
ތިނަދޫ ކައުންސިލް ހަަވަރު އޮފީސް ފުޓްސަލް މުބާރާތް 2021: އެމްއައިބީ- އެމްއެންޔޫގެ މައްޗަށް ކުރިހޯދައި ޕަބްލިކްވޯކްސް ކުއާޓާއަށް
# ތިނަދޫ ކައުންސިލް ހަވަރު އޮފީސް ފުޓްސަލް މުބާރާތްDSC_4592
ގދ ތިނަދޫ ކައުންސިލުން އިސްނަގައިގެން އެރަށުގެ ޖަމިއްޔާއެއް ކަމުގައިވާ ހަވަރު ސްޕޯޓްސްއާއި ގުޅިގެން ތިނަދޫގައި ތިބި ސަރުކާރުގެ މުވައްސަސާތަކަށާއި އޮފީސްތަކަށް ހުޅުވާލައިގެން ބާއްވާ އޮފީސް ފުޓްސަލް މުބާރާތް ކަމުގައިވާ ތިނަދޫ ކައުންސިލް ހަވަރު އޮފީސް ފުޓްސަލް މުބާރާތުގެ ގްރޫޕް އޭގެ އަށްވަނަ މެޗު ޕަބްލިކް ވޯކްސް ޓީމު ކާމިޔާބުކޮށްފި އެވެ.

މިރޭ ތިނަދޫ އާރު އަވަށު ދަނޑުގައި ކުޅުނު މެޗުގައި ވާދަކޮށްފައިވަނީ ގްރޫޕް އޭގެ އަތޮޅު އެމްއައިބީ-އެމްއެންޔޫ އާއި ޕަބްލިކްވޯކްސް އެވެ. މި މެޗު ޕަބްލިކްވޯކްސް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޕަބްލިކް ވޯކްސް އިން ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ. މެޗުގެ ކުރީކޮޅުގައި ޕަބްލިކް ވޯކްސްއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަމްބަރު 6 ނިޔާޒް އަހުމަދު އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕަބްލިކްގެ ޖާޒީ ނަންބަރު 12، އަހުމަދު ސިޔާހު ވަނީ އިތުރު ގޯލެއް ޖަަހައި ލީޑު ފުޅާކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-0 ގެ ނަތީޖާއަކުން ޕަބްލިކް ވޯކްސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ޕަބްލިކް ވޯކްސްގެ ކުޅުންތެރިޔަކު މެދު ރޮނގާ ހިސާބުން އިދިކޮޅު އޭރިއާތެރެއަށް މަތިން ފޮނުވާލި ބޯޅައެއް އެމްއައިބީ-އެމްއެންޔޫ ގޯލް ކީޕަރު، ނަސީރު އަހުމަދު ދިފާއުކުރަން އުޅެނިކޮށް، އަތުން ޖެހިފައި ވަނީ ގޯލަށް ވަދެފައެވެ.
މިމެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި،ޕަބްލިކް ވޯކްސްގެ، ޖާޒީ ނަންބަރު 6 ނިޔާޒް އަހުމަދު އެވެ.
މި މެޗުގެ ނަތީޖާއާއެކު މި ގްރޫޕްގައި ބާކީ ދެ މެޗު އޮއްވައި މި ގްރޫޕުން ކުއާޓާ ފައިނަލަށް ދަތުރުކުރާނެ ޓީމްތައް ވަނީ ކަށަވަރުވެފައެވެ. މި ގްރޫޕުން ކުއާޓާ ފައިނަލަށް ދާނީ، އޭއެސްއެމްއެޗް، ޕަބްލިކް ވޯކްސް އަދި އަތޮޅު ކައުންސިލް ޓީމެވެ.
މިރޭ ފަހު މެޗުގައި ބައްދަލު ކުރާނީ މި ގްރޫޕްގެ އޭއެސްއެމްޗް ޓީމާއި، އަތޮޅު ކައުންސިލް ޓީމެވެ. މި ދެޓީމް މި މެޗަށް ނުކުންނައިރު، ދެ ޓީމްވެސް އޮތީ ކުއާޓާ ފައިނަލަށް ކޮލިފައި ވެފައެވެ.
މި ގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރާނީ، ގދ. އޭއީސީ އާއި އެމްއައިބީ-އެމްއެންޔޫ އެވެ. މި މެޗު އޮންނާނީ މާދަމާ ރޭ 21:15 ގައެވެ. މި ދެޓީމްވެސް އޮތީ މުބާރާތުން ކަޓާފައެވެ.
މި މުބާރާތުގައި 14 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖް އުސޫލުން 3 ގްރޫޕަކަށް ބަހާލައިގެންނެވެ.
މި އަހަރުގެ އޮފީސް ތަކުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައި އެވެ.
ތިނަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތް ހިންގުމަށް އެވޯޑް ކުރީ ހަވަރު ސްޕޯޓްސްއަށެވެ. މި މުބާރާތް އިންތިޒާމުކޮށްގެން ބޭއްވުމަށް ބޭނުންވާ ރަށުގެ ޖަމިއްޔާތަކަށް އެކަމަށް އެދި ހުށަހެޅުމަށް ތިނަދޫ ކައުންސިލުން ހުޅުވާލީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އެފުރުސަތުގައި މި މުބާރާތް ހިންގުމަށް އެދި ހުށަހެޅީ ހަމައެކަނި ހަވަރު ސްޕޯޓްސް އިންނެވެ. އަދި އެ ޖަމިއްޔާއަކީ ތިނަދޫގައި އެފަދަ ބޮޑު މުބާރާތެއް އިންތިޒާމުކޮށް ހިންގޭނެ ގާބިލްކަން ހުރި ހަމަ އެކަނި ޖަމިއްޔާކަން ފާހަގަކުރެވެއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ތިނަދޫ ކައުންސިލެވެ. އަދި ކޯ ސްޕޮންސަރަކީ ގދ ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކަށް ތިނަދޫ ސްޓޭޑިއަމް ހަމަޖައްސާފައިވާ އިރު މުބާރާތުގެ ބެވަރޭޖަސް ޕާޓްނަރަކަށް ޒިމަމަން އަދި ޕްރިންޓިންގ ޕާޓްނަރަކީ ނޯވާޓެކެވެ.