ރާއްޖޭގައި ކޮވިޑް-19 ޖެހިގެން އުމުރުން ދުވަސްވީ އަންހެނަކު މަރުވެއްޖެ އެވެ.
"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 90 އަހަރުގެ އަންހެނެކެވެ. އަދި އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ މީހެއްކަން އެނގިފައިވެ އެވެ.
މަރާއިއެކު ރާއްޖެެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 57 އެވެ. އަދި މިއީ މިއަހަރު ފެށުނު ފަހުން މި ބަލީގައި މަރުވި 9 ވަނަ މީހާއެވެ. އަދި ފެބްރުއަރީ މަސް ފެށުނު ފަހުން ރިކޯޑް ކުރެވުނު 5 ވަނަ މަރެވެ.
ކޮވިޑްގެ ތިން ވަނަ ރާޅާއި އެކު މިބަލީގައި ފައްސިވާ މީހުންގެ އަަދަދު މިވަނީ މައްޗަށް ގޮސްފައި އެވެ. އަދި މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ދެކުނު ދެ ސިޓީ ކަމުގައިވާ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއިންވެސް މިބަލި ވަނީ މުޖްތަމައުގެ ތެރެއިން ފެނިފައިއެވެ.
މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 17507 އަކަށް އަރާފައިވާއިރު އޭގެ ތެރެއިން 15،142 މީހަކު ވަނީ ރަނގަޅުވެފަ އެވެ.