logoEN
cocacola

OG HITHI HANDHAANTHAH

ގޮސިޔާ

އެޑިޓަރުގެ ނޯޓު: މި ވާހަކަ އަކީ ގާފު ކުރުވާހަކަ މުބާރާތަށް އައިމިނަތު ލީނާ ހުށައަޅާފައިވާ ވާހަކަ އެކެވެ. މިވާހަކަ ގާފު އޮންލައިންގައި ޝާއިއުކޮށްފައި މިވަނީ ވާހަކައަށް މާކްސް ދިނުމަށްފަހު، މި މުބާރާތުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ވާހަކަ އަށް ލިބޭ ވިއުސް އަށްވެސް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ ކިއުންތެރިންގެ ޚިޔާލު ހޯދުމަށެވެ. ވާހަކައަށް މާކްސް ދިނުމުގައި ބަލާނީ ވާހަކަ ޝާއިއުކުރާ ތާރީޚުން ފެށިގެން 10 ދުވަހުގެ މުއްދަތުގައި އެ ވާހަކައަކަށް ލިބޭ ވިއުސްގެ މައްޗަށެވެ.

ފުރާވަގުތު ކައިރިވަމުން ދިޔަވަރަކަށް އަހަރެންގެ ހިތަށް ނޭނގޭ އިހުސާސްތަކެއް ވެރިވަމުން ދިޔައެވެ. އަހަރެން ދަތުރު އެރެހައްޓަން އައިސްތިބި ދެތިން ރަހުމަތްތެރިން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން އެބަތިއްބެވެ. ކުއްލިއަކަށް އައިސް ކުރިމައްޗަށް އެހުއްޓުނީ އަހަރެންގެ ބައްޕަ ފަރާތު ބޮޑު ދައިތައެވެ. ބޮޑުދައިތަ އިރުކޮޅަކު އެހެން ހުރެފައި އަހަރެން ގައިގައި ބައްދާލީ ރޮމުން ކަރުނަ އޮއްސަމުން ދައްތައަށް މާފުކުރާށޭ ބުނެފައެވެ. ބޮޑުދައިތަ އެރޮނީ ކީއްވެގެންކަން އަހަރެންނަށް އެނގެއެވެ. އިރުކޮޅެއްފަހުން ބޮޑުދައިތަ ހަމައަކަށް އެޅުމުން ބޮޑުދައިތައަށާއި ރަހުމަތްތެރިންނަށް އަލްވަދާޢުކީ ފުރާވަގުތު ޖެހުމުންނެވެ. އަދި ބޮޑުދައިތަ ގާތު މާފުކުރަންޖެހޭވަރު ކަމެއް ނުކުރާ ކަމުގައި ބުނީމެވެ.

ފުލައިޓަށް އަރާ އަހަރެންގެ ސީޓުގައި ހަމަޖެހިލަމުން ލޯމަރާލުމާއެކު ސިފަވާންފެށީ އަހަރެން މިހާރު ހަނދާނުން އެންމެ ފޮހެލަން ބޭނުންވާ ހަނދާންތަކެވެ. ބޮޑުދައިތަ އެހާ ދެރަވަނީ ބޮޑުދައިތަގެ ކުށުންކަން އަހަރެންނަށް އެނގެއެވެ. އެކަމަކުގައި ބޮޑުދައިތަގެ އެއްވެސް ކުށެއްނެތެވެ. ހުރިހާ ކަމެއްވެސް ކުރީ އޭނާގެ ދަރިއެވެ. އަހަރެންގެ ބައްޕަ އަހަރެން ބޮޑުދައިތަ ގާތަށް ކިޔަވަން ފޮނުވީ އަހަރެންނާމެދު ދެކެމުންދާ ފޮނި ހުވަފެންތަކުގައި ކުލަ ޖެއްސުމަށެވެ. މަންމަ ނިޔާވުމަށްފަހު އަހަރެންގެ ހުރިހާކަމެއް ބައްޕަ ބަލަހައްޓައިދިނީ އެހާ ރަނގަޅަށެވެ. އެކަމުގެ ބަދަލުގައި ބައްޕަގެ އެންމެ ހުވަފެނެއްގައި ކުލަޖެއްސުމަށް އަހަރެން އަޒުމު ކަނޑައެޅީމެވެ. ބޮޑުދައިތަ ގާތަށް މެލޭޝިޔާއަށް ބަދަލުވެވުނުއިރު ކޮލެޖުގެ އެއްހަފުތާ ވަނީ ފާއިތުވެފައެވެ. ބޮޑުދައިތަ އަހަރެންގެ އުމުރުގެ ދަރިއެއްވެސް ހުރެއެވެ. ނަމަކީ ކައިލާނެވެ. ފުރަތަމަ އަހަރެންނަށް އޭނައާއި ވާހަކަ ދައްކަންވެސް ނުކެރެއެވެ. ބޯދިގުކޮށް ކަރުގައި ފަށްއަޅާފައި ކަންފަތުގައި އެކި ގޮތްގޮތަށް ރަންލާ ހަދާއިރު ވައްތަރީ ޕާޓޭ އަކާއެވެ. ކޮލެޖުންވެސް އެއްދުވަހު ފެނިލައިފިއްޔާ އަނެއްދުވަހަކު ނުފެނެވެ. ކޮލެޖަށް ނުދާ ދުވަސްތަކުގައި ވެސް ގެއިން ފެނިނުލައެވެ.

undefined

އެއްދުވަހެއްގެ ބުރޭކްގަޑީގައި އަހަރެން ކެންޓީނުން ނުކުމެގެން ކޮލެޖުގެ ގޯތިތެރެއަށް ނުކުތީ އެތާ މާ އަޑުގަދަވެ ކިހިނެތް ވަނީތޯ ބަލައިލުމުގެ ބޭނުމުގައެވެ. ކުދިންތައް އެއްވެފައިވާ ދިމާލަށް ގޮސް ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. ކުއްޖެއްގެ ގަމީހުގެ ގިރުވާނުގައި ހިފާފައި އެކުއްޖާގެ މޫނުގައި އެތައް ފަހަރަކު އެއްވެސް ރަހުމެއް ކުލުނެއްނެތި އެތަޅަނީ ކައިލާނެވެ. އަހަރެންގެ ގާތަށް އެވަގުތު އައީ ފާޑެއްގެ ރުޅިއެކެވެ. ދިޔަގޮތަށް ގޮސް ކައިލާންގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް އަހަރެންނަށް އަރުވައިލެވުނެވެ. ކައިލާން އަހަރެންނާ ދިމާއަށް އެވަގުތު ދެލޯ އަޅާލި ގޮތުން އަހަރެން ފިނިވިއެވެ. އެކަމަށް ނުވިސްނާ އަހަރެން ބެލީ ކައިލާންގެ އަތްދަށުގައިވާ ކުއްޖާ ސަލާމަތް ކޮށްދެވޭތޯއެވެ. ކައިލާން އެކަމަށް ހުރަސް އެޅުމުން އަހަރެންގެ ގާތަށް ވަރަށް ރުޅިއައިސްގެން ކައިލާން ކޮށްޕާލީމެވެ. ހަށިގަނޑު ކޮންޓްރޯލް ނުކުރެވިގެން ކައިލާން ވެއްޓުނު ވަގުތު ބިންމަތީ އޮތް ގާގަނޑެއެއްގައި އޭނަގެ ބޯޖެހުނެވެ. ވެއްޓުނު ވަރަށްވުރެ އަވަހަށް ތެދުވެ ދަމުން އަހަރެންނާއި ދިމާލަށް އިންޒާރުގެ ލޮލަކުން ބަލައިލިއެވެ. އެކަމާ އަޅައިނުލާ އަހަރެން ބެލީ ކައިލާން އެ އަނިޔާކުރި ކުއްޖާއަށް ފަރުވާއެއް ދެވޭތޯއެވެ. ކައިލާންގެ ބޯޖެހިފައި ކުޑަކޮށް ބޯ ފަޅައިގެން ދިޔަހެން އަހަރެންނަށް ހީވެގެން އެކަމާ ދެރަވިއެވެ. އަހަރެން އެގޮތަށް ކަންތައްކުރީ އޭނާއަށް ގެއްލުމެއް ލިބުމަށް އެދިއެއް ނޫނެވެ. ގެއަށްގޮސް މާފަށް އެދުމަށް ނިންމައިގެން އަހަރެން ކިޔެވުމައިގެން ކުރިއަށްދިޔައީމެވެ. ނަމަވެސް ކައިލާންގެ އެފަދަ އަމަލެއް ފެނިދާނެކަމަށް އަހަރެންނަށް ޤަބޫލުކުރަން ދަތިވީއެވެ. އަހަރެން އުންމީދު ކޮށްގެން ހުރީ ބޭރުން މީހާގެ ސިފަ ކޮންމެ ގޮތަކަށް ހުރިނަމަވެސް ކޮންމެވެސް ރަނގަޅު ސިފައެއް ވާނެކަމަށެވެ.

އެރޭ ބޮޑުދައިތަ ނިދަން ވަނުމުން އަހަރެންވެސް ފެންފުޅިއެއް ހިފައިގެން ކޮޓަރިއަށް ވަނީމެވެ. ފޮތެއް ހިފައިގެން އެނދުގައި އޮންނަތާ ބައިގަޑިއިރެއްހާއިރު ވީއިރު އަހަރެންނަށް ނިދުނެވެ. ކުއްލިއަކަށް ހޭލެވުނީ އަހަރެންގެ ގައިގައި އެއްޗެއް ބީހޭ ކަހަލަ އިހުސާސެއް ކުރެވިގެންނެވެ. އެންމެ ފުރަތަމަވެސް ފެނުނީ ކައިލާނެވެ. އަހަރެން ތެދުވެވޭތޯ ކައިލާން ކޮއްޕާލަން ކުރި މަސައްކަތް ނާކާމިޔާބުވިއެވެ. ކައިލާން މަސްތުވެފައިވާ މީހެއްފަދައިން އަހަރެން ސަލާމަތަށް އެދި ރޮއެރޮއެ އޮއްވާ ގަދަކަމުން އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތްފިއެވެ. ކައިލާން އަހަރެންގެ އާދޭސްތަކަށް ދިނީ ބީރުކަންފަތެކެވެ.

މަރުވެފައިވާ މައްޔިތެއްފަދައިން އަހަރެން ހިނގާފައި ފާހަނައަށް ވަނީމެވެ. އޭރު ކޮޓަރީގެ ތަޅުންމަތީ ކައިލާން އޮތެވެ. އޭނައާއި ދިމާލަށް ބަލައިލި ވަގުތު އަހަރެންގެ މޭ ނުބައިކުރަންފެށިއެވެ. މިރޭ ކައިލާން އެވަނީ އަހަރެންގެ ހުރިހާ ހުވަފެނެއް ވިއްސިވިހާލީ ކުރުވާފައެވެ. ފާހަނާގައި އެތައްއިރަކު އަހަރެން ހައްޔަރުވެފައި އިނީމެވެ. އަހަރެން ދެފަރާތަށް ހެލެމުންކަހަލަ ގޮތަކަށް ފާހަނާއިން ނިކުތީމެވެ. އޭރު ކައިލާނެއް ކޮޓަރިތެރެއަކު ނެތެވެ. އެކަމާ އަޅާނުލައި އަހަރެން ދިޔައީ ބޮޑުދައިތަ ގާތަށެވެ. ގިސްލަގިސްލާފައި ބޮޑުދައިތަ ގާތު އެވާހަކަ ބުނީމެވެ. ބޮޑުދައިތައަށް ހީވީ ފައދަށުން ބިންގަނޑު ދެމިގެންހެންނެވެ. އެހާ ހައިރާންވި ނަމަވެސް އަހަރެންނާމެދު ވިސްނާފައި ކައިލާން ދެކެ ރުޅިއައެވެ.

އެދުވަހުގެ ހަވީރެވެ. ކޮޓަރީގައި ބަންދުވެފައި އަހަރެން އިނީ ކައިލާން ގޭގައި އުޅޭހެން ހީވާތީއެވެ. އަހަރެންނާމެދު އެފަދަ ގޮތަކަށް ކަންތައް ކުރި މީހަކާ ދިމާލަށް ބަލައިލަން ދުވަހަކުވެސް ބޭނުމެއްނޫނެވެ. އެ އަޒުމެއްގައި އިންދައި ކުއްލިއަކަށް ގޭތެރޭގައި މާ އަޑުގަދަވެއްޖެއެވެ. ކައިލާންގެ އަޑު ގޭތެރޭގައި ގުގުމަމުން ދިޔައެވެ. އަހަރެން ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލަމުން ބޭރުބަލައިލުމާއެކު ދެލޯ ބޮޑުވެ މީހާ ގަނޑުވިއެވެ. ކައިލާންގެ ގައިގައި ހިފަހައްޓައިގެން ތިބި ޕޮލިސް އޮފިސަރުން މަސައްކަތް ކުރަމުން ދިޔައީ އޭނަ ބޭރަށް ގެންދެވޭތޯއެވެ. ކައިލާން ގަދަ ދައްކަމުން ދިޔަނަމަވެސް އިސާހިތަކު ކައިލާން ހައްޔަރުކޮށްގެން އެމީހުން ހިނގައްޖެއެވެ. އަހަރެންނަށް ތަނެއް ގުޑުވާވެސް ލެވުނީ ދެނެވެ. ބޮޑުދައިތަ ކޮޓަރިއަށް ވަތްއިރު ބޮޑުދައިތަގެ ދެލޯ ރޮއެރޮއެ ގޮސް ވަނީ ދުޅަވެފައެވެ. ކައިލާންގެ ކަންތައް ބޮޑުދައިތަ ރިޕޯޓްކުރީކަން ޔަޤީންވުމުން ބޮޑުދައިތަގެ ގައިގައި ބައްދާލައިގެން އޮވެ އަހަރެންނަށް ރޯންފެށުނެވެ. ބޮޑުދައިތައަށް ކުރާނެ އަސަރު ހިތައް އެރުމުންނެވެ.

އަހަރެންގެ ބައްޕަ ގާތު ބޮޑުދައިތަ އެވާހަކަ ބުނުމުން އަހަރެން އިތުރަށް މިތާ ހުންނާކަށް ބައްޕަ ބޭނުމެއް ނުވިއެވެ. ވަގުތުން ފުރަން ބުންޏެވެ. އަހަރެން އެގޮތަށް އެއްބަސްވީ އަހަރެންވެސް މިހިތި ހަނދާންތަކާއި ދުރުވުމަށް ބޭނުންވާތީއެވެ.

އަހަރެންނަށް މިހިޔާލު ތަކުން ބޭރުވެވުނީ ފުލައިޓް އެއާޕޯޓަށް ޖެއްސި ގަޑިއަށެވެ. އެއާޕޯޓުގެ ހުރިހާކަމެއް ނިމުމުން އަހަރެން ހިނގައިގަތީ ބޭރަށެވެ. ދުވަހަކުވެސް ދެން އަހަރެން އެކަމާ ވިސްނާކަށް ބޭނުމެއް ނޫނެވެ. ބޭނުންވަނީ އެހިތި ހަނދާންތަކުގެ ހިޔަނި އަހަރެންގެ ދިރިއުޅުމުން ފޮހެލުމަށެވެ.

~ ނިމުނީ ~

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ