ގެވެށި އަނިޔާއަކީ އާއިލީ ގުޅުމަށް އޮތް ހުރަހެއް ކަމަށާއި، ގެވެށި އަނިޔާގެ ސަބަބުން އިޖްތިމާއީ ފޭރާން ވީދި، މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާ ޚާއްސަކޮށްފައި ވަނީ އާއިލީ ގުޅުން ހަރުދަނާ ކުރުމާއި ގެވެށި އަނިޔާގެ މައްޗަށެވެ. އެގޮތުން އާއިލީ ގުޅުން ހަރުދަނާ ކުރެވޭނީ މީހުންގެ މެދުގައި ރުޅިވެރިކަމާއި އަނިޔާވެރިކަން ނައްތާލައި، އެ ބައެއްގެ މެދުގައި ލޯތްބާއި ކުލުނު އޮވެގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ފާގަކޮށްފައިވާ ގޮތުގައި އަންހެނުންނަށާއި ކުޑަކުދިންނަށް ދެވޭ އަނިޔާއާއި ކުރެވޭ ޖިންސީ ގޯނާތައް އިތުރުވަމުންދާ މިންވަރާ މެދު އަޅުގަނޑުމެން މުސްލިމުން ކަންބޮޑުވާން ޖެހެއެވެ. އަދި އެފަދަ ކުށްތަކުގެ ޝިކާރައަކަށްވެފައިވާ މީހުންނާއި ކުޑަކުދިން މިއަދު ވަނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
އެއްވެސް ސިފައެއްގައި އެކަކު އަނެކަކަށް އަނިޔާއެއް ދިނުން ނުވަތަ ކުރުމަކީ މާތްﷲ ޙަރާމްކުރައްވާފައިވާ ކަމެއްކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ ޝަރުއީ ނަޞްއުތައް ދަލީލު ކުރާ ގޮތުގައި ފިރިހެނަކަށް ވިޔަސް އަންހެނަކަށް ވިޔަސް އެއްވެސް ބާވަތެއްގެ ގޯނާއެއް، އަނިޔާއެއް ކުރުމަކީ މާތްﷲ ޙަރާމްކުރައްވާފައިވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، މީހުން ދިރިއުޅޭ މާހައުލުގައި އެކި އެކި އަނިޔާއަށް ހުށަހެޅޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މަސްތުވާތަކެތިވެސް ހިމެނޭ ކަމަށެވެ. އަދި މަސްތުވާތަކެއްޗަކީ އެތައް ނުބައި ކަމެއްގެ އަސްލު ކަމާއި މަސްތުވާތަކެއްޗަކީ މީހާގެ އީމާންކަން ނިކަމެތިކޮށްލާ އެއްޗެއް ކަމަށްވެސް ބުނެފައިވެއެވެ.
މުސްލިމް އަޚުންނޭވެ. ގެވެށި އަނިޔާގެ ސަބަބުން އިޖުތިމާއީ ފޭރާން ވީދި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ އެވެ. އަނިޔާގެ ސަބަބުން މުޖުތަމައުގެ އަފްރާދުންގެ މެދުގައި އަރައިރުން އުފެދި އާއިލާތައް ރޫޅިގެން ދެއެވެ. ތިމާ ދިރިއުޅޭ ވެށީގައި އަނިޔާ އިތުރުވެ އޭގެ ދާއިރާ ފުޅާވެގެން ދިއުމުން ޅަދަރީންގެ ޚައްޤުތައް ގެއްލި އެކުދީންގެ ޙަޔާތް ބަރުބާދުވެގެން ދެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތައް އިތުރުވެފައިވާ މިދަނޑިވަޅުގައި ޚުތުބާގައި ވަނީ ކުޑަކުދިންނަށް ލޯތްބާއި ކުލުނާއެކު މުއާމަލާތް ކުރުމަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން، އިސްލާމްދީން ސިފަކުރާ ގޮތުގައި ކުޑަކުއްޖާގެ ތުއްތު ދުވަސްވަރަކީ ބާއްޖަވެރިކަމާއި، ރީތިކަމާއި އުފާވެރި ހުވަފެންތަކާއި، ލޯތްބާއި، އުފާވެރި ޚިޔާލުގެ ރީތި ދުނިޔެއެކެވެ. އަދި ދަރީންނަކީ އަޅުގަނޑުމެންނަށް ލިބޭ މަތިވެރި ހިތްހަމަ ޖެހުމެއް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
މީސްމީހުންނަށް އެކި މާހައުލުތަކުގައި އެކި ސިފަ ސިފައިގައި އަނިޔާކުރުމަކީ މިހާރު އާންމުވެފައިވާ ކަމެއްކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ އެ ވަބާއަކީ ބިމުގައި ފަސާދަ އުފެދޭ ކަމެއް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށެވެ. އަދި އޮފީހެއްގައި މީހަކު ބޭނުންވާ ނުބައި މަގްސަދެއް ހާސިލް ކުރުމަށްޓަކައި މުވައްޒަފަކަށް ބިރު ދެއްކުމަކީ ނިރުބަވެރި އަމަލެއް ކަމުގައިވެސް ޚުތުބާގައި ވެއެވެ. އެކަމަކީ މާތްﷲ ޙަރާމްކުރައްވާފައިވާ ކަމެއް ކަމަށް ޚުތުބާގައި ވެއެވެ.