logoEN
ޕީއެންސީ 2
ނަޝީދު ރައީސް ސޯލިހަށް ދެއްވި މެސެޖު ގުޅިފައިވަނީ މާކުރީގެ ކަމަކާ!

ނަޝީދު ރައީސް ސޯލިހަށް ދެއްވި މެސެޖު ގުޅިފައިވަނީ މާކުރީގެ ކަމަކާ!

# ސިޔާސީ# ރައީސް ނަޝީދު# ރައީސް ސޯލިހު

adgjbrfflgcdjeajgvbr8oq5flaikefu3k9ail9x-768x496

ދައުލަތުގެ ތިން ބާރުގެ ތެރެއިން ވެރިކަމުގެ ބާރާއި ގާނޫނު ހަދާ މަޖިލީހުގެ ބާރު އޮންނަނީ ވަކި ދެ ބާރެއްގެ ގޮތުގައެވެ. އެއް ބާރު އަނެއް ބާރަށް ނުފޫޒު ނުފޯރުވޭނެ ފަދައިންނެވެ. ނަމަވެސް މިވަގުތު މި ދެ ބާރުގެ ވެރިންގެ ގޮތުގައި ތިއްބެވީ ގާތް ދެ ރަޙްމަތްތެރީންނެވެ. ކުޑައިރުއްސުރެ އެކުގައި އުޅެބޮޑުވި ދެ "ޖިގްރީ ދޯސްތުން"ނެވެ. ނަމަވެސް އެމްޑީޕީ ވެރިކަމަށް އައި ފަހުން މަންޒަރު ފެންނަން ފެށީ މުޅިން ތަފާތުކޮށެވެ. ސިޔާސީ ގޮތުން އެއް ޕާޓީއެއް ކަމުގައިވި ނަމަވެސް އެ ދެ ބޭފުޅުންގެ ފިކުރު ތަފާތުކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގި ހާމަ ވެއްޖެ އެވެ.

ޝަރީ 2024

ދިވެހި މީޑިއާތަކުގެ ސުރުޙީތައް ފަލަ އަކުރުން މިރޭ ފަވައިލީވެސް އެ ދެ ބޭފުޅުންގެ ކޯޅުމެއްގެ ވާހަކައިންނެވެ. އެމްޑީޕީގެ ޤައުމީ މަޖިލިސް ވަޓްސްއަޕް ގްރޫޕަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ޤާނޫނު އަސާސީގެ 115ވަނަ މާއްދާ ރައީސުލްޖުމްހޫރިއްޔާ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ މާއްދާއެވެ. އެ މާއްދާއަށް ރިއާޔަތްކުރައްވައި ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް، ޕާޓީއިން މަޤާމްތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން. އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް، ޕާޓީއިން މަޤާމްތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ. ވަކިކުރަނީ ނަމަ އަޅުގަނޑު ވެސް ވަކި ކުރައްވާ --- އެމްޑީޕީގެ ޤައުމީ މަޖިލިސް ވަޓްސްއަޕް ގްރޫޕަށް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ފޮނުއްވި މެސެޖު

ލީކުވި އެ ގްރޫޕުގެ ސްކްރީންޝޮޓްތަކަކީ މުޅި މަންޒަރުގެ އެއްބައެވެ. އެއީ ގްރޫޕުގައި ދެކެވުނު ވާހަކައިގެވެސް ޒައްރެކެވެ. މުޅި ވާހަކަ ގުޅިފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރީގެ ކަމަކާ އެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދުވަސްވަރު ހިނގައިދިޔަ ކަމެއްގެ ވާހަކަ އެވެ. އެކަން ގުޅިފައިވަނީ ރ.އަތޮޅު ކަނދުޅުދޫ ސިއްޙީ މަރުކަޒުގެ އިސް މަގާމެއްގައި ހުރި އެމްޑީޕީގެ އެދާއިރާގެ ނައިބްރައީސް އޭނާގެ ވަޒީފާއިން ވަކިކުރުމާއެވެ. އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި މެންބަރުން ބަހުސް ކުރައްވަމުން ގެންދިޔައީ އެކަމާ އެވެ.

ކަނދޮޅުދޫ ސިއްޙީ މަރުކަޒުގެ އިސް މަގާމެއްގައި ހުންނެވި އެމްޑީޕީ މެމްބަރު މަގާމުން ވަކި ކުރަން އެދުނީ އެއިރު، ކައުންސިލް އިންތިޚާބުގައި އެރަށު ކައުންސިލަށް ވާދަ ކުރެއްވި ކެނޑިޑޭޓެކެވެ. އެ މައްސަލަ ޕާޓީގެ ދުވާފަރު ދާއިރާގެ ރައީސް، އަދި ދުވާފަރު ދާއިރާގެ މެމްބަރު، އިސްމާއިލަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 28 ގައެވެ. އެ މައްސަލަ ހުށަހަޅައި، އެމްޕީ އިސްމާއިލަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ މަގާމުގައި ހުންނެވި ސިޔާސީ ބޭފުޅާ އެމްޑީޕީއަށް އެއްވެސް އެއްބާރުލެއްވުމެއް ދީފައި ނުވާ ކަމަށާއި، އިންތިޚާބުގައި ވާދަކުރެއްވި އެމްޑީޕީގެ ބައެއް ކެނޑިޑޭޓުންނާ ދެކޮޅަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކަމަށެވެ.

undefined

އެފަދަ ބޭފުޅަކު އެމަގާމުގައި އިތުރަށް ބެހެއްޓުމާ ދެކޮޅަށް ދާއިރާގެ އާންމު މެމްބަރުންގެ ފަރާތުން އަޅުގަނޑާއި ހަވާލުކޮށްފައިވާ ޕެޓިޝަން މި ހިންގާ ކޮމެޓީއަށް ހުށަހަޅައިގެން ލަސްނުކުރައްވައި މިކަމަށް އަމަލީ ފިޔަވަޅު އަޅާދިނުމަކީ އާންމު މެމްބަރުންގެ އަދި "ކެނޑިޑޭޓެއްގެ ޙައިސިއްޔަތުން އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެކެވެ". --- ދުވާފަރު ސިއްޙީ މަރުކަޒުގެ ވެރިޔާ، އާމިރު އަޙްމަދާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި އެމްޑީޕީގެ އެ ދާއިރާގެ ހިންގާ ކޮމެޓީއަށް ހުށަހެޅި ކެނޑިޑޭޓުގެ ސިޓީ

މި މައްސަލައާ ގުޅިގެން އެމްޑީޕީ ދުވާފަރު ދާއިރާގެ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާފައިވަނީ 29 އޮކްޓޯބަރުގައެވެ. އެ ބައްދަލުވުމުގައި އެ ހުށަހެޅުމާ ގުޅޭ ގޮތުން ކޮމެޓީގެ މެމްބަރުގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމާފައި އޮތީ ޕެޓިޝަން ބަލައިގަނެ، އެ ކަމާ ގުޅޭ އެކަށީގެންވާ އަދަބު ދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހަށް ފޮނުވުމަށެވެ.

އެ ކޮމެޓީ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ދުވާފަރު ދާއިރާގެ ހިންގާ ކޮމެޓީގެ ރައީސް، އަދި މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު، އިސްމާއިލް އަޙްމަދެވެ. އެ ހުށަހެޅުން ރައީސް ސޯލިހަށް ފޮނުވަން ނިންމާފައިވަނީ އެ ކޮމެޓީއަށް ހާޒިރުވި 5 މެމްބަރުންގެ ތެރެއިން 4 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލައާ ގުޅިގެން އާމިރާ މެދު ފިޔަވަޅު އަޅުއްވައިދިނުމަށް ރައިސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައެވެ. އަދި އެ ހުށަހެޅުމަށް އިޖާބަދީ އޭނާ ވަޒީފާއިން ވަކި ކޮށްފައިވަނީ މިއަދު އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި އެކަމާ ގުޅޭ ގޮތުން މެމްބަރުންގެ މެދުގައި ބަހުސް ކޮށްފައިވާއިރު، ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހަށް ރައްދު ކުރެއްވި މެސެޖުގެ ރައްދުގައި ދުވާފަރު ދާއިރާގެ މެމްބަރު ވިދާޅުވީ އެކަމަކީ "އެތެރޭގެ އިންތިޚާބާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

ރައީސް! މިކަމަކީ އެތެރޭގެ އިންތިޚާބާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން. ދެ މަގާމުގައި ހުންނަވާ ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ކެނޑިޑޭޓުންނަށް އެންޓި ކެމްޕެއިން ކުރުމާއެކު އާންމު މެމްބަރުން އުފެދުނު ނުތަނަވަސްކަމާއެކު ހިނގި ކަމެއް. 158 އާންމު މެމްބަރުން ސޮއިކުރި ޕެޓިޝަން އަދި ދާއިރާގެ ހިންގާ ކޮމެޓީގެ ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމުމެއް --- އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕުގައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަޙްމަދު ރައީސް ނަޝީދަށް ދެއްވި ރައްދު

އެ ގްރޫޕުގައި ރައީސް ނަޝީދު ފޮނުއްވި މެސެޖާއި މެމްބަރު އިސްމާއިލް ފޮނުވި މެސެޖުވެސް ފެންނަ ސްކްރީންޝޮޓްތަކެއް މި ނޫހަށް ވަނީ ލިބިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ