
211587_a239527e-c_
ގައުމު އާރާސްތުވާނީ ޒުވާނުން ބިނާވެގެން ކަމަށް ރައީސުލްްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަމުން ރައީސްް ސޯލިހު ވިދާޅުވީ، ގައުމު އާރާސްތުވާނީ ޒުވާނުން ބިނާވެގެންކަމަށާާއި، އެކަމަށްޓަކާ ސަރުކާރުން އިސްކަންދީގެން ކުރާ ޚާއްސަ މަސައްކަތްތަކެއް އެބަހުރިކަމަށެވެ.
އެގޮތުން ތަޢުލީމީ ނިޒާމް މުޅި ރާއްޖޭގައި އެއްހަމަކުރުމަށްޓަކާ ފުރަތަމަ ބޭނުންވީ ކަމަކީ އެކަމަަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަަ ކުރަން ކަމަށާއި، ލިބެންހުރި ވަސީލަތްތަކާ ދިމާ ނުވުމުން ކުރިމަތިވާ ދަތިތައް ސަރުކާރާ ހަވާލުވިއިރުވެސް އޮތް ކަމަށެވެ.
އެކަންތައްތައް ހައްލުކުރުމަށްޓަކާ މިހާތަަނށް ސްކޫލްތަކުގައި ކިޔަވައިދިނުމަށް އޮތް ތަކުލީފު ކުޑަކޮށް، ޖާގައާ ވަސީލަތްތައް އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގާ 1578 ކްލާސްރޫމާ، 85 މަލްޓިޕާޕަސް ހޯލް ދަނީ ނިމެމުން ކަމަށާއި، ތަޢުލީމީ ދާއިރާއާ ގުޅޭ އިތުރު 509 ޢުމުރާނީ މަޝްރޫޢު ހިނގަމުންދާ ކަމަަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
"ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުން. އެ މުދައްރިސުންނަށް ބޭނުންވެ މިހާތަނަށް ނުވެހުރި ވަރަށް ގިނަ ބޭނުންތައް މިހާތަނަށް ފުރިހަމަކޮށްދެވިއްޖެ. އަދިވެސް ކުރިއަށްއޮތް ތަނުގާ ކުރިއަށް ގެންދަންޖެހޭ ތަޢުލީމީ ދާއިރާގެ މިފަދަ މަޝްރޫޢުތައް އެބަހުރި." - ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގެ މައްޗަށް އިތުރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތެއް ނެތް ކަމަށާއި، އެހެން ނަމަވެސް މިއަދު މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މަތީ ސާނަވީއަށް ކިޔެވޭނެ ފުރުސަތު ފަހިކޮށްދެވިފައި އޮތުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.
















