
1035664E-2247-4D33-AF96-CB1E869D40E0
ގދ. ތިނަދޫ ފުޓްސަލް ދަނޑުގައި މިރޭ ހިނގައިދިޔަ ހަމަނުޖެހުމުގައި ގާފުގެ ނޫސްވެރިއަކަށް ހަމަލާ ދިން މައްސަލައާ ގުޅިގެން ދަންނަވަމެވެ.

ގާފު އޮންލައިން އަކީ ދިވެހި ދައުލަތުގެ ދާޚިލީ ވުޒާރާގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ތަޖުރިބާކާރު ނޫސްވެރިންގެ މައްޗަށް އެކުލެވިގެންވާ ޓީމެއްގެ ދަށުން ހިންގޭ ނޫހެކެވެ. ނޫހުގެ ކަންކަން ރާވައި ބައްޓަން ކުރަމުން މި ދަނީ ނޫސްވެރިކަމުގެ އެންމެ ޕްރޮފެޝަނަލް ސްޓެންޑަޑަށެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދީދފައިވާ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ޙައްޤު، އޭގެ އެންމެ ފުރިހަމަ ގޮތުގައި، އެ ޤާނޫނުގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ޙައްޤު މި ނޫހުން މިދަނީ ފުރިހަމަ ގޮތުގައި ބޭނުން ކުރަމުންނެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ދެކެވޭ އާންމު ވާހަކައެކެވެ. އިންޒާރު ދިނުމާއި ހަމަލާ ދިނުމުގެ މައްސަލަތަކަކީ ނޫސްވެރިންނާ ކުރިމަތިވެފައި އޮތް ދުވަސްވީ "ބިރުވެރި" ކަމެކެވެ.
ނޫސްވެރިންނަކީ ކޮނޑުމަތީގައި ބުރަ ޒިންމާތަކެއް އެޅިފައިވާ ބައެކެވެ. މުޖުތަމައުގައި ހިނގާ އެކި ދާއިރާގެ އެކި ކަންކަމާ ގުޅޭ ޚަބަރާއި މައުލޫމާތު އެއްކުރުމުގައި ނޫސްވެރިން ކުރަމުން އަންނަ ބުރަ މަސައްކަތަކީ ބަލައިގަންނަން ޖެހޭ މަސައްކަތްތަކެވެ. ނަމަވެސް އޭގެ ބަދަލުގައި ފުރައްސާރައާ ކުރިމަތިލާން ޖެހުމަކީ މިއަދު ނޫސްވެރިން ކުރިމަތިލާން ޖެހިފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
މިރޭ ގދ. ތިނަދޫގެ ފުޓްސަލް ދަނޑުގައި ގާފު އޮންލައިންގެ ނޫސްވެރިޔާ، ޙުސައިން އާހިލް ވަހީދަށް ދިން ހަމަލާ އަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ އަމަލެއް ކަމުގައި ދަންނަވަމެވެ. ގާފުގެ ނޫސްވެރިޔާއަށް އިންޒާރުދީ ގަޔަށް އަތްލައި ހަމަލާ ދިނުން މި ނޫހުން އެންމެ މަތީ ދަރަޖައިގައި ކުށްވެރިކުރަމެވެ. މިފަދަ އަމަލުތައް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި މިކަމާ ގުޅިގެން އަޅަން ޖެހޭ އެންމެހާ ޤާނޫނީ ފިޔަވަޅެއް މި ނޫހުން އަޅާނެ ކަމުގައި ދަންނަވަމެވެ.
މީގެ ކުރިންވެސް ގާފު ނޫހުގެ ނޫސްވެރިންނަށް ވަނީ މިފަދަ ފުރައްސާރަތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މީގެ ކުރިން ތިނަދޫގައި ބޭއްވި ހޭންޑްބޯލް މުބާރާތެއްގައިވެސް، މުބާރާތް ކަވަރ ކުރަމުން ދަނިކޮށް ގާފު އޮންލައިންގެ ނޫސްވެރިއެއްގެ މޫނަށް ކުޅު ޖަހާފައިވެއެވެ. އެފަހަރުވެސް މި ނޫހުން ވާނީ އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ޖެހިލުމެއްނެތި އަޅާފައެވެ.
މިފަދަ ކަންކަމުގައި ތަންފީޒީ އިދާރާތަކުން ދެއްވަމުން ގެންދަވާ އެއްބާރުލުމަށް އިޚްލާސްތެރި ޝުކުރެއް ދަންނަވަމެވެ. އަދި މިރޭ ގާފު ނޫސްވެރިޔާއަށް ހަމަލާ ދިުން މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މިނޫހުގެ ފަރާތުން މިހާރު ފުލުހުންނަށް ހުށައަޅާފައިވާކަންވެސް ކިއުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. މިފަދަ ކަންކަމަކީ މި ނޫހުން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫނެވެ.
ގުޅުންހުރި

ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލު ރައީސް އޮފީހަށް ފޮނުވައިފި

ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ހެއްކާބެހޭ ގާނޫނު އިސްލާހުކުރަނީ

އަލްޖަޒީރާގެ ނޫސްވެރިޔާ މަރުވީ އިސްރާއިލް ސިފައިންގެ ހަމަލާއަކުން ކަމަށް ބެލެވޭ - އިސްރާއިލް
