އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހަންކެޑެ ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކް އެންޖިނިއަރިންގ ކޮމްޕެނީ އާ އެވެ.
ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ތެރެއިން އައްޑޫ ސިޓީގައި 2082 އެނދު ހިމެނޭގޮތަށް 1041 ކޮޓަރި ތަރައްޤީކުރެވިގެންދާނެ އެވެ. މި ޕްރޮޖެކްޓުގެ ދަށުން ތައާރަފްކުރެވޭ ތަފާތު ގިންތީގެ ހޮޓެލްތަކުގެ ތެރޭގައި 2 ގްރޭންޑް، 2 ޑިލަކްސް އަދި 10 ބުޓީކް ހޮޓެލް ހިމެނެ އެވެ. އަދި 64 ސަރވިސްޑް އެޕާޓްމަންޓްތަކުގެ އިތުރުން 17 ބީޗް ވިލާވެސް މި ޒަމާނީ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ދާނެ އެވެ.
އެމްއެފްއެމްސީން ބުނެފައިވާ ގޮތުގައި، މި މަޝްރޫއަކީ ނޮލެޖް ސެންޓަރ، މިކްސްޑް ސްޕޯޓްސް ބިލްޑިންގ، އައުޓްޑޯރ ބީޗް ސްޕޯޓްސް އަދި ތިއޭޓަރ ފަދަ ރެކްރިއޭޝަނަލް ޙިދުމަތްތަކާއު ފުޑްކޯޓާއި ތަފާތު ރެސްޓޯރަންޓްތަކާއި ފިހާރަތައް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މަޝްރޫޢެކެވެ.
ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާޢަތް ސިންދަފާތުކޮށް، އިންޤިލާބި ބަދަލުތަކެއް ގެނެސްދިނުމުގެ އިތުރުން، އައްޑޫ ސިޓީ ދެމެހެއްޓެނިވިގޮތުގައި ތަރައްޤީވުމަށް މަގުފަހިވެގެންދާނެ އެވެ. ހަންކެޑެ އަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމާއި ގުޅިފައިވާ ޕްރޮޖެކްޓަކަށްވެފައި، ފަތުރުވެރިކަމުގެ ނަފާ މުޅި އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބި، އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ ކަމަށް އެމްއެފްއެމްސީން ވަނީ ބުނެފައެވެ.
މިއީ ރާއްޖޭގައި އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓްގެ ދަށުން ތަރައްޤީކުރެވިގެންދާ މިފަދަ ފުރަތަމަ މަޝްރޫއެވެ.