
DSC_8256
ގދ. ނަޑެއްލާގައި ކޮވިޑް19ގެ ބަލިމަޑުކަން ފެތުރި ރަށު ތެރެއަށް އެ ބަލީގެ ބިރުވެރިކަން ފެތުރިފައިވާކަން ފާހަގަކުރެވުނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އޭރު ރަށު ތެރޭގައި ރޯގާއެއް އުޅޭކަން އޮތީ ފާހަގަކުރެވިފައެވެ. ނަމަވެސް އެއީ ކޮވިޑް19 ކަމެއް ނޭނގެއެވެ. އެކަން އެނގުނީ އެރަށުގައި ބަލިވި މީހަކު ނޭވާ ހާސްވެ, ހާލު ދެރަވެގެން ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވުމުން ޓެސްޓު ހެދި އިރު އެމީހާ ކޮވިޑަށް ފައްސިކަން ޔަގީންވުމުންނެވެ.

އޭގެ ފަހުން ރަށުން ނެގި ސާމްޕަލްތަކުގެ ތެރެއިން ބޮޑު އިންސައްތައެއް ކޮވިޑަށް ފައްސިވަމުން ދިޔައެވެ. އެއާއެކު ރަށުގައި ފިޔަވަޅުތައް ވަރުގަދަކޮށް ލޮކްޑައުން ކުރަން ނިންމިއެވެ. ދެން ފެނިގެން ދިޔައީ ރަށުގެ އެއްބައިވަންތަކާއި އެކުވަންތަކަމެވެ. ކައުންސިލްގެ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ އެންމެންހެން ތިބީ ގޭތެރޭގައެވެ. އެ ހިސާބުން ރަށުގައި ސޯޝަލް ސަޕޯޓް ޑެސްކެއް ގާއިމްކޮށް ރައްޔިތުންގެ ޚިދުމަތުގައި އެ ޓީމް އެކްޓިވޭޓް ކުރިއެވެ.
އެ ޓީމުގައި މުޅިންހެން އެކުލެވިގެން ވަނީ ޒުވާނުންނެވެ. ރެއާއި ދުވާލު ރައްޔިތުންގެ ޚިދުމަތުގައި އެޓީމު ހަރަކާތްތެރިވެއެވެ. ނަޑެއްލާގައި މިވަގުތު 55 ގެއެއް ކަރަންޓީން ކޮށްފައި ވާއިރު، ރަށުގެ ހުރިހާ ގެތަކަށްވެސް އެ ޓީމުން ދަނީ އެކިފަރާތްތަކުން ދެއްވާ ދީލަތި އެހީގެ ތަކެތި ޑެލިވަރީ ކޮށްދެމުންނެވެ. އަދި އެއްވެސް ފަރާތަކުން އެހީއަކަށް އެދިއްޖެ ނަމަ އެކަމުގައި ވެސްދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެ ޓީމުގައި 12 ވަރަކަށް ޒުވާނުން ހަރަކާތްތެރިވަމުންދާއިރު ކައުންސިލްގެ ރައީސް މުޙައްމަދު އަންޝާއު، ނައިބު ރައީސް ފައިސަލް ނަޖީބު، ކައުންސިލް މެންބަރު މުޙައްމަދު އަފްޟަލް އާއި، ކައުންސިލް އިދާރާގެ މުވައްޒަފް އަޙުމަދު ފިރާޒު ވެސް ދަނީ ޑެލިވަރީ ކުރުމުގެ އިތުރުން ހުރިހާ މަސައްކަތެއްގައިވެސް ބައިވެރިވަމުންނެވެ.
ދެން ފާހަގަ ކުރެވޭ އަނެއްކަމަކީ އެރަށު ޒުވާނުންގެ އެކުވެރިކަމާއި ރަށު ރޫހު ފެނިގެންދިޔަ ހަރަކާތެވެ. މިވަގުތު ރަށަށް ދިމާވެފައިވާ ދަތިތަކަށް އެހީވުމުގެ ގޮތުން، ރަށުގެ ޒުވާނުންގެ މެދުގައި ފޭސްބުކް މެސެންޖާރ ގްރޫޕެއް ހަދައި "ހެލްޕް ނަޑެއްލާ" ގެ ނަމުގައި ފަންޑް ރެއިޒިންގ ހަރަކާތެއް ވަނީ ހިންގާފައެވެ. އެހަރަކާތުން ލިބުނު ފައިސާ ކައުންސިލާ ވަނީ މިހާރު ހަވާލުކޮށްފައެވެ. އެ ހަރަކާތަކީ 24 ގަޑިއިރަށް ހިންގުނު އޮންލައިން ހަރަކާތެކެވެ.
އެ ހަރަކާތުން ޖުމްލަ 19,000 (ނަވާރަ ހާސް) ރުފިޔާ ލިބިފައިވެއެވެ. އެ އެހީ ދެއްވި ފަރާތްތަކުން އެހީ ދެއްވާފައިވަނީ ހާލަތާ ގުޅިގެން ކުރަންޖެހޭ ޚަރަދު ކުރުމަށްކަމަށެވެ. ޚާއްސަކޮށް ޝޯސަލް ސަޕޯޓް ޑެސްކުގެ މަސައްކަތަކަށެވެ. އެ ހަރަކާތް ހިންގި ޒުވާނުން ވަނީ އެހީ ވެދެއްވި އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
މިހާލަތުގައި އެރަށުގެ ސޯޝަލް ސަޕޯޑް ޑެސްކުގެ މަސައްކަތަށް ރައްޔިތުންގެ ފަރާތުން ކުރިމަތިވާ ގޮންޖެހުންތަކެއްވެސް އެބަހުއްޓެވެ. އެގޮތުން ޑެލިވަރީ ކުރުމުގައި ދިމާވާ އެއް ދައްޗަކީ އެއް ފަހަރާ ބޭނުންވާ ތަކެތީގެ ލިސްޓު ފޮނުވުމުގެ ބަދަލުގައި ވަކިވަކި ތަކެއްޗަށް ޑެލިވަރީ ކުރުމަށް އޯޑަރު ދިނުމެވެ. ކޮންމެ ގެއަކުންވެސް އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އެއްކަމަކީ އެދުވަހަކަށް ފިހާރައިން ގަންނަން ބޭނުންވާ ތަކެތި, އެއް ޑެލިވަރީއަކުން ނިންމާލެވޭ ގޮތަށް ލިސްޓް ހަދައިގެން ތަކެތި ގަތުމެވެ. އެކަމަށް ސަމާލުވުމަށް ރައްޔިތުންގެ ކިބައިން އެދެމެވެ.
މި ދަނޑިވަޅަކީ ސާފުތާހިރުކަމަށް އަހުލުވެރިވާން ޖެހޭ ދަނޑިވަޅެއް ކަމުން ގޭގެއިން އުކާލާ ކުނީގެ ތެރޭގައި ހިމެނޭ ޓިޝޫ، މާސްކު، ފަދަ ތަކެތި ވަކިން ވަކިކޮތަޅެއްގައި ބަންދު ކޮށްފައި ބެހެއްޓުމަށާއި، ގަރުދިޔަ ކަހަލަ އެއްޗެހި ކޮތަޅަށް އަޅާއިރު ދިޔަ ހުސްކޮށްފައި އެޅުމަށާއި، ކޮތަޅުތައް ނުމޮހޭނެހެން އައްސާފައި ބެއްޓުމަށް ސަމާލުކަން ދިނުމަކީވެސް ސޯޝަލް ސަޕޯޓު ޑެސްކަށް ފަސޭހަވެގެންދާނެ ކަމެކެވެ.
ސަޕޯޓް ޑެސްކުގެ ފަރާތުން ރައްޔިތުންގެ ކިބައިން އެދެނީ ކެތްތެރި ކަމާއެކު މިޙާލަތުން އަރައިގަނެވެން ދެން ކައުންސިލާއި، ސިއްޙީ މަރުކަޒުން ދޭ އިރުޝާދާ އެއްގޮތަށް އަމަލު ކޮށްދެއްވުމަށެވެ. މިހާލަތުގައި، އެއްގެއިން އަނެއްގެއަށް ތަކެތި އުފުލުމަކީ ރައްކާތެރިކަމެއް ނޫން ކަމަށްވާތީ އެކަން ނުކޮށް ވޭތޯ ބެލުމަކީ ވެސް ވިސްނަންޖެހޭ ކަމެއްކަން ހަދާނުގައި ބެހެއްޓުން ރަނގަޅެވެ.
ރަށުގެ ޒުވާނުން ކުރައްވަމުން ގެންދަވާ ޚިދުމަތަށް ޝުކުރުވެރިވާ ޙާލު އެ ފަރާތްތަކުގެ މަސައްކަތް ލުއި ކޮށްދެއްވުމަކީ ރަށު ރައްޔިތުންގެ ޒިންމާއެވެ. އެ ޒުވާނުން އެތިބީ ރައްޔިތުންގެ ހައްގުގައި 24 ގަޑިއިރުވެސް ޚިދުމަތް ކުރުމުގެ ގަދަ އަޒުމުގައެވެ. މި ބަލިމަޑުކަމުން އަރައިގަނެވޭނީ ތި އެންމެ ބޭފުޅުންގެ އެއްބާރުލުމާއެކީގައެވެ.
މި ފުރުސަތުގައި ނަޑެއްލާ ޒުވާނުންނަށް, ރަށުގެ ކުދިބޮޑު އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންގެ ނަމުގައި ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރަމެވެ. މި ބަލިމަޑުކަމުން އަޅުގަނޑުމެންގެ ރަށް ރައްކާތެރި ކުރައްވާށިއެވެ. އާމީން
އެޑިޓަރުގެ ނޯޓު: މިއީ ގާފުގެ ކޮލަމް ސެކްޝަނަށް އިނާޒު އަލީ ލިޔުއްވާފައިވާ ކޮލަމެކެވެ.