މެދުރާސްތާ ބަޖެޓަށް ބޭނުންވާ މައުލޫމާތު ފޮނުވަން އަންގައިފި

މެދުރާސްތާގެ ބަޖެޓް އެކުލަވައިލުމަށް ބޭނުންވާ މައުލޫމާތު ފޮނުވުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް އަންގައިފި އެވެ.

ސަރުކާރުގެ މެދުރާސްތާ ބަޖެޓަކީ މާލިއްޔާތު ގާނޫނާ އެއްގޮތަށް 2022 އިން 2024 އަށް އެކުލަވާލާ  ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި ނެޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ބަޖެޓެކެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި  ބުނެފައިވާ ގޮތުގައި މި ބަޖެޓް އެކުލަވައިލަން ދައުލަތުގެ މަސްއޫލު އޮފީސްތަކުން އަލަށް ފަށަން ހަމަޖައްސާފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް ނުވަތަ އާ ޕޮލިސީ އިނިޝއޭޓިވް އެ މިނިސްޓްރީއަށް ހުށަހެޅުމަށެވެ.

އާ ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ހުށަހަޅަން ޖެހެނީ ބަޖެޓުގައި ހިމަނަން ބޭނުންވާ އާ ކަންތައްތަކާއި ބަޖެޓުން އިތުރަށް ޖާގަ ބޭނުންޗވެގެން ހުށަހަޅާ ކަންތައްތަކެވެ. އެކަމަކު ހުށަހެޅުންތައް ބަޖެޓުގައި ހިމެނުމާމެދު ވަކި ގޮތެއް ނިންމާނީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީންނެވެ.

"ނިއު ޕޮލިސީ އިނިޝިއޭޓިވްސް ސީލިން ކަނޑައެޅިފައި ވަނީ މެދުރާސްތާގެ ބަޖެޓުގައި އައު ހަރަކާތްތަކަށާއި މަޝްރޫއުތަކަށް ޖާގަ ދެވޭނެ ޖުމްލަ މިންވަރަށް ބަލައިގެން އޮފީސްތަކަށް ބަހާލައިގެންނެވެ. މި ސީލިންއަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓުގައި އެ އޮފީހަކަށް ހިމެނިފައިވާ އަދަދެއް ނޫނެވެ. ނަމަވެސް ހުށަހަޅާ ކަންތައްތަކުގެ ތެރެއިން ބަޖެޓުގައި ހިމެނުމަށް ނިންމާ ކަންތައްތަކުގެ ބަޖެޓު، ބަޖެޓު ފައިނަލް ކުރުމުގެ މަރުހަލާގައި އޮފީސްތަކުގެ ބޭސްލައިން ބަޖެޓް އިތުރުކުރެވޭނެ އެވެ،" ސާކިއުލާގައިވެ އެވެ.

ފިނޭންސް މިނިސްޓަރު އަމީރު ސޮއި ކުރައްވާ ނެރުނު ސާކިއުލާގައި ބުނެފައި ވަނީ އާ ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ހުށަހަޅާ ކަންތައްތަކަކީ އެ ސިޔާސަތެއް ތަންފީޒު ވުމުން ބަޖެޓުން ކުރެވޭ ހޭދައާ އެއްހަމަ ނަތީޖާއެއް ނެރެވޭ، އަދި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރެވޭނެ ކަންތައްތަކަކަށް ވާންޖެހޭނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނާ ލޯކަލް ކައުންސިލްތައް މި ސާކިއުލާއަށް އަމަލު ކުރަން ނުޖެހޭނެ ކަމަށްވެސް ސާކިއުލާގައި ބުނެފައިވެ އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް