
DSC_8230
ކޮވިޑް 19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ވަރުބަލިކަމެއް ނެތި ހަރަކާތްތެރިވަމުންދާ ތިނަދޫގެ ރެޕިޑް ރެސްޕޮންސް ޓީމުގެ އަގު ވަޒަންކޮށް ތިނަދޫ ސްކޫލުން ނަމޫނާ ދައްކައިފިއެވެ.
ތިނަދޫ ސްކޫލުގައި ރޭ ބޭއްވި ހަފްލާގައި ރެޕިޑް ރެސްޕޮންސް ޓީމުގައި ހަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދެވެ.
މިފަދަ ހަފްލާއެއް ބާއްވާ އެ ޓީމުން ކުރި މަސައްކަތުގެ އަގު ވަޒަން ކޮށްދެއްވި ކަމަށްޓަކައި ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ ހަފްލާއެއް ބޭއްވުމަށް އެ ސްކޫލަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ތިނަދޫ ސްކޫލުގެ ފަރާތުންވެސް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
ރޭ ބޭއްވި ހަފްލާއަކީ ތިނަދޫ ސްކޫލުގެ ސްޓާފުންގެ ފަރާތުން ބޭއްވި ހަފްލާއެކެވެ. މި ހަފްލާގައި ސްޓާފުންގެ ފަރާތުން ފަރިއްކުޅުއްވުމެއް އަރުވާފައިވާއިރު ތިނަދޫ ސްކޫލުން ވަނީ ރެޕިޑް ރެސްޕޮންސް ޓީމަށް ހާއްސަކޮށް ލަވައެއްވެސް ލޯންޗްކޮށްފައެވެ. އަދި އެ ސްކޫލުގެ އެންމެހާ ސްޓާފުންނާއި ދަރިވަރުންގެ ފަރާތުން އެ ޓީމު ކުރި މަސައްކަތައް ވަނީ ޝުކުރު އަދާކޮށްފައެވެ.












