logoEN
cocacola
އައްޑޫއަކަސް، އެއިރު ކަތިލި ކަންބަޅި މިހާރަކު ކަތިނުލެވޭނެއެވެ

އައްޑޫއަކަސް، އެއިރު ކަތިލި ކަންބަޅި މިހާރަކު ކަތިނުލެވޭނެއެވެ

# ތިނަދޫ# އައްޑޫ

havaru_thinadhoo_people

އެޑިޓަރުގެ ނޯޓު: މި ލިޔުމަކީ އަހުމަދު ސަދޫފް ، ގާފުގެ ކޮލަމަށް ލިޔެފައިވާ ލިޔުމެެކެވެ.

ގޮސިޔާ

އެއީ މީލާދީން 1887 ވަނަ އަހަރެވެ. އައްޞުލްޠާން މުޙައްމަދު މުޢިނުއްދީންގެ ރަސްކަމުގައި ދިވެހިންނަށް ބޭރުގެ ފަރާތްތަކުން (ޑަޗް އަދި ޕޯރޗުގީޒުންގެ) ފަރާތުން ދިމާވަމުން ދިޔަ ނުރައްކާތަކުގެ ސަބަބުން އިނގިރޭސިން ޕޮރޮޕޯސްކޮށްގެން ދިވެހި ރާއްޖެއަށް އިނގިރޭސިންގެ ޙިމާޔަތް ދިނުމުގެ ފަހުމްނާމާ އެއްގައި ސޮއިކުރެވުނެވެ. އަދި އޭގެ ފަހުން 1953، 1956 އަދި 1960ގައި މި ފަހުމްނާމާ އެގްރީމެންޓެއްގެ ގޮތުގައި އެކި މިންވަރަށް ބަދަލުގެނެސްފައިވެއެވެ. 2 ވަނަ ބޮޑު ހަނގުރާމައާއި ހިސާބަށް އައިއިރު މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އަތޮޅުކަމަށްވާ އައްޑު އަތޮޅު ގަމުގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް ޤާއިމު ކުރެވި އިނގިރޭސިންގެ ދުޝްމަނުންނަށް އެތަން ބޭނުންކޮށް އަސްކަރީ ޙަމަލާތައް ދިނުމުގައި ބޭނުންކުރިއެވެ. މިދުވަސްވަރު އެތާނގައި އަސްކަރީ އެއަރޕޯރޓަކާއި ޙަމަލާތަކުގައި ޒަޚަމްވާ ސިފައިންނަށް ޞިއްޚީ ފަރުވާ ދިނުމަށް ހޮސްޕިޓަލަކާއި އަދި އެހެނިހެންވެސް ޟަރޫރީ ވަޞީލަތްތައް ޤާއިމް ކުރިއެވެ.

1954އިން 1968 ވަނަ އަހާރާއި ހަމަޔަށް ދިވެހި ރަސްކަމުގައި ހުންނެވި ޞުލްޠާން މުޙައްމަދު ފަރީދު ދީދީއަށާއި މާލޭ ރަސްކަމުގެ ބޮޑުންނަށް އިނގިރޭސިންގެ ހަން ފެތުރުމުގެ ޚަބަރުތައް އެކިމިންވަރަށް ލިބިވަޑައިގެން ރަދުން އައްޑު އަތޮޅަށް ވަޑައިގަތް ކަމަށްވެއެވެ. ބޭނުމަކަށްވީ ދިވެހި ސަރުކާރާއި އިދިކޮޅު ޙަރަކާތް ތަކެއް އިނގިރޭސިން އަޑީގައި ތިބެގެން އައްޑުއަތޮޅުގައި ހިންގާތީ އެކަންތައް މައިތިރި ކުރުމެވެ. ރަދުންނަށް މިކަން ކޮޅެއްގައި ނުޖެހި އެންމެ ފަހުން ޖެހިވަޑައިގަތީ އަނބުރާ މާލެއަށް ވަޑައިގަތުމެވެ. އެހިސާބަށް އައި އިރު ދިވެހިރާއްޖޭގެ ބޮޑު ވަޒީރަކަށް ހުންނެވީ ދިވެހި ޖުމްހޫރިއްޔާގެ 2ވަނަ ރައީސް ވެލާނާގޭ އިބްރާހީމް ނާސިރެވެ.

1948 ގައި އިނގިރޭސި އިސްތިޢުމާރުގެ ދަށުން ސިލޯން މިނިވަންވި މަންޒަރު ދިވެހި ރަސްކަމަށް ފެނި ކުރެވުނު މަސައްކަތުން 1965 ވަނަ އަހަރު މިނިވަންކަން ލިބުނު އިރު އިނގިރޭސިންވަނީ އައްޑޫ އަތޮޅުގައި ނުހަނު ވަރުގަދަ ދިވެހި ދައުލަތާއި އިދިކޮޅު ޙަރަކާތެއް އުފައްދައި ރައީސަކު ހޮވައި ކެބިނެޓް އެކުލަވާލާ ހިސާބަށް ގޮސްފައެވެ. 1968 ވަނަ އަހަރު ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވެ އެހިނގައި ދިޔަ ކަންކަމަށް ފަހު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިބްރާހިމް ނާސިރު އައުމަށްފަހު ދިމާވި އެންމެ ބޮޑު އުނދަގުލަކީ އިނގިރޭސިން އިންދި ދިވެހިދައުލަތާއި އިދިކޮޅު އޮށް ނެގުމުގެ ޗެލެންޖެވެ.

އައްޑޫއަތޮޅުގައި އިނގިރޭސިން އުފަންކުރުވި ފިތުނަވެރިކަމުގެ ޙަރަކާތުގައި ދިވެހިންގެ ބަޔަކު ޖައްސުވާފައި ތިބީ ފިސާރި ވަރުގަދަޔަށެވެ. ވަކި ސަރުކާރެއް އުފައްދައި ޔުނައިޓެޑް ސުވައިދީބް އައިލޭންޑްސްގެ ނަން ދީ އެ ދައުލަތުގެ ވެރިޔަކަށް އެއަތޮޅު ޢަބްދުﷲ ޢަފީފް ކިޔާ މީހަކު ހަމަޖައްސައި ކެބިނެޓްވެސް އެކުލަވާލައިފައި އޮތެވެ. އަދި މިކަމަށް ޢަބްދުﷲ ޢަފީފް އެއްބަސްވި ކަމަށްވަނީ ދިވެހި ދައުލަތުގެ ފަރާތުން މިކަމަށް ފިޔަވަޅެއް އަޅައިފި ނަމަ އެންމެ ފުރަތަމަ އޭނާއާއި އޭނާގެ ޢާއިލާ އަދި އައްޑުއަށް އިނގިރޭސިން ޙިމާޔަތްދިނުމަށް ޝަރުޠުކޮށްގެނެވެ. އެކަމަކު އެމީހުންގެ ކެހިވެރިކަމުން މިި ދައުލަތުގައި އެމީހުން ހިމެނުވި އަނެއް 2 އަތޮޅުކަމަަށްވާ ފުވައްމުލަކާއި ހުވަދު އަތޮޅުގެ ވާހަކައެއް މި ޝަރުޠުތަކުގެ ތެރޭގައި ނުހިމަނައެވެ. މި ގްރޫޕް އައްޑުއަތޮޅުގައި ދިވެހި ދައުލަތް ރަމްޒުކޮށްދޭ އެންމެހައި ޢިމާރާތްތަކަށް އަތްގަދަކުރިއެވެ. އަދި އެއިރު ދައުލަތުގެ ފަރާތުން ފަތްކޮޅު އަރުވާފައިވާ އެންމެހައި ފަރާތްތަކަށް މިކަމުގެ ދަޢުވަތުދީ ބައެއް މީހުން އެދަޢުވަތު ޤަބޫލުކޮށް އަދި ޤަބޫލް ނުކުރި މީހުންނަށް ތަފާތު އެކި ބިރުދައްކައި ބައެއްމީހުން ހިމަ ރޯނުން ބަނދެ ގުދަނަށްލައި އަދަބުވެސް ދީފައިވެއެވެ.

ކުރިން ދެންނެވުނު ވަކިވެގަތް ދައުލަތަށް ތާޢިދު ހޯދުމުގެ ގޮތުން އެމީހުން ނިސްބަތް ކުރި ޔުނައިޓެޑް ސުވައިދީބް ޕްލޭންގައި ހިމެނޭ ދެކުނުގެ އަނެއް 2 އަތޮޅު ކަމަށްވާ ފުވައްމުލަކާއި ހުވަދު އަތޮޅަށްވެސް މި ވަކިވެގަތުމުގެ ދަޢުވަތު ދިނެވެ. މި ދަޢުވަތުގައި އެންމެ ބޮޑަށް ޖެހުނީ ގ. ހަވަރު ތެނަދޫ މީހުންނެވެ. ސަބަބަކަށްވީ މިކަމުގެ މޭސްތިރިންކަމަށްވާ އައްޑު އަތޮޅަށް ނިސްބަތްވާ އަދި ދިވެހި ދައުލަތުން އެއިރާ ހަމަޔަށް ދިވެހި ދައުލަތުގެ ފަރާތުން އަތޮޅުތަކަށް ކަނޑައަޅާ އެންމެ މަތީ މަޤާމްކަމަށްވާ "ހިރި" ލައްވާފައިވާ އައްޑު އަތޮޅު ދޮންރަހާގެ ކަލޭފާނު (އެއިރު ގ. ހަވަރު ތެނަދޫގައި ހުރި އެންމެ މުއްސަނދިމީހާ) ގެ އަތުން "ހިރި" އަތުލެއްވުމުގެ ސަބަބުން އައި ރުޅިއާއި، ދައުލަތުގެ ފަރާތުން ޓެކްސް ތަޢާރަފްކުރުމާއި އަދި އޭނާގެ ނުފޫޒު މުޅިރަށަށް ފެތުރިފައިވާލެއް ބޮޑުވުމެވެ. އެ ނުފޫޒަށް ތަބާނުވި މީހުންނަށް ހަދާފައިވަނީ ހަމަ އައްޑުއަތޮޅުގައި ހެދިހެން ތަފާތު އަދަބުތައް ދިނުމާއި ގުދަނަށްލުމެވެ. މި ކެމްޕެއިިން މުޅި ހުވަދު އަތޮޅުގައި ހިންގީ ގ. ހަވަރު ތެނަދޫއިން މިދެންނެވި މީހުންނަށް ތަބާވި މީހުން އިސްވެތިބެގެންނެވެ. އަދި މިކަމަށް ތާއީދު ނުކުރި ބައެއް ރަށްތަކުގެ މީހުންނަށް މިގްރޫޕުން ނުލާހިކު ލަގާ ދިނެވެ.

އިބްރާހިމް ނާސިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމްގެ ހުވައިކުރުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދިނީ ދިވެހި ދައުލަތާއި ވަކިވެގަތުމުގެ ޙަރަކާތް ހުއްޓުވުމުގެ މަސައްކަތެވެ. އެހެންނަމަވެސް އެއިރުވެސް އައްޑު އަތޮޅުގައި އިނގިރޭސި އަސްކަރިއްޔާ ތަފާތު އެކިގޮތްގޮތުން އޮތުމުގެ ސަބަބުން އައްޑު އަތޮޅަށް ދާން ނުކެރި އައީ ގ. ހަވަރު ތެނަދޫއަށެވެ. އިންޒާރު ދިނުމަށްފަހު މީހުންގެ ގަޔަށް އަރާ ގޮތަށް ބަޑި ޖެހިއެވެ. ބައެއް މީހުންގެ ގަޔަށް ބޮލަށް ވަޒަން އަަރައި މަރުވިއެވެ. އަދި އެންމެ ފަހުން އެއެއް މިޔެއް ނުބަލައި ގެތައް ރޯކޮށް އޮޑިދޯނި ފަހަރުގައި ހުޅުޖަހައި އަންދައި އަދި އެވަރުން ނުވެގެން ކުޑަ މުހުލަތެއްދީ އެންމެން ރަށުން ބާލައި ރަށް ފަޅުކުރިިއެވެ. ފޭބުނު މީހުން ފޭބުނުގޮތަކަށް ފައިބައިގެން ގޮސް ރަށާއި ކައިރީގައި ހުރި ފަޅުރަށްތަކަށް އެރުމުން އެރަށް ރަށުންވެސް ބާލައި ފައްސާލިއެވެ. ބުނެވޭ ގޮތުގައި އެއިރު ހަވަރު ތެނަދޫގެ އާބާދީ އަކީ ގާތް ގަނޑަކަށް 4000 އެވެ. އޭގެ ހަ އަހަރުފަހުން އަނބުރައި ގ. ހަވަރު ތެނަދޫއަށް އާދެވުނީ 2000 ހަމަ ނުވާ ޢަދަދެއް ކަމަށްވެއެ. ގިނަ މުސްކުޅިންނާއި ކުޑަކުދިން މަރުވެ ދިޔައީއެވެ.

ކުރިން ދެންނެވުނު ކަންކަމުގެ އަސްލާއި ވެގެންދިޔަގޮތުގެ ޙަޤީޤަތް ވަރަށް ސާފެވެ. ބައެއްގެ ކެހިވެރި މަޅިއެއްގައި އެބައިމީހުންނަށް ވާގިވެރިވި މީހުންގެ ކެހީގައި އަހަރެމެންގެ ކާބަފައިންގެ މުދަލާއި ފުރާނަތައް ގެއްލި ދިޔައީއެވެ. އެބައިމީހުނަށްވި އެއްވެސް ގެއްލުމެއް ނެތެވެ. އެކަމުގެ ސަބަބުން ގެއްލުނު ފުރާނައެއް ނެތެވެ. މަރުވީ އަހަރެމެންގެ މާމައިންނާއި ކާފައިންނާއި ބޭބެމެންނާއި ދައްތަމެންނާއި އެކުވެރީންނެވެ. ރުއީ އަހަރެމެންގެ މަންމައިންނެވެ. ބައްޕައިންނެވެ. އެ ޖުމްހޫރިއްޔަތުގެ ރައީސް އައްޑޫ ޢަބްދުﷲ ޢަފީފް ފުލް ކިޓްގައި އިނގިރޭސިންގެ ޙިމާޔަތުގައި މުޅި ޢާއިލާ ގޮވައިގެން ޤައުމުން ބޭރަށް ދިޔައީވެ، އެ ރައީސް ނިސްބަތްވި އަތޮޅުގެ އެކަކަށްވެސް ލިބުނު ދެރައެއް ނެތެވެ. އިނގިރޭސިން ތިބި އިރު ދިން ޝިލިންގ އާއި ޕައުންޑުން މުއްސަނދިވީއެވެ. މިއަދު ހުސް ޑޮކްޓަރުންނެވެ. ހުސް ޕީއެޗްޑީ ހޯލްޑަރުންނެވެ. ދެން ވަކިން މިއަދު އަހަރެމެން ހަމަހޭގައި ތިބެ ހެއްލޭނަން ހެއްޔެވެ؟ ނަންކުރުވީ އަހަރެމެންނެވެ. ހުރިހާ ފައިދާއެއް އެހެން ބަޔަކަށެވެ. ލިބުނު ގެއްލުމެއް އަހަރެމެންނަށެވެ. ހޯ ހޯ އެވެ. މިއަދަކު ދޫދެވޭކަށް ނެތެވެ. ވަރަށް ބޮޑަށް ސޮރީއެވެ.

މީހުން ދަސްވާނީ އެއް އޮޑިއެއްގައި ދަތުރުކުރީމާތާއެވެ. އަހަރެމެންނަށް އައްޑު އަތޮޅު މީހުންނާއި އެކު މީގެ ކުރިން ދަތުރެއް ކުރެވިއްޖެއެވެ. ފަހަތަށް ޖެހިލަމާތޯއެވެ. ދެހާހުގެ އަހަރުތަކާއި ދިމާލަށެވެ. ޑިމޮކްރަސީގެ ޙަރަކާތްތައް ރާއްޖޭގައި ފެށި ޙަރަކާތްތަކާއި ދިމާލަށެވެ. އެ ޙަރަކާތުގައި އިސްވެ ތިބީ ކެނެރީގޭ މުޙައްމަދު ނަޝީދާއި، ޤާސިމް އިބްރާހީމްއާއި ދިގު 30 އަހަރުގެ ވެރިކަމުގެ އެކި މަޤާމްތައް އަދާކޮށް އެހެންނަމަވެސް ވެރިކަންކުރާގޮތާއި ހިތްހަމަނުޖެހިގެން ދުރަށް ޖެހުނު ބައެއް މީހުންނެވެ. މި ޙަރަކާތުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ އެކި ރައްޔިތުންގެ ބައިވެރިވުން އެކިމިންވަރަށް އޮތެވެ. އެންމެ ފުރަތަމަ އުފެދުނު ޕާރޓީ އެމް.ޑީ.ޕީގެ ލީޑަރަކު ހޮވާންޖެހުނު ހިނދު އައްޑުއަށް ނިސްބަތްވާ މުނައްވަރު ކުރިމަތީލީހިނދު މުޅި އައްޑުއަތޮޅުގެ އެންމެހައި ވިޔާފާރިވެރިން އެއްވެ ތިބީ ރައީސް ނަޝީދާއި ދެކޮޅަށް އެއްކަލަ ޑޮކްޓަރުންގެ ތެރޭ ހިމެނޭ ޑރ. މުނައްވަރަށެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެއްކަލަ ޑޮކްޓަރުންގެ ތެރޭ ހިމެނޭ ޑރ. ޙަސަން ސަޢީދު 3 މީހުންނާއި އެކު ނިކުތް ޕާރޓީއިން އައްޑުއިން ދިނީ 1 ވަނައެވެ. ރަޢީސް މުޙައްމަދު ނަޝީދަށްވުރެ ގިނައިން އައްޑު އަތޮޅުން މާބޮޑު ކަމަކާއި ނުލައި ނެގީ އައްޑޫ މީހާއެވެ. އެހެންކަމުން އަމިއްލަ އެދުމާއި ވަޠަނީކަން ސާފުވެއެވެ. އިނގިރޭސިންގެ ލޭގައި ހިނގާ ސިޔާަސަތު ފާޅުވެއެވެ. ދަންނާންވީ ކަމަކީ އަހަރެމެންގެ ގައިގަވެސް ހިނގަނީ ހަމަ ލޭކަމެވެ.

މި ވާހަކަތަކަކީ ތިލަކޮށް ދައްކާންޖެހި ފާއިތުވި މުއްދަތުގައި މަޞްލަޙަތާއި އަޚްވަންތަކަމަށްޓަކައި އަހަރެމެން ނުދައްކާ ތިބި ވާހަކަ ތަކެކެވެ. އެކަމަކުވެސް މުނާސިބް ވަޤުތުގައި ދެއްކުމުން މިކަމުގެ ޙަޤީޤަތްވެސް މާބޮޑަށް ސާފުވާނޭކަމަށް ދެކި ލިޔެލީއެވެ. ދިވެހި ވެރިކަންތަކުން ހިންގާފައިވާ ލާއިންސާނީ ޖަރީމާތައް ތަޙްޤީޤްކުރުމަށްޓަކައި ރައްޔިތުންގެ މަޖްލީހުގައި ބަޙުޘްކުރެވެމުންދާ ހިނދުގައެވެ. މި ބޮޑު ހުވަދޫގައި ހިމެނޭ އެންމެހައި ޤުދުރަތީ ވަޞީލަތްތައް ބޭނުންކޮށް މުޅީން އެހެން ބަޔަކަށް ތަރައްޤީ ގެނުވާން ގޮވާ އަޑުގަދަ ކުރާ ހިނދުގައެވެ. ހުވަދޫ މީހުން ތިބި ތާނގަ ހުއްޓިފައި ތިބި ދުވަސް މާޒީވެ ހިނގައްޖެވެ. އަހަރެމެންގެ ރޮނޑުގެ ހަންދަމަން އަހަރެމެންނަށް އެނގޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ