
77ADB487-A308-4AA6-84A5-4BDE243B0982
އިންޑިއާ ކަނޑުގެ ޖަޒީރާ މި ދިވެހި ރާއްޖެއަކީ ބިންކުޑަ ނަމަވެސް އަގު ހުރި ތަނެކެވެ. ރާއްޖޭގެ މީހުން ދިރިނުއުޅޭ ގިނަރަށްތަކެއް މިހާރުވެސް އެބައޮތެވެ. އެރަށްތަަކަކީ ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ރައުސުލްމާލެވެ. ބައެއް ރަށްރަށުގައި ރިސޯޓު ތަރައްގީކުރުމަށް މައިސަރުކާރުން ދަނީ ހުޅުވާލައި، ދޫކުރަމުންނެވެ. ދެން ހުރި ފަޅުރަށްތައްވެސް ވަރުވާއަށް ދޫކޮށް މަންފާ ލިބުނީ ހަމަ މައި ސަރުކާރަށެވެ. އެއީ ހަމަ އިހު ޒަމާނުއްސުރެ ކަންކުރެވޭ އުސޫލުންނެވެ. އަތޮޅުތެރޭގައި ހުންނަ ރުއްގަހާއި، ފަޅުރަށްތަކާއި، ފަޅުތަކާއި ގިރިއާއި، މިހުރިހާ ތަކެއްޗެއްގެ މައްޗަށްވެސް ވެރިވަނީ ރަދުންނެވެ. އެއީ ރަދުންގެ މިލްކިއްޔާތެކެވެ.

މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ބިންކުޑަ، އާބާދީ މަދު ރަށްރަށަކީ ޢާމްދަނީ ހޯދޭނެ ވަސީލަތްތައް މަދު ރަށްރަށެވެ. ރަށުގެ ތަރައްޤީއަށް ކަމެއް ކުރަން ބެލިޔަސް އެކަމެއް މިހާރު ބުރަވަނީ އެރަށެއްގެ ބެލެނެވެރި ފަރާތަށް ލިބޭ އާމްދަނީގެ މައްޗަށެވެ. އެއީ އެރަށްރަށުގެ ކައުންސިލްތަކަށް ލިބޭ އާމްދަނީގެ މައްޗަށެވެ. ކޮންމެ ގޮތެއްވިޔަސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނެއް ހެދި ކައުންސިލްތަކަށް މިހާރު ވަނީ ބޮޑެތި ބާރުތަކެއް ލިބިފައެވެ. އާމްދަނީ ހޯދައި ރަށުގެ ތަރައްޤީއަށް ގިނަ ކަންކަން ކުރުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުއަށް ގެނައި 8 ވަނަ އިސްލާހުން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކުގެ އިޚްތިޞާޞްތަކެއް ވަނީ މިހާރު ކަނޑައެޅިފައިއެވެ. އެގޮތުން ކައުންސިލްތަކުގެ އިޚްތިޞާޞްތައް ކަނޑައެޅިގެން ދިޔައިރު ބައެއް ރަށްރަށުގެ އިޙްތިޞާޞްތަކުގެ ތެރެއަށް ފަޅުރަށްތަކެއްވެސް ވަދެގެން ދިޔައެވެ.
ހުވަދު އަތޮޅުގެ ނިސްބަތުން ބަލާއިރު މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެއްގެ އިޙްތިޞާޞަށް އެންމެ ގިނަ ފަޅުރަށްތަކެއް ލިބުނީ ގދ. ނަޑެއްލާއަށެވެ. އެއީ ނަޑެއްލާ ރައްޔިތުންނާއި އެރަށު ކައުންސިލަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދިޔައެވެ. ނަޑެއްލާގެ އިޚްތިޞާޞް ތެރެއަށް 6 ފަޅުރަށެއް ލިިބިގެންދިޔަ ނަމަވެސް އެފަޅުރަށްތަކުން އާމްދަނީ ހޯދުމަށް އޮތީ ބޮޑު ޤާނޫނީ ހުރަހެކެވެ. އެއީ ކުރިންހުރި ޤާނޫނީ މާއްދާތަކުން އޮތް ފުށުއެރުމެކެވެ.
އެރަށްރަށް ލިބުނެއްކަމަކު ކައުންސިލާއި އާންމު ރައްޔިތުންނަށް އެރަށްރަށަށް ބަލަހައްޓައިގެން ތިބުން ނޫން ގޮތެއް ނެތެވެ. އިހުތިޞާޞަށް ރަށްތަކެއް ލިބުނެއްކަމަކު ރަށު ކައުންސިލަށް އަތް ލެވޭކަށް ނެތެވެ. ރަށުގެ ތަރައްޤީއަށް ގިނަ ކަންކަމަށް ބޭނުންޖެހިފައިވާ ނަޑެއްލާ އޮތީ ކައުންސިލަށް ރަނގަޅު އާމްދަނީއެއް ލިބި ރަށުގެ ތަރައްޤީއަށް ގިނަ ކޮށްދެވޭނެ ދުވަހެއްގެ އުންމީދުގައެވެ.
"ފަޅުރަށްރަށުން ކުރެވޭނެ މާ ބޮޑު ކަމެއް ނެތް. އަޅުގަނޑުމެންގެ ވިސްނުންތަކެއް އެބަހުރި އެ ރަށްރަށުން ކައުންސިލަށް އާމްދަނީ ހޯދަން. އެގޮތުން އެރަށްރަށް ރިސޯޓުތަކަށް ދޫކޮށްގެންނާއި ފަތުރުވެރިކަމަށް ދޫކުރަން. އެހެން ބަލާއިރުވެސް މިހާރު އޮތް ލާމަރުކަޒީ ޤާނޫނުން އެބާރުތައް ކައުންސިލްތަކަށް ލިބިދީފައި ނުވޭ. ޤާނޫނީ ހުރަސްތަކެއް އެބަހުރި" ---- ނަޑެއްލާ ކައުންސިލް
އެކަމަށް ހައްލެއް ހޯދުމުގޮތުން ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހެޅިފައެވެ.
އަންޝާއު ވިދާޅުވީ އާމްދަނީ ހޯދުމަށް އެރަށު ރައްޔިތުންނަށް މާ ބޮޑު ފުރުސަތުތަކެއް ނެތް ކަމަށެވެ. ރަށުގައި މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ލަނޑާގެ މަސްވެރިކަމާއި އިނހި ނެގުމުގެ މަސްވެރިކަން ފަދަ ކަންކަމެވެ. އެ މަސައްކަތުން ލިބޭ އާމްދަނީ ދިރިއުޅުމުގެ ކަންކަން ފަރުޖައްސާލެވެނީ ކިރިޔާއެވެ. އިތުރު ކަމަކަށް ޚަރަދުކޮށްލާނެ ފައިސާ ފޮއްޗެއްވެސް ނޯވެއެވެ.
ރަށަކީ ބިންކުޑަ ރަށަކަށް ވުމުގެ އިތުރުން ރަށުގެ ފެންފަށަލަ ތަޣައްޔަރު ވެފައިވުމާއެކުވެސް ރަށުގެ ރައްޔިތުންގެ ދިރިއުޅެމުން ދަނީ ދަތިޙާލުގައެވެ. ރަށުގެ ވަށައިގެންކަހަލަ ގޮތަކަށް ރަށްގިރުން ހުއްޓުމެއް ނެތި ކުރިއަށްދާއިރު އެކަމަށްވެސް ވަނީ ހައްލެއް ނުލިބިފައެވެ. ރަށަކީ ކޮންމެއަހަރަކު ބޯފެނަށްވެސް ޖެހޭ ރަށެކެވެ. ރަށުގައި ބޯފެން ރައްކާކުރެވޭނެ ނިޒާމެއް ގާއިމްކުރެވިފައިވީ ނަމަވެސް އެ ވެސް މިހާތަނަށް ބޭނުންކުރެވޭވަރެއް ނުވެއެވެ. މި ހުރިހާ ދުވަހުވެސް އެރަށު ރައްޔިތުން ތިބީ ސަރުކާރުން އެމީހުންގެ އަޑުއަހާނެ ދުވަހަކަށް އިންތިޒާރުކޮށްގެންނެވެ.
އިޖްތިމާއީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ނަޑެއްލާ ރައްޔިތުންނަށް ލިބިދޭން ޖެހޭ ޙައްގުތައް ހޯދައިދިނުމަށް އެރަށު ކައުންސިލުން މަސައްކަތްތަކެއް ކުރި ނަމަވެސް ރަށަކީ އާބާދީ ކުޑަރަށެއް ކަމުން ސަރުކާރުގެ މާ ބޮޑު އަޅައިލުމެއް ނުލިބޭ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.