ވޯލްޑްކަޕް ކޮލިފައިންގައި ކޮލަމްބިއާ އަދި އާޖެންޓީނާ އާއި ދެކޮޅަށް ކުޅެން އެކުލަވާލި ބްރެޒިލްގެ ގައުމީ ޓީމުން ރެއާލް މެޑްރިޑްގެ ޒުވާން ފޯވާޑް އެންޑްރިކް ޖާގަ ހޯދައިފި އެވެ.
2022 ވަނަ އަހަރުގެ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 60 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ރެއާލް މެޑްރިޑާއި ގުޅުނު ފޯވާޑް ލޯނު އެއްބަސްވުމުގެ ދަށުން މިވަގުތު ކުޅެމުން އަންނަނީ ބްރެޒިލްގެ ޕަލްމެއިރަސް އަށެވެ.
އުމުރުން 17 އަހަރުގެ އެންޑްރިކް އަކީ ފާއިތުވެދިޔަ 30 އަހަރުގެ ތެރޭގައި ބްރެޒިލްގެ ގައުމީ ޓީމުން ޖާގަހޯދި އެންމެ ޒުވާން ކުޅުންތެރިއާއެވެ. އަދި މިސީޒަނުގައި ޕަލްމެއިރަސް ގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެންޑްރިކް ވަނީ ބްރެޒިލް ލީގުގައި މިހާތަނަށް ކުޅުނު 27 މެޗުގައި އެޓީމަށް 9 ލަނޑު ކާމިޔާބުކޮށްދީ ބްރެޒިލްގެ ލީގުގެ އެއްވަނަ އެޓީމަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.
ހަތް ޕޮއިންޓާ އެކު ވޯލްޑްކަޕް ކޮލިފައިންގ ސައުތު އެމެރިކާ ސަރަހައްދުގެ ތާވަލުގެ ތިން ވަނައިގައި އޮތް ބްރެޒިލް އަންނަ ބުރާސްފަތި ދުވަހު ބަރަންކުއިލާގައި ނުކުންނާނީ ހަ ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތް ކޮލަމްބިއާއާ ދެކޮޅަށެވެ. އަދި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ކުޅޭ ދެވަނަ މެޗުގައި ބްރެޒިލް ނުކުންނާނީ ރިއޯ ޑި ޖެނީރޯގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައި 12 ޕޮއިންޓާ އެކު ކޮލިފައިންގެ މިހާރުގެ އެއް ވަނައިގައި އޮތް އާޖެންޓީނާއާ ދެކޮޅަށެވެ.