އައިސީސީ ކްރިކެޓް ވޯލްޑްކަޕް ފައިނަލުގައި 6 ވިކެޓުން އިންޑިޔާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އޮސްޓްރޭލިޔާ އިން ހޯދައިފިއެވެ. އަދި މިއީ މިމުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދި ހަވަނައަށް ފަހަރެވެ.
އިންޑިޔާގެ އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި 110,000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު ފޯރިގަދަ ފައިނަލް މެޗުގައި ޓޮސް ދިމާވެގެން އޮސްޓްރޭލިޔާ އިން ގަސްދުކުރީ ހޮވާށެވެ. އަދި މިމުބާރާތުގައި ކުޅުނު 10 މެޗުން ވެސް މޮޅުވެ ފައިނަލުން ޖާގަ ހޯދި އިންޑިޔާ އިން ކުޅެންއަރައި 50 އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 240 ލަނޑެވެ.
ޖަވާބުގައި އޮސްޓްރޭލިޔާ އިން ވަނީ ކުޅެންއަރައި 43 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 241 ލަނޑު ކާމިޔާބުކޮށް އިންޑިޔާގެ މައްޗަށް ކުރިހޯދާފައެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފައިނަލް މެޗުގައި 63 ބޯޅައިން 54 ލަނޑުހެދި އިންޑިޔާ ޓީމުގެ ތަރި ވިރާތު ކޯލީ އެވެ. އޭނާ ވަނީ މި މުބާރާތުގައި އިންޑިޔާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކާގެ ދެ ރެކޯޑެއް މުގުރާލާފައެވެ.
އެއީ 50 އޯވަރު ކުރިކެޓުފައި 49 މެޗެއްގައި 100 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްގެން ޓެންޑުލްކާ ހަދާފައިވާ ރެކޯޑުގެ އިތުރުން 2003 ވަނަ އަހަރުގެ ވޯލްޑްކަޕްގެ 11 މެޗުގައި 663 ލަނޑު ކާމިޔާބުކޮށްގެން ޓެންޑުލްކާ ހަދާފައިވާ ވޯލްޑްކަޕް އެއް މުބާރާތެއްގައި އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ރަނަރަޕް ނިއުޒިލޭންޑް އާއި ދެކޮޅަށް ހެދި 117 ލަނޑާއެކު ވިރާތު ކޯލީ ވަނީ 50 އޯވަރު ކުރިކެޓުފައި 50 މެޗުގައި 100 އަށް ވުރެ ގިނަ ލަނޑު ހަދާފައެވެ. އަދި މީގެ އިތުރުން ފައިނަލް މެޗުގައި ހެދި 54 ލަނޑާއެކު މިމުބާރާތުގައި ކުޅުނު 11 މެޗުގައި ވިރާތު ކޯލީ ވަނީ ޖުމްލަ 665 ލަނޑު ހަދާފައެވެ.