
SHAWARMA
ގާފު ރެސިޕީ ސެގްމަންޓުގައި މިއަދު މި ގެނެސްދެނީ ދިވެހިންގެ މެދުގައި ވަރަށް މަގްބޫލު ސްނެކެއް ކަމުގައިވާ ޝަވަރުމާ ތައްޔާރުކޮށްލާނެ ގޮތެވެ. މި ރެސިޕީއަކީ ޝަވަރުމާގެ އަރަބިއަން ޓޭސްޓެކެވެ.

ކުކުޅު މެރިނޭޓް ކުރުމަށް ބޭނުންވާނެ ތަކެތި:
ބޯންލެސް ޗިކަން (700 - 750 ގްރާމް)
އެއް ސަމްސާ ލޮނު
1/4 ޖޯޑު ލުނބޯ ހުތް
4 ސަމްސާ ޔޯގަޓް
2 ސަމްސާ ޕަޕްރީކާ ޕައުޑަރ
ކަމިން ޕައުޑަރ 1 1/2 ސަމްސާ
4 ސަމްސާ ތެޔޮ
ތައްޔާރުކުރާނެ ގޮތް: މި ހުރިހާ ބާވަތްތައް ބޯންލެސް ޗިކަން ކޮޅާއެކު އެއްކޮށްލުމަށްފަހު، ޓްރޭއެއްގައި ފޮއިލް އަޅައި، ފޮއިލް މަތީގައި ކުކުޅު ކޮޅުތައް މަދުވެގެން އެއް ގަޑިއިރު ބަހައްޓަން ވާނެ އެވެ،. އަދި އިތުރު ވަގުތަށް ބެހެއްޓޭ ކަމަށްވާނަމަ އެންމެ ރަނގަޅީ 12 ގަޑިއިރު ވަންދެން ބެހެއްޓުމެވެ. އެއަށްފަހު ކުކުޅު ރޯފިލަންދެން (20 މިނެޓު ވަންދެން) އަވަނަށް ލައިގެން ފިހެލާށެވެ. އެއަށްފަހު ކުދި ތަންތަންކޮޅަށް ކުކުޅު ކޮޅު ކޮށާލުމަށްފަހު ބަހައްޓާށެވެ.
ރޯލްސް ތައްޔާރުކުރުމަށް ބޭނުންވާ ފުށްގަނޑު ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:
500 ގްރާމް ފުށް
2 ސަމްސާ އީސްޓް
1 ސަމްސާ ހަކުރު
1/2 ސަމްސާ ލޮނު
ފުށްގަނޑު/ރޮށި ތައްޔާރުކުރާނެ ގޮތް: މަތީގައިވާ ހުރިހާ ބާވަތްތައް ދެ ޖޯޑު ފެން ބޭނުންކޮށްގެން އެއްކޮށްލާށެވެ. ބޭނުންކުރާ ފެނަކީ ފިނި ފެނަކަށްވެސް، ހޫނު ފެނަކަށްވެސް ވުން މުޙިއްމެއް ނޫނެވެ. ރޫމް ޓެމްޕަރޭޗަރގައި ހުންނަ ފެން ރަނގަޅުވާނެ އެވެ. އެއަށްފަހު އަތުގައި ތެޔޮ ކޮޅެއް ހާކާލައި، ފުށްގަނޑު ވަށްކޮށްލުމަށްފަހު ބޮވްލް އެއްގެ ތެރެއަށް އަޅައި، ފުޑްރެޕުން ބޮވްލް ބަންދުކޮށްލާށެވެ. މިގޮތަށް ގަޑިއެއްހާއިރު ވަންދެން ބަހައްޓަންވާނެ އެވެ. ގަޑިއެއް ފަހުން ފުށްގަނޑު ނަގައި، ރޮށި ދަމާހެއް ދަމާލުމަށްފަހު ފިހެލާށެވެ.
ސެލެޑު ހެދުމަށް ބޭނުންވާނެ ތަކެތި:
2 ފިޔާ (ބޮޑު)
1 ޓޮމާޓޯ
1 ލެޓިއުސް (ކުޑަ)
2-3 ކިއުކަމްބާ ޕިކްލް
3-4 ހަލަޕީނޯ ޕިކްލް
1 ސަމްސާ ލޮނު
1/2 ސަމްސާ ޕަޕްރިކާ ޕައުޑަރ
1/2 ޖޯޑު ޕާސްލީ (ކުދިކޮށް ކޮށާފައި)
3 ސަމްސާ ސުމަކް ޕައުޑަރ
ތައްޔާރުކުރާނެ ގޮތް: ފިޔާ ނަގައި، ރަނގަޅަށް ތުނިކޮށް ކޮށާލުމަށްފަހު އެއް ސަމްސާ ލޮނު ފިނިފެނަށް އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު ފްރިޖުގައި ގަޑިއެއްހާއިރު ބަހައްޓާށެވެ. އެއިރުން ފިޔާގައި ހުންނަ ހިތި ރަހަ އެއްކޮށް ކެނޑިގެންދާނެ އެވެ. ދެން ބާކީ ހުރި ތަރުކާރީވެސް ކޮށުމަށްފަހު ހުރިހާ ތަކެއްޗާއެކު ފިޔާކޮޅު މިކްސް ކޮށްލާށެވެ.
ޔޯގަޓް ސޯސް ހެދުމަށް ބޭނުންވާނެ ތަކެތި:
250 ގްރާމް ޔޯގަޓް
1/4 ސަމްސާ ލޮނު
2-3 ސަމްސާ ލުނބޯ ހުތް
1 ނުވަތަ 2 ސަމްސާ ޕަޕްރީކާ ޕައުޑަރ
3 ސަމްސާ ޓަހިނީ ސޯސް
ތައްޔާރުކުރާނެ ގޮތް: ލިސްޓުގައިވާ ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. އެއިރުން ސޯސް އެހެރީ ތައްޔާރުވެފައެވެ. މި ސޯސް އަކީ ޝަވަރުމާއާ ޖަހައިގެން ކެވޭ ސޯސް އެކެވެ. ބޭނުމިއްޔާ ޝަވަރުމާ އެތެރެއަށްވެސް އެޅިދާނެ އެވެ.
ހުރިހާ ތަކެއްޗާއެކު ޝަވަރުމާ ތައްޔާރުކުރާނެ ގޮތް:
ފިހުނު ރޮށިކޮޅު މައްޗަށް މެރިނޭޓްކޮށް އަވަނަށްލައި ފިހުނު ކުކުޅު ކޮޅުތައް އަޅައިލާށެވެ. އަދި އެއާއެކު، ތައްޔާރުކުރި ސެލެޑުކޮޅާއި ޔޯގަޓް ސޯސްވެސް ރޮށީގެ މައްޗަށް އަޅާލުމަށްފަހު ރޯލް ކޮށްލާށެވެ.