށައިގެންތިބީ ދުވަހަކު ލޮލުންވެސް ނުދެކޭބައެކެވެ. ކުޑައިރުކޮޅެއްގެތެރޭގައި ދަރިފުޅާއި ފިރިމީހާ އެތަނަށް އައެވެ. މޫނުމަތިން ފެންނަނީ ހާސްކަމެވެ. ކަންބޮޑުވުމާއި ގޮތްހުސްވެފައިވާ ކަމުގެ އަސަރެވެ.

ކުޑަހިނދުކޮޅެއްގެތެރޭގައި އަނެއްކާވެސް މަގުގެ ހަލަބޮލިކަން އިތުރުވެގެން ހިގައްޖެއެވެ. ހޭލަމޭލަޔަށް އުޅޭ މީހުންތަކާއި ދުއްވާ އެއްޗެހިން މަގު ފުރެންފަށައިފިއެވެ. ހުރަސްކުރާ ކޮންމެ ކާރެއްގެ ޑްރައިވަރު ގާތުގައި އެބޭބެ އާދޭސްކުރަމުންދިޔައީ އަހަރެން ހޮސްޕިޓަލަށް ގެންގޮސްދިނުމަށެވެ. ނަމަވެސް އެއިންކޮންމެމީހަކު އިތުރަށް ދުވެލިބާރުކޮށްލަނީ އެއަޑު އިވުނުހެންވެސް ހީނުވާފަދަ ގޮތަކަށެވެ. ބައެއްމީހުންގެ ހިތްތަކަކީ ހިލައާއި އެކަތައިގެ ހިތްތަކަކަށްވާއިރު މަޑުފުށްގަނޑެއްފަދައިން ރަހުމާއި ކުލުނުންފުރިފައިވާ ހިތްތަކުގެ ވެރިންވެސް މަދެއްނޫނެވެ. އެއްބަޔަކު އެގޮތަށް ފިސްޖަހާލާފައި ދިޔަނަމަވެސް އިސާހިތަކު އެމްބިއުލަންސެއް އެތަނަށް އައެވެ. ދަރިފުޅު ބިރުން ތުރުތުރު އަޅާ މަންޒަރު ރީތިކޮށް އަހަންނަށް ފެނެއެވެ. ދެބަފައިންމެ ތިބީ ކުރާނެ ކަމެއްނޭގިފައެވެ.

"ޖުނައިދުބެއަށް ގުޅާލަފަ ބުނޭ އަހަރެން ހޮސްޕިޓަލަށް ގެންދާވާހަކަ" މިހެންބުނެ އަހަރެން ފިރިމީހާ އަތަށް ފޯނު ދިންނަމަވެސް ފިރިމީހާއަށް ފޯނުގައި ހިފަހައްޓާ ނުލެވުނީ މީހާތުރުތުރު އަޅާވަރުންނެވެ.

އެވަގުތު ދަރިފުޅު އެފޯނުނަގާ އަހަރެމެންތިބި ގޭގެ ވެރިމީހާއަށާއި ގޭގެ އޮޓޯ ޑްރައިވަރަށް މައުލޫމާތު ދިނެވެ.

އެމްބިއުލަންސް ބާރުއަޑުން ސައިރެން އަޅަމުން ވައިކަފާލާފައި ދުއްވަމުން ދާއިރު އަހަންނަށް އިވެމުން ދަނީ އެންމެ އަޑެކެވެ.

"ބައްޕާ! މަންމަ ބޭނުން" މަޑުމަޑު ގިސްލުމަކާއިއެކު ދަރިފުޅު ހުއްޓާނުލާ މަޑުމަޑުން މިހެން ކިޔަމުން ދިޔައެވެ. ފިރިމީހާ މަޑުމަޑުން ބުނަމުންދިޔައެވެ.

" ދަރިފުޅާ! އިރާދަކުރެއްވިއްޔާ މަންމަޔަށް އެއްވެސް ކަމެއްނުވާނެ "

ހަމައެއާއެކު މަޑުމަޑުން އަހަރެންގެ ބޮލުގައި ފިރުމަމުން ހިތްވަރުކުރުމަށް ބުނަމުންދިޔައެވެ. އެންބިއުލަންސް އޭގެ ބާރުދުވެލީގައި ގޮސް މަޑުކޮށްލީ މެޑިކަލް ކޮލެޖަށެވެ. ނަރުހުންނާއި ޑޮކްޓަރުން އަވަސްވެގެންފިއެވެ. އައިވީތަކާއި އިންޖެކްޝަން ޓްރޭތައް ގެންނަން ފަށައިފިއެވެ. ކުޑައިރުކޮޅެއްގެތެރޭގައި ގޭގެ އޮޓޯޑްރައިވަރުވެސް އެތަނަށް އަތުވެއްޖެއެވެ. އޭނަ ހޮސްޕިޓަލަށް ވަނުމާއިއެކު އަވަސްފިޔަވަޅުތަކެއްގައި ކޮޅުކޮޅަށް ދުވަމުން ދާމަންޒަރު ބަލަން އަހަރެން އޮތީމެވެ. ފިރިމީހާ އިރުއިރުކޮޅުން އަހަރެންގާތު ތެދުނުވުމަށް ބުނަމުންދާތީ، ހިތުގެ ނުތަނަވަސްކަން ބޮޑުވަމުން ދިޔައެވެ. އަނެއްކާވެސް އަހަރެން އެމްބިއުލަންސަށް އެރުވިއެވެ. ކިހިނެއްވީހޭ އަހާލުމުން ކިމްސް ހޮސްޕިޓަލަށް ގެންދަނީ ކަމަށް ބުންޏެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ފަރުވާ ލިބޭނެ އިރަކަށެވެ. ވަގުތުން ގެންގޮސް ވެއްދީ އަވަސްފަރުވާދޭ ކޮޓަރިއަށެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ޚިދުމަތް އެހާހިސާބުން ފެށިގެންދިޔައީ ހީވެސް ނުކުރާހާ ހަލުއިކަމާއެކުގައެވެ. ޑޮކްޓަރުންގެ ސުވާލުތަކަށް އަހަރެން ޖަވާބުދެމުން ދިޔައީމެވެ. ޑޮކްޓަރުން މައުލޫމާތު ހޯދަމުން ދިޔައިރު ނަރުހުން ދިޔައީ ތަފާތު މެޝިންތައް ގުޅަމުންނެވެ. އެކަކު ލޭގުޅަމުންދިޔައިރު އަނެކަކު ދިޔައީ އައިވީގުޅަމުންނެވެ. އީސީޖީ ނަގަމުންދިޔައިރު ޓެސްޓުތައް ހެދުމަށް ދިޔައީ ސިރިންޖްތަކުން ލޭދަމަމުންނެވެ. މިހުރިހާ ކަމަކާއެކު އެކްސްރޭނެގުމަށްވެސް ދިޔައީ ތައްޔާރުވަމުންނެވެ. އެކްސްރޭނަގާ ކޮޓަރިއަށް ގެންދިއުމަށް ލިފްޓު ކައިރީއެނދު ބަހައްޓާފައި ހުރިއިރު އަހަރެންނަށް ކުރެވެމުން ދިޔައީ ރާއްޖޭގެ ހޮސްޕިޓަލެއްގައި އޮވެވުނު ކަމުގެ އިހްސާސެވެ. ވަށައިގެން ތިބީ ހުސް ދިވެހިންނެވެ. ކޮންމެ މީހެއްގެ މޫނަށް ބަލާލިއަސް ފެންނަމުންދަނީ ކަރުނުން ފުރިފައިވާ ދެލޮލެވެ. ބައެއްމީހުންގެ ރުއިމުގެ އަޑު ބޭރުވެގެން އަންނަނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. އެއަޑު އަހަރެންގެ ކަންފަތަށް ފޯރުކޮށްދެމުންދިޔައީ އަހަރެންނަށް ހިތްވަރުދީ ބުނާބަހެއްގެ ގޮތުގައެވެ. ކޮންމެ މީހަކުމެ އަހަރެންގެ ބޮލުގައި ފިރުމާލަނީ މަޑުމަޑު ގިސްލުމަކާއެކުއެވެ. މާތްﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެނުކުރައްވާނެއޭ ބުނާފަދަ ގޮތަކަށެވެ. އަނެއްކާވެސް އަވަސް ފަރުވާދޭކޮޓަރިއަށް ގެނެވުނީ ހަމަކުރީގެމަންޒަރު ތަކުރާރުވަމުންނެވެ. ފެންނަމުން ދަނީ ޑޮކްޓަރުންނާއި، ނަރުހުންގެ އަވަސް ޙަރަކާތްތަކެވެ.

ޑޮކްޓަރު އޮޕަރޭޝަނަށް ތައްޔާރުކުރުމަށް ބުނުމާއެކު ނަރުހުން ފިރިމީހާކައިރީގައި އަހަރެންގެ ގައިގައި އަޅާފއިހުރި ގަހަނާތައް ނެގުމަށް އެދުނެވެ.

"އަހަރެން ތިއިން އެއްވެސް އެއްޗެއް ބޭނުމެއް ނޫން ހުރިހާ އެއްޗެއް ބުރިކޮށްފަ އެއްލާލާ، އަހަރެންބޭނުމީ ހަމައެކަނި ތިފުރާނަ. އަހަރެންނަށް ތިފުރާނަ ސަލާމަތްކޮށްދީ." ފިރިމީހާގެ މިޖުމްލައިން އެވަގުތު އަނެއްކާވެސް އަހަންނަށް ލިބުނީ ޝޮކެކެވެ.

އަނެއްކާ އަހަރެން މަރާ ހަނގުރާމަ ކުރަނީ ބާވައެވެ. އަހަރެންގެ ހަމަހޭ އެބަހުއްޓެވެ. އެކަމަކު މިއެންމެން ރޮނީ ކީއްވެބާއެވެ. ދަރިފުޅު ކޮބައިބާއެވެ. ބައްޕަ ގާތުގައި މަންމަ ބޭނުމޭ ކިޔައި ގިސްލެވުނީ ކީއްވެބާއެވެ. މީ އެވަގުތުކޮޅުގައި އަހަރެންގެ ހިތް އަހަންނާ ކުރަމުން ދިޔަ ވޭނުންފުރިފައިވާ ސުއާލުތަކެވެ. އަނެއްކާ އެހެން އަޑެކެވެ.

"ޖުނައިދުބޭ! އަހަރެންގެ އަންހެނުންގެ ފައިބުރިކޮށްލަނީ........''

އަހަރެންގެ ކަންފަތްދޮށުގައި ހީވީ ބާރު ގުގުރިއެއް ޖެހިހެންނެވެ. ސިކުނޑިއަށް ލިބުނު ސިހުމާއެކު އަހަރެން ގަނޑުވިއެވެ. ހިތަށް ތަދުވެ ދެލޯ ފެންކަޅިވިއެވެ. އަހަރެންގެ ފައި ބުރިކޮށްލަން ޖެހޭވަރުގެ ކަމެއްވީކަމެއް އިހުސާސް ނުކުރެވެއެވެ. އެނގޭހާވެސް ކަމަކީ ފައި އައްސިވެފައި ހުރިކަމެވެ. ހަނދާނަށް އައީ ތެދުނުވުމަށް ފިރިމީހާ ބުނަމުން ދިޔަކަމެވެ. އެހެންކަމުން އެވަގުތު ބޭނުންވީ ފަޔަށް ވެގެންއުޅޭގޮތެއް ބަލާލުމަށެވެ. ކުޑަކޮށް ބޯހިއްލާލުމަށްފަހު ގައިމަތީގައި އަޅާފައިއޮތް ފޮތިގަނޑު ހިއްލާލަމުން ފަޔަށްބަލާލީމެވެ. ސުބްޙާނަﷲ! މީ ކޮންފަދަބޮޑު އަޖައިބެއް ހެއްޔެވެ. މީ އަހަރެންގެ ފައި ހެއްޔެވެ. ފެންނަނީ ފުއްޕާ ހަމަކުން ވައިދިއުމުން އެ ހަން އޮންނަގޮތެވެ. ފައިގާ މަސްކޮޅެއް، އަދި ކަށިކޮޅެއްވެސް ނެތެވެ. ލޭގެކޯރުތަކުން މުޅި ހިސާބުގައިވަނީ ސައިލެއް އުފެދިފައެވެ. ﷲގެ އޯގާވަންތަކަމުގެ ބޮޑުކަމާއެވެ. މިހުރިހާ އިރު އޭގެމައްޗަށް ބާރުފޯރުވަމުން ލޮލުތެރޭގައި ރައްކާ ކުރަމުންދިޔަ ކަރުނަތައް އޮހިގަތީ ދެން އިތުރަށް ކެތްނުކުރެވޭނެއޭ ބުނާފަދައިންނެވެ. މާތްﷲ އިންސާނާއަށް ކެތްތެރިކަން ދެއްވީވެސް ވަކިވަރަކަށެވެ. ފިރިމީހާ އަހަންނަށް އެކަން ސިއްރުކޮށްގެން ހުރިނަމަވެސް މިވަގުތު އެހީތެރިވާން ހުރި މީހާ ( ޖުނައިދުބެ ) ފެނުމުން އޭނާއަށް ކެތްނުކުރެވުނީއެވެ. ބުނެވުނީ ކީކޭކަން އޭނާއަށް އިހްސާސްވީ އަހަރެންގެ ގިސްލުމުގެއަޑު ކަންފަތުގައި ޖެހުމުންކަން އަހަންނަށް އެނގުނެވެ. އެހިނދު އަވަސްއަވަހަށް އަހަންނާ ގާތްވެލިއެވެ. މަޑުމަޑުން އަހަންނަށް ކެތްތެރިވުމަށްއެދި ނަސޭހަތްދެމުން ދިޔައީ އަމިއްލަ ހިތުގައި އަޅަމުންދާ ވޭން ކަފުންކޮށް ވަޅުލަމުންނެވެ.

އޮޕަރޭޝަން ތިއޭޓަރަށް ގެންދިޔަ އިރުވެސް އެންމެންވެސް ހިތްވަރުދެމުންދިޔައީ އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯސްނުވާނެކަމުގައި ބުނަމުންނެވެ. ތިއޭޓަރަށް ވެއްދިއިރު އަހަރެންގެ ހިތް އެދެމުންދިޔައީ އެންމެ ކަމަކަށެވެ. އަދި އިވެމުން ދިޔައީވެސް އެންމެ އަޑެކެވެ. އަހަރެމެންގެ ހުރި ހަމައެކަނި ދަރިފުޅު އަދިއެއްފަހަރު ދެކިލުމަށެވެ. އޭނަގެ މާޔޫސްވެފައިވާ މޫނަށް އުފާވެރިކަމެއް ގެނެސްދިނުމަށެވެ. ވިސްނެންފެށީ އަހަރެން ގެ ބައްޕަ މިދުނިޔެއާ އަލްވަދާޢު ކިޔާފައިވީފަދައިން އަހަރެންގެ ދަރިފުޅާ އަހަރެން އަލްވަދާޢު ކިޔަންޖެހެނީ ބާއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އަހަރެންގެ އެހީތެރިފަރާތަކީ އެއަށްވުރެ މާ ޙިކުމަތްވަންތަ ، މަދަދުވެރި ފަރާތެކެވެ. ފަސްގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ފައި ބުރިކުރަން ނުޖެހޭކަމުގެ އުފާވެރި ޚަބަރުން އަހަރެންގެ ޢާއިލާއާއި އެކުވެރިން ހެއްވާލިއެވެ. ފައިގެ މައިނާރު ސަލާމަތުން ހުރުމަކީ ފައި ބުރިކޮށްލަން ނުޖެހުނު އިލާހީ ހަދިޔާކަމުގައި ޑޮކްޓަރުން އެންގިއެވެ. އެވަގުތު ﷲއަށް ހަމްދުކޮށް ޝުކުރުކުރީމެވެ. ގިނަދުވަސްތަކެއް ހޮސްޕިޓަލުގައި ހޭދަކުރީމެވެ. ހަފްތާއަކު އޮޕަރޭޝަނެއް ކުރަމުންދިޔައިރު އަޅާވޭނަށް ކެތްނުކުރެވިގެން ގިސްލާރޮވޭ ކިތަންމެ ދުވަހެއް މާޒީއާއި އެކުވެ ހިނގައްޖެއެވެ. އޮތްތަނުގައި ނުތެދުވެވި ހަތަރުމަސްދުވަސްވެގެން ދިޔައީ އެތައްބައެއްގެ އެހީތެރިކަމާއިއެކުގައެވެ. ކުޅަދާނަ ޑޮކްޓަރުންނާއި، އޯގާތެރި ނަރުހުންނެވެ. ދަރިފުޅާއި ފިރިމީހާގެއެވެ. މަންމައާއި، ބަލާބޮޑުކުރި ބައްޕަގެއެވެ. އެއްބަނޑު މީހުންނާއި ތިމާގެ މީހުންގެއެވެ. ރައްޓެހިންނާއި ހެޔޮއެދޭ މީހުންގެއެވެ.

މިބިރުވެރި ނާމާން ދަތުރަށް ދެއަހަރަށްފަހު އެކަނި ހިނގާބިގާވެ އުޅެވެންދެން ފިރިމީހާ ދެކެމުން ދިޔައީ އަހަރެން ބެލެހެއްޓުމަކީ އޭނަގެ ވާޖިބެއްކަމުގައެވެ. މަންމަ އަހަރެން ބަލަމުންދިޔައީ އަމިއްލަޔަށް ކަންތައް ނުކުރެވޭއިރު ގެންގުޅުނު ފަދައިންނެވެ. ދަރިފުޅަށް މަންމަގެފަރާތުން ލިބެންޖެހޭ އެހީތެރިކަމުން މަހުރޫމްވެފައިވާކަން ނުދެއްކީ އަހަރެން ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. މިހާރު އަހަރެން ވޭތުކުރަމުން މިދާ އުފާވެރި ހަޔާތް އަހަންނަށް އަބުރާ ދެއްވި މާތްﷲ އަށް ޝުކުރުވެރިވަނީ މިހުރިހާ ދުވަހު އަހަންނަށް އެހީތެރިވެދިން ފަރާތްތަކަށް ޝުކުރުވެރިވާ ހާލުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ