logoEN
Sto top
ގާފު ރެސިޕީ: ޗިކަން ރޯލްސް

ގާފު ރެސިޕީ: ޗިކަން ރޯލްސް

# ގާފު ރެސިޕީ

Reciped_Poster

ގާފު ރެސިޕީގެ މިއަދުގެ ރެސިޕީއެއްގެ ގޮތުގައި މިގެނެސްދެނީ ޗިކަން ރޯލްސް އެވެ.

Wamco

ބޭނުންވާ ތަކެތި:

މަސްގަނޑު:

600ގ. މިންސްޑް (މުސުރި) ކުކުޅު

2 މޭޒުމަތީ ސަމްސާ ޕާސްލީ

1 ބިސް (ގިރާފައި)

1/2 ޖޯޑު ފާރޮށި ކުނޑި

1/3 ޖޯޑު ފެހި އޮށް (ފްރޯޒަން)

1/3 ޖޯޑު ޒުވާރި އޮށް (ފްރޯޒަން)

1/3 ޖޯޑު ކެޕްސިކަމް (ކޮށާފައި)

1/3 ޖޯޑު ޓޮމާޓޯ ސޯސް

ލޮނާއި އަސޭ މިރުސް (ރަހަ ލާ ވަރަށް)

1 ބިސް (މަޑުމަޑުން ގިރާފަ - ރޯލްސްގައި އުނގުޅުމަށް)

ފުށްގަނޑު:

2 ޖޯޑު ފުށް

1 ބިސް

1 ސަމްސާ ބަޓަރު (ދިޔައި ކޮށްފައި)

ތައްޔާރުކުރާނެ ގޮތް:

ފުށް ޖޯޑު ފުރާނާލާފައި, އެއަށް ބިހާއި ބަޓަރުކޮޅު އަޅާފައި, ތާފަނާ ފެން ފޮދު އަޅައިގެން މޮޑެލާފަ އެއްކައިރީގައި ބަހައްޓާށެވެ.

އަވަން 200 ޑިގްރީސް ސެލްސިއަސްއަށް ހޫނު ކުރުމަށް ޖައްސާށެވެ.

ތަށްޓެއްގައި މަސްގަނޑު ހެދުމަށްޓަކައި ކުކުޅު, ކޮށި ޕާސްލީ, ބިސް, ފާރޮށި ކުނޑި, ތަރުކާރީ, ޓޮމާޓޯ ސޯސް އަށް ލޮނާއި އަސޭ މިރުސް އަޅައި އެއްކޮށްލާށެވެ.

މޮޑުނު ފުށްގަނޑު ތިން ގުޅައަށް ޖަހައި ތުނިކޮށް ބޮޑު ތިން ރޮށި ދަމާލާށެވެ.

ރޮށި ދަމާލުމަށްފަހު ކޮންމެ ރޮށްޓެއް ދެފަޅިއަށް ކަފާލާށެވެ .

ހެދި މަސްގަނޑު ހަބަޔަށް ބަހާލާފައި ކޮންމެ ރޮށި ފަޅިއެއްގައި ހިމަ ދިގުކޮށް އަތުރާލާށެވެ.

ރޮށި ތަތްކޮށްލުމަށް މަސްގަނޑު އެތުރި ފަޅި ނޫން އަނެއް ފަޅީގައި ގިރާފައި ހުރި ބިސް ތުނިކޮށް ހާކާލާށެވެ.

މަސްގަނޑާއެކު ރޮށި އޮޅާލާފައި ބޭސް އުނގުޅި ތަން ތަތްކޮށްލާށެވެ.

ހެދުނު 6 ރޯލްސްގެ ދެ ކޮޅުން މަސް ނުލެވި ބާކީވި ފުށްގަނޑު ބުރިކޮށްލާފައި ކޮންމެ ރޯލެއް ތިން ބަޔަކަށް ބައިިކޮށްލާށެވެ.

ބައިކޮށްލުމަށްފަހު ކޮންމެ ރޯލެއްގެ މަތީގައި ތޫނު ވަޅިއަކުން މަޑުމަޑުން ފާހަގައެއް ޖަހާލާފައި ގްލޭޒް ކުރުމަށް ބެހެއްޓި ބިސް އެއްވަރަކަށް އުނގުޅާލާށެވެ.

ގްލޭޒް ކުރުމަށްފަހު ހޫނު ކުރި އަވަނުގައި 20 - 15 މިނެޓު ވަންދެން ފިހޭށެވެ.

ތަރުކާރީ ކޮޅު ވަކިވަކިން ހޯދުމުގެ ބަދަލުގައި, މި ތިން ތިން ބާވަތް ނުވަތަ 2 ބާވަތް ހިމެނޭ ފްރޯޒެން ވެޖިޓަބަލްސް ބޭނުންކުރެވިދާނެ އެވެ.

ފުށްގަނޑު އަމިއްލއަށް ހެދުމުގެ ބަދަލުގައި ޕޭސްޓްރީ ޝީޓް ބޭނުން ކުރެވިދާނެ އެވެ. ޕޭސްޓްރީ ޝީޓް ބޭނުން ކުރާނަމަ ތިން ޝީޓް ދެ ފަޅިއަށް ފަޅިކޮށްލުމުން ފުދޭނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside