







big_PMZ4d4Xni8gxefkLQvRAUkUSu
ނަފްސާނީ ބަލީގެ ފަރުވާއަކީ، އެންމެނަށް ކަށަވަރުވެފައިވާ ހައްގަކަށް ވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ވޯލްޑް މެންޓަލް ހެލްތު ޑޭ ނުވަތަ ދުނިޔޭގެ ނަފްސާނީ ސިއްޙަތުގެ ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، ނަފްސާނީ ދުޅަހެޔޮކަން ބައިނަލްއަޤްވާމީ ފެންވަރުގައި އިސްކަންދެވޭ ކަމަކަށް ހެދުމަށްޓަކައި މުޅި މުޖުތަމަޢު މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
އަދި ހެޔޮ އަގެއްގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދޭނެ ގޮތް ހެދުމަކީ އެންމެނަށް ކަށަވަރުވެފައިވާ ހައްގަކަށް ވާންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދުނިޔޭގެ ނަފްސާނީ ޞިއްހަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހެވެ.
ނަފްސާނީ ބަލިމަޑުކަމަކީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ އެއްބައްޔެވެ. ބަލީގެ ޙާލަތު ގޯސްވެފައިވާ މިންވަރަށް ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް، ސަރުކާރުން އަންނަނީ ބައްޔާއި ދެކޮޅަށް ދެވޭ ފަރުވާ އިތުރުކޮށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންނެވެ.






