
1593943622large
ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސްވެރިއަކު ނުވަތަ ވަޒީރަކު ރުއްސައިގެން ރަށު ތަރައްގީ ގެނައި ޒަމާން މާޒީވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅު އަދި ރަށު ކައުންސިލް ކުރިއަށްދާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން ނިންމުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިހާރު ރާއްޖޭގައި ކަންތައް ހިނގަނީ މީގެ 12 އަހަރު ކުރިން 2009 ގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ކަންތައް ހިނގި ގޮތަށް ނޫން ކަމަށެވެ.
"ތިމަންނާމެންދެން މި ދަނީ ތިމަންނާމެންގެ ކަންކަން ނިންމާލާށޭ، ތިމަންނާއެއް ދެން ނެތީމޭ މާލެ އައިސް ވަޒީރު ގޭދޮށުގައި މަޑުކޮށްލާގެން ހުރެ ދެން އެ ލިބުނު މިންވަރު ހިފާގެންގޮސް ރަށުގައި ރައްޔިތުން ގާތުގައި ވިދާޅުވީ މިހެންނޭ ވިދާޅުވީ އެހެންނޭ އެވާހަކަ ދައްކާކަށް ތިމަންނާ ނެތީމޭ. ތިމަންނާއަކު ނެތީމޭ ސަރުކާރު ހިއްސާވާ ކުންފުންޏެެއްގެ މެނޭޖިން ޑިރެކްޓަރު އަރިހަށް ގޮސްގެން އޭނާއާއި އެކު ކޮފީއަކަށް އަރާލާގެން، އޭނާ ހިތްހަމަ ޖައްސާލާގެން، ވަޒީރުބޭފުޅަކު ރުއްސާލައިގެން ތިމަންނާގެ ރަށުގެ ކަންތައް ފުރިހަމަ ވާނީ. ނޫން އެ ޒަމާން ނިމިއްޖެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިއަދު މި ފެންނަނީ ބަދަލުވެފައިވާ "އަނެއް ދިވެހިރާއްޖެ" އެއް ކަމަށެވެ. އަދި މިފެނިގެންދާނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިއަދު ފެނިގެން މިދަނީ ފަހުރުވެރިކަމާއި އެކު ރައްޔިތުން އަމިއްލައަށް ހަލާލު މަސައްކަތްކޮށްގެން އަތޮޅެއް ކޮޅަށް ތެދުވާ މަންޒަރު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"ކުޑަ ކުޑަ އޮށެއްގެ ސިއްރުން ވަރަށް ބޮޑު ބިޔަ ގަހެއް ފަޅުއްވާ، އޭގެ މާމެލާ މެލިން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ތަނަވަސްކަމާއި ފައިދާއާއި އުފާވެރި ދިރިއުޅުމެއް ހޯދޭނެ،" މި ހަފްލާ ނިންމާލަމުން ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންނަށް ވަޒީރުން ރުއްސަން ނުޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަ ދައްކަވާފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނުގެ އަރިހުން ސަރުކާރު ކޯލިޝަންގެ ޕާޓީތަކަށް އަންގަވާފައި އޮއްވަ އެވެ.
ގުޅުންހުރި

ރައީސް ނަޝީދު އަލުން އެމްޑީޕީއާއި ގުޅެން ނިންމައިފި: ޑިމޮކްރެޓްސްގެ މެމްބަރުންވެސް ގުޅޭނެ!

ގައުމު ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން - ފައްޔާޒު

އުއްތަމަ ފަނޑިޔާރު، ނަޝީދުއަށް ގުޅުއްވި ކަމަށްބުނެ ފަތުރަމުންދާ ހަބަރަށް ނަޝީދުގެ ރައްދު: "އަލިފުން ޔާއަށް އޭގައި ހުރީ ދޮގު"
