
217558849_4248570308536099_45039535662365784_n
އާބާދީގައި 700 އެއްހާ މީހުން ދިރިއުޅޭ ގދ. ނަޑެއްލާއަކީ މުޅި ހުވަދު އަތޮޅަށް ބަލައިލާއިރުވެސް ވަސީލަތްތައް މަދު އެއް ރަށެވެ. އެ ރަށަކީ ޒަމާނުއްސުރެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން އުޅޭ ހީވާގި ރައްޔިތެއް ދިރިއުޅޭ އެކުވެރި މުޖުތަމައެއް އޮންނަ ކުޑަ ރަށެކެވެ. އަސާސީ ޚިދުމަތްތައް ހޯދަން އަބަދުވެސް ބަރޯސާ ވާން ޖެހެނީ ވެރިކަން ކުރާ ތިނަދޫ އަށެވެ. އެއީ ތައުލީމަށް ވިޔަސް, ސިއްޙީ ދާއިރާއަށް ވިޔަސް, ވިޔަފާރީގެ ރޮނގުން ބެލި ނަމަވެސް އެކަން އޮތް ގޮތެވެ.

ހުވަދު އަތޮޅުގައި މި ފަހުން ހިނގައިދިޔަ އެންމެ ބޮޑު އެއް ކަމަކީ ގދ. ނަޑެއްލާއިން ތިނަދޫއަށް ގެންދިޔަ ބަލި މީހަކު ގޯންޏެއްގައި ލޯންޗަށް އެރުވި މައްސަލައެވެ. އެ މައްސަލަ ހޫނުވީ އެމަންޒަރު ދައްކުވައިދޭ ފޮޓޯއެއް މީސްމީޑިއާގައި ދައުރުކުރި ހިސާބުންނެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އޭގެ ތެރޭގައި މަޑަވެލި ދާއިރާގެ މެމްބަރު ޙުސައިން ފިރުޝާންވެސް ހިމެނިވަޑައިގަންނަވައެވެ.
އެ ކަން ހިނގައިދިޔަ ގޮތް އަދި އެއްވެސް ބަޔަކަށް ސާފުކޮށް އޮޅުންފިލާފައި ނޯވެދާނެތީ ކަމާ ބެހޭ އިދާރާތަކުގެ ބަހާ އެކު އެކަން ހިނގައިދިޔަގޮތް ގެނެސްދޭނަމެވެ.
އެއީ މިމަހުގެ 13 ވަނަ ދުވަހު ހިނގައިދިޔަ ކަމެކެވެ. އެދުވަހު ތިނަދޫއަށް ގެންދަން ލޯންޗަށް އެރުވި ބަލިމީހާ އަކީ އެރަށުން ފުރަތަމަ ކޮވިޑް19 އަށް ފައްސިވި އުމުރުން ދުވަސްވީ މީހާއެވެ. އެމީހާ އެރަށު ސިއްޙީ މަރުކަޒަށް ގެންދިޔައީ ނޭވާ ހާސްވުމާ ގުޅިގެންނެވެ. ސިއްޙީ މަރުކަޒުގައި އެމީހާއަށް ފަރުވާ ދިން އިރު އެމީހާ ކޮވިޑަށް ފައްސިކަމެއް ނޭނގެއެވެ. އަވަސް ފަރުވާ ދިނުމަށްފަހު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އެމީހާ ފޮނުވުމަށްޓަކައި އެރަށު ސިއްޙީ މަރުކަޒުން މަސައްކަތް ފެށިއެވެ.
ނަޑެއްލާ ސިއްޙީ މަރުކަޒުގެ މެނޭޖަރު, ފަސީހު އަލީ ވިދާޅުވީ, އެމީހާ އަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ތިނަދޫއަށް ފޮނުވުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އޭނާ ކަމަށެވެ. އަދި ލޯންޗު ނަޑެއްލާއަށް ބަނދަރުކުރުމުން މަރުކަޒުގެ ވޯޑުގައި އޮތް ބަލި މީހާ ބަނދަރަށް ފޮނުވުމުގެ ކަންކަމުގައި އުޅުނީ ޑޮކްޓަރާއި ނަރުހުން ކަމަށާއި އެވަގުތު ވޯޑުގައި ބަލިމީހާ އުފުލުމަށްޓަކައި "ސްޓްރެޗަރ"އެއް ވައްދާފައި ހުރި ކަމަށެވެ. އެ ސްޓްރެޗަރ އަކީ އެ މަރުކަޒުގައި ބޭނުންކުރާ ސްޓްރެޗަރ އެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަން ހިނގައިދިޔަ ވަގުތު އަޅުގަނޑު ނެތިން އެސަރަހައްދުގައި. ބަލި މީހާ ގެންދަން ވެގެން ރެޑީ ކުރިއިރު ވޯޑުގައި ހުންނާނެ ސްޓްރެޗަރ އެއް ބަހައްޓާފަ. އެއީ އެއަށް އަރުވައިގެން ބަލި މީހާ ގެންދަން ފަސޭހަވާނެތީ އޭތި އެތާ ބެހެއްޓީ. އޭތި ހުރީ ވޯޑު ދޮރު ކައިރީގައި. އެހެން ނަމަވެސް ރަށުގެ ހާލަތު ހުރި ގޮތުން އެމްބިއުލާންސެއް ނެތުމުގެ ސަބަބުން މި ބޭނުން ކުރަނީ ރަށު ޕިކަޕެއް. އޭގަ ބޭއްވޭ ވަރަށްވުރެ އަޅުގަނޑުމެންގެ އަތުގައި ހުރި ސްޓްރެޗަރ ދިގުވާނެ. އާންމުކޮށް ބަލި މީހުން އުފުލުގައި އެ ސްޓްރެޗަރ ބޭނުން ކުރާނެ," ފަސީހު ވިދާޅުވިއެވެ.
ބަލި މީހާ ލޯންޗަށް ގެންދިއުމުގައި ޑޮކްޓަރާއި ނަރުހުން ހަރަކާތްތެރިވާތީ ފަސީހު އުޅުނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަލިމީހާ ބަދަލުކުރާތީ ކުރަން ޖެހޭ އިދާރީ ކަންކަން ފުރިހަމަކުރުމުގައެވެ. އެކަމަކީ ނަޑެއްލާއިން ލޯންޗު ފުރުމުގެ ކުރިން ކުރަން ޖެހޭ ކަމަކަށްވާތީ ފަސީހު އެކަމާ މަސްއޫލުވެ އުޅުނީ އެވެ.
"އެމީހާ ލޯންޗަށް އެރުވީ ތި ބުނި އެއްޗެއްގެ (ގޯންޏެއްގެ) ބޭނުންކޮށްގެން ކަމެއް ހަނދާން ނެތުމަކީ ކުށަކަށް ވާނަމަ އެކަން އަޅުގަނޑު ކުށް ގަބޫލުކުރަން. އެހެންނަމަވެސް މަރުކަޒުގައި ސްޓްރެޗަރ އެއް އެބަހުރި. އަދި ތި ބުނި އެއްޗެއް (ގޯންޏެއް) ބޭނުންކޮށްގެން ބަލި މީހާ ލޯންޗަށް އަރުވާފައިވާކަމަށް ވާނަމަ, ބަލި މީހާގެ އެހީތެރިން އެކަމެއް ކުރާނީ އެކަން ކުރަން އެވަގުތު އެންމެ ފަސޭހަ ގޮތަކަށް. އަދި އެނޫން ގޮތެއްވެސް އޮތް ތޯ ބަލަން ޖެހޭނީ ބަލި މީހާގެ އެހީތެރިން," ފަސީހު ވިދާޅުވިއެވެ.
ފަސީހު ވިދާޅުވީ, ނަޑެއްލާ މަރުކަޒުގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތް ދެމުންދާނީ އަބަދުވެސް, އެއްވެސް މީހަކާ މެދު ތަފާތުކުރުންތަކެއް ނުބާއްވައި ހަމަހަމަކަމާއެކުގައި ކަމަށެވެ. އަދި އެ މަރުކަޒު ހިންގަނީ އޭނާއާއި އިތުރު ދެ މުވައްޒަފުންނާ އެކުގައި ކަމަށްވެފައި, އެ ކަން ހިނގައިދިޔަ ދުވަހު މަރުކަޒުގައި މަސައްކަތް ކުރަންތިބީ އޭނާއާއެކު ދެ މުވައްޒަފުން ކަމަށް ފަސީހު ވިދާޅުވިއެވެ.
"އެތަނުގައި ނުހުރެވުމުން ސްޓްރެޗަރ ގެންދިޔަ ކަމެއް ނުވަތަ ނުގެންދާ ކަމެއް, އެއީ ކުށަކަށް ވިޔަސް އެކަމެއް ނޭނގޭ. އަސްލު އެނގެން ޖެހޭނެ. އެހެން ނަމަވެސް ބަލިމީހާ ގެންދަން ވެގެން ރެޑީ ވި އިރު ވޯޑުގައި ސްޓްރެޗަރ ހުންނާނެ. މަދު މުވައްޒަފުން ލައިގެން މަސައްކަތް ކުރާއިރު އެވަރު ކަމެއް ހިނގާފާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ," ފަސީހު ވިދާޅުވިއެވެ.
މިއީ ސިއްޙީ މަރުކަޒުގެ މެނޭޖަރު އެ ކަމަށް ގުޅިގެން "ގާފު" އަށް ދިން އިންޓަވިއުގައި ވިދާޅުވި ގޮތެވެ. ދެން އޮތީ ބަނދަރު ސަރަހައްދުން މަންޒަރު ދުށް މީހުންގެ ވާހަކަ ހުރި ގޮތެވެ.
މަންޒަރު ދުށް މީހަކު "ގާފު" އަށް ކިޔައިދިން ގޮތުގައި އެމީހާ ގެންދިޔައީ ރަށު ޕިކަޕުގައެވެ. ރަށު ޕިކަޕުގެ ފަހަތު ބައިގައި މީހާ ބާއްވާފައި އޮތީ, ޖަމްބޯ ބޭގެެއް މަތީގައި ބާލިހެއް އަޅާފައެވެ. މީހާ އޮތީ ހުސް ގަޔާ ނޫން ކަމުގައި ވީ ނަމަވެސް އާންމުކޮށް ބަލިމީހުން ބަދަލުކުރާއިރު ހަށިގަނޑު ނިވާ ކުރަން އަޅާ ފޮތިގަނޑުވެސް އަޅާފައި ނެތެވެ. އަދި މީހާ ލޯންޗަށް އެރުވުމުގައި ބޭނުންކުރި ގޯންޏަކީ ރަށު ޕިކަޕުގެ ފަހަތުބައިގައި އަޅާފައި އޮތް ގޯނި ކަމަށްވެސް އެމީހާ ކިޔައިދިނެވެ.
މިކަމާ ގުޅިގެން އެރަށު ކައުންސިލްގެ ރައީސް, މުޙައްމަދު އަންޝާއު ވިދާޅުވީ, އެކަމަކީ ހިނގާފައިވާ ކަމެއް ކަމަށާއި ގޯންޏެއްގައި އެމީހާ އުފުލަން ޖެހުނީ އެމްބިއުލާންސެއް ނެތުމުގެ ސަބަބުން ކަމަށެވެ. އަދި އެމްބިއުލާންސެއް އޮތް ނަމަ, އެމްބިއުލާންސުގެ ވަސީލަތްތަކާ އެކު އެއަށްވުރެ ފަސޭހަކަމާއެކު މީހާ ލޯންޗަށް އެރުވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މެމްބަރެއްގެ އިހްތިސާސްގައި ނަޑެއްލާވެސް ހިމެނޭ, ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާންވެސް ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މެމްބަރު ވިދާޅުވީ ނަޑެއްލާގައި ސްޓްރެޗަރ ހުރެމެ، ގޯނިގަނޑެއްގައި ބަލިމީހަކު އުފުލުމަކީ ހިތާމަކުރައްވާ ކަމެއް ކަމެކެވެ.
ނަޑެއްލާގައި ހިނގައިދިޔަ މި ހާދިސާގެ ސަބަބުން އެރަށަށް އެމްބިއުލާންސެއް މުޙިއްމު ކަން އިހުސާސްކުރެވި ސަރުކާރާ ގުޅިގެން މެމްބަރު ފިރުޝާން ވަނީ އެރަށަށް އެމްބިއުލާންސެއް ހަމަޖައްސަވައއިދެއްވާފައެވެ. އެ އެމްބިއުލާންސް މިހާރު ދޯންޏަކަށް ލޯޑުކޮށް ނަޑެއްލާއަށް ފޮނުވުމަށްޓަކައި ދަތުރު ފަށާފައިވާއިރު, އެ ދޯނި ނަޑެއްލާއަށް ދެވޭނީ އަންނަ ހޯމަ ދުވަހާ ހިސާބުގައި ކަމަށް އެރަށު ކައުންސިލްގެ ރައީސް, އަންޝާއު ވަނީ ވިދާޅުވެފައެވެ.